ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރީގެ އަގުތައް އިންޑިއާއަކަށް ނޭނގޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރީގެ އަގުތައް އިންޑިއާއަކަށް ނޭނގޭ!
ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ފަށައި ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް މިހާރު އޮޕަރޭޓްކުރަމުން ގެންދާއިރު އެކަމުގެ މައުލޫމާތާއި ގެސްޓް ހައުސްތަކުން ކޮޓަރި ލިބެންހުރި އަގުތައް އިންޑިއާއަށް ރަނގަޅަށް ނުއެނގޭކަމަށް އިންޑިއާގެ ނޫސްވެރިއަކު ބުނެފިއެވެ.

މުމްބާއީގެ ނޫހަކަށް މަސައްކަތްކުރާ އަޚްތަރު ބުނީ އަދިވެސް އިންޑިއާގެ ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮތީ ރާއްޖެއަކީ ދުނިޔޭގެ އެންމެ އަގު ބޮޑު އެއް މަންޒިލުގެ ގޮތުގައި ކަމަށެވެ. ދުވާލަކަށް އެންމެ މަދުވެގެން 300- 400 ޑޮލަރު ޚަރަދުކޮށްގެން ނޫނީ ކޮޓަރިއެއް ނުލިބޭނެ ކަމަށް ކަމަށެވެ.

އަޚްތަރު ބުނީ އިންޑިއާ އަކީ ހުރިހާ ފަންތިއެއްގެ މީހުން އުޅޭ ޤައުމަކަށްވުމުން އަދި ގިނަ ބައަކީ އާދައިގެ ފެންވަރުގެ މީހުން ކަމަށްވުމުން ރާއްޖޭގެ ގެސްޓްހައުސްތަކުން ކޮޓަރި ލިބެންހުރި އަގުތައް އެނގުން ވަރަށް މުހިންމު ކަމަށެވެ.

"އިންޑިއާގެ ޢާންމު ފެންވަރުގެ ގިނަ މީހުންނަކީ ބަނގުރާ ބޭނުންކުރާ ބައެއް ނޫން. އެހެންވީމާ ޗުއްޓީގައި ތިބޭއިރު ބަނގުރާ ނުލިބުމަކީ އިންޑިއާ ރައްޔިތުންނަށް އެހައި ބޮޑު މައްސަލައަކަށް ނުވާނެ. މީރު ކެއުމަކާއި އެކަށީގެންވާ ފެންވަރުގެ ކޮޓަރިއެއް ނިދާލަން ލިބިއްޖެ ނަމަ ތިބޭނީ ހިތްހަމަޖެހިގެން." ކަމަށް ވެސް އަޚްތަރު ބުނެފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ޢާންމު ގޮތެއްގައި އަދި އަންނަނީ ތަންކޮޅެއް ތަނަވަސް މީހުންނެވެ. އެހެންކަމަށްވާއިރު އެއިގެ ދަށު ފެންވަރަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކޮށްފިނަމަ އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން