ނަރަކައަށް ދާންޖެހުނު މީހަކާއި އިންޓަރވިޔުއެއް ކުރެވުނު ވާހަކަ އަޑުއެއްސެވީމުތޯއެވެ؟ މި ވީޑިއޯގައިވާ ދަރުސް ބިނާވެފައިވަނީ އެފަދަ އިންޓަރވިޔުއެއްގެ ގޮތުގައެވެ.
އެމީހާ އާއި ކުރެވޭ ސުވާލުތަކަށް ޖަވާބު ލިބެނީ ކީރިތި ޤްރްއާނުގެ އާޔަތްތަކުންނެވެ.
ޔަޤީނުން ވެސް ފުރަތަމަ ކަމަކީ ނަމާދުއެޅުމެވެ. ދަރުސްގައި ދެވަނައަށް ފާހަގަކޮށްފައިވަނީ ހައިހޫނުކަމުގައި ތިބި މީހުންނަށް ކާން ނުދިނުމެވެ.
އަމިއްލައަށް ބޭނުންހައި އެއްޗެއް ކައި ބޮޑެތި ޚަރަދުތައް ކުރަމުން ގެންދާއިރު ނިކަމެއްޗަކަށް ކާންދިނިންހެއްޔެވެ؟ ހައިހޫނުކަމުގައިހުރެ މަސްތުވާ ތަކެތި ބޭނުންކުރާ މީހަކު ނަމަވެސް ކާއެތިކޮޅަކަށް އެދިއްޖަނަމަ އެހީތެރިވާށެވެ. ނަމަވެސް އޭނާ މަސްތުވާތަކެތި ގަނެފާނެކަމަށް ބިރުވެތިވާށެވެ. އެފަދަ މީހުންގެ އަތަށް ފައިސާ ދިނުމެއް ނެތެވެ.
މަތިވެރިކަން ބޮޑުވެގެންވަނީވެސް ކާނެ ތަކެތި ދިނުމުންނެވެ. ކާތަކެތި ގަނެފައި ދޭށެވެ. ނަމަވެސް އެކަމަށް ވަގުތު ނެތްނަމަ މާތް ﷲ ގެ ޙަޞްރަތުން ސަވާބު އެދި ހެޔޮ ނިޔަތުގައި ފައިސާ ދޭށެވެ. މޮޅު އިތުރުވެގެންވަނީ އެމީހާގެ ހައިހޫނުކަން ފިލާވަރަށް ކާތަކެތި ގަނެވޭވަރަށް ފައިސާ ދިނުމެވެ.
ނަރަކައަށް ވަންނަން ޖެހޭ އަނެއް ބައަކީ މުނާފިޤުންނެވެ. މުނާފިޤުންނަކީ ނަރަކައަށް ދާންޖެހޭނެ ބައެކެވެ. އެހެންކަމުން އަމަލުތައްކުރާއިރު އެކަމަށް ބިރުވެތިވާށެވެ. ކޮންމެ ކަމެއްގައިވެސް ދެފުށް އެއްގޮތް ކުރާށެވެ. ދެމޫނުގެ ވެރިއަކަށް ނުވާށެވެ. އަމިއްލަ ހަޔާތުގެ ކަންކަމުގައިވެސް މެއެވެ.
ީއެމީހުން ހިތަށް އެރިހައި ކަމެއް ކުރުމުގައި ހަޔާތް ވޭތިކުރަމުން މާތް ﷲ ގެ ރަޙްމަތްފުޅު ލިބޭނެ ކަމަށް ބައެއް މީހުން އުންމީދުކުރެއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އެކަމަށް އެދިގެން ނުވާނެއެވެ. ސުވަރުގެ އެދޭމީހާ އެކަމަށް އެދިގެން މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ފަރުޟާއި ސުންނަތުގެ ގޮތުގައި އެކަންކަން އެނގެން އެބައޮތެވެ.
ނަރަކައިގެ ބިރުވެރިކަމުގެ ވާހަކަތައް މިމޭރުމުގައި އައިސްފައި ހުރިއިރު ސުވަރުގޭގެ އުފާވެރިކަމުގެ ވާހަކަތައްވެސް ހަމައެގޮތުގައި އެބަހުއްޓެވެ.
ރޭގަނޑު އަނދިރީގައި މިސްކިތަށް ގޮސް އުޅޭ މީހުންނަށް އުފާވެރިކަމުގެ ޚަބަރުހުރިކަން މާތް ﷲ ވަނީ ވަހީ ކުރައްވަވައިފައެވެ.
(ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މަގުތައް އަލިކޮށްފައި އޮތް ނަމަވެސް އަނދިރީގައި ރޭގަނޑުގެ ނަމާދުތަކަށް ދާންޖެހޭ ރަށްތައް، އަވަށްތައް އެބަހުއްޓެވެ. އަލިކަން ލިބިފައިވާނަމަ އަލިކަމުގައި ދިއުމަކީ ހައްޤުވެގެންވާ ސަވާބު ނުލިބޭނެ ސަބަބެއް ނޫނެވެ.)
ދީނީ އިލްމުވެރިން މިފަދަ ސުރުޚީތައް ނަންގަވައިގެން ދަރުސް ދެއްވަވަނީ މީސްތަކުންގެ ސަމާލުކަން ހޯއްދެވުމަށެވެ. މީސްތަކުންނަށް ކަންކަން ވިސްނޭނެ އިބަރާތުން އޮޅުން ފިލުއްވައި ދެއްވުމުގެ ގޮތުންނެވެ.
ގުޅުންހުރި ވީޑިއޯ: