މިިޔުޒިކަކީ އިސްލާމް ދީން ދިރުވާ އެއްޗެއް ކަމަށް ތިއަ ބުނަނީ ހަމަ ކެރިހުރެގެން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
މިިޔުޒިކަކީ އިސްލާމް ދީން ދިރުވާ އެއްޗެއް ކަމަށް ތިއަ ބުނަނީ ހަމަ ކެރިހުރެގެން ހެއްޔެވެ؟
ދީނީ ބައެއް އިލްމުވެރިން އެމީހުންގެ މަޝްހޫރުކަން އިތުރުކުރަން ނުވަތަ ލިބިފައިވާ މަޤާމުގެ ދިފާއުގައި ހުރިހާ ކަމެއް ހުއްދަކުރަމުން ގޮސް މިޔުޒިކާއި އިސްލާމް ދީނުގެ ދިރުމާއިވެސް އެބަ ގުޅުވައެވެ. އެގޮތަށް ބުނާނަމަ އެބުނެވެނީ މިޔުޒިކްގެ ސަބަބުން އިސްލާމް ދީނަށް ދިރުން ލިބޭކަމަށް ނޫން ބާވައެވެ!

އެއީ ހަމަ ތެދެކެވެ. އިސްލާމް ދީނަކީ ދިރިހުރި ދީނެކެވެ. ދިރި ހުންނާނެވެސް ދީނެވެ. ކިތަންމެ ބައަކު ގުޅިގެން މަސައްކަތް ކުރި ނަމަވެސް އިސްލާމް ދީނަށް އެއްވެސް އުނިކަމެއް ވެސް ނުގެނެވޭނެއެވެ. އިސްލާމް ދީނުން ބޭރުން މީހަކު ނުވަތަ ބައަކު ކުރާ ކަމަކުން އިސްލާމް ދީނަށް ލިބޭނެ އެއްވެސް ގެއްލުމެއްވެސް ނުއޮންނާނެއެވެ. އިސްލާމް ދީނުން ބޭރުން ކަންކަން ކުރާނަމަ އެކަމެއްގެ ހުރިހާ ގެއްލުމެއްވެސް ލިބޭނީ އެކަމެއް ކުރި މީހަކަށެވެ.

މިޔުޒިކް އުފެދިގެން އައީވެސް މީސްތަކުން މަގު ފުރެއްދުމަށެވެ. ޝައިޠަނާއަށް ކުރާ ކައްކައިދިނުމަށެވެ. ޝައިޠާނާގެ މަޅީގައި ޖެހިގެންނެވެ. މިޔުޒިކް ފެށިގެން އައި ގޮތުގެ ތާރީޚުން އެކަންކަން އެނގިގެންދެއެވެ. އާދަމްގެފާނުގެ ދަރިކަލުންނާއި ހަމައިންނެވެ.

އިސްލާމް ދީނަކީ ދިރުން ހުރި ދީނެކެވެ. ހަމައެކަނި ދިރުން ހުރީއެއް ނޫނެވެ. އެންމެ ދިރުން ހުރި ދީނަކީ އިސްލާމް ދީނެވެ. ހުރި ބޮޑެތި ގޮންޖެހުންތަކާއިއެކުވެސް ދުނިޔޭގައި މިއަދުވެސް އެންމެ ބާރަށް ފެތުރެމުން އަންނަ ދީނަކީ އިސްލާމް ދީންކަމަށްވެފައި ވުމަކީ އެކަމުގެ ސާބިތު ހެއްކެކެވެ. އިސްލާމް ދީން ފެތުރުނަ ނުދިނުމަށް އެންމެ ގަދައަށް ހުރަސް އަޅަމުން އަންނަ ޤައުމުތަކުގައި ހުރަސްތައް ގިނަ ކުރި ވަރަކަށް އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އެއީ އެކަމުގެ އެންމެ ސާބިތު އެއްހެއްކެވެ.

އިސްލާމީ ޤައުމުތަކުގައި މުންކަރާތްތައް އިތުރުވަމުން އަންނައިރު އިސްލާމީ ނޫން ޤައުމުތަކުގައި އިސްލާމް ދީން ޤަބޫލުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މުސްލިމް ޤައުމުތަކުގައި ހުކުރު ނަމާދާއި ދެ އީދު ނަމާދަށް އެކަނި މިސްކިތްތައް ފުރުނު ނަމަވެސް އިސްލާމީ ނޫން ޤައުމުތަކުގައި ކޮންމެ ނަމާދެއްގައި އެދަނީ މިސްކިތްތައް ފުރެމުންނެވެ. ބޮޑު އަގުގައި ނަމަވެސް މިސްކިތެއް އަޅާނެ ބިންކޮޅެއް ނުލިބިގެން ގިނަ ޤައުމުތަކުގައި މުސްލިމުން ތެޅި ފޮޅެނީއެވެ.

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިން ގެންދަވަނީ އެކަންކަން ބަޔާންކޮށްދެއްވަމުންނެވެ. ޚަބަރުގައި އެވާ ވީޑިއޯއަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކުގެ ފަތުވާއެވެ. މިޔުޒިކް ހަލާލުކޮށް ޕާޓީކުރަން ހުއްދަކުރާ މީހުން ނިކަން މިވީޑިއޯ ދޮގުކޮށްބަލާށެވެ. މިޔުޒިކުގެ ހަޤީޤަތް އެނޫން ގޮތަކަށް ހުށަހަޅައިދީބަލާށެވެ.

"ބައެއް" ޢިލްމުވެރިން މިޔުޒިކް ހުއްދަ ކުރާ ކަމަށްބުނާއިރު އެއީ ކޮން ޒަމާނެއްގައި އުފެދުނު އިލްމުވެރިންކަން ވެސް ބުނެދޭންޖެހޭނެއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަރިހުގައި ހުންނަވައިގެން ޢާއިޝަތުގެފާނު ބެއްލެވީ މިސްކިތްކޮޅުގައި ކުލުނު މިޔުޒިކް ޝޯއެއްކަން ނުވަތަ ހަނގުރާމައިގެ އުކުޅުތައް ދައްކައިދިން ޑްރިލެއްކަން ވެސް ބުނެދޭން އެބަޖެހެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބައިވެރިވެވަޑައިގަތީ ކޮން ތަނެއްގެ ސްޓޭޖެއްގައި ކުޅުނު މިޔުޒިކް ޝޯއެއްގައިކަންވެސް ބުނެދޭންޖެހޭނެއެވެ. ރާއްޖޭގައި މިހައިތަނަށް ކިޔަމުން އަންނަ އެއްވެސް ސިޔަރަތަކުން އިތުރު މާތް ނަބިއްޔާ މިޔުޒިކްޝޯ އާއި ނާޗަރަންގީ ބެއްލެވި ކަމަކަށް ނުކިޔައެވެ.

ޝައިޠާނާ ދުނިޔެއަށް ގެނުވި އެއްވެސް މުންކަރާތެއް ދުނިޔެއިން ނެތިގެނެއް ނުދާނެއެވެ. ހުރިހާ ކަމެއްވެސް ދެމިއޮންނާނެއެވެ. އެކަމަށް ހިތްވަރުދީ މީސްތަކުން މަގުފުރެއްދުމުގެ އިޚްތިޔާރު މާތް ﷲ އިބިލީހަށް މިންވަރުފުޅު ކުރައްވަވާފައިވާތީއެވެ. ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުން އެންމެ ބޮޑަށް ބިރުގަންނަން ޖެހެނީ ޝައިޠާނާއަށް އެޖެންޓުކަން ކޮށްދޭ އިންސާނުން ދެކެއެވެ.

ރަމަޟާން މަހު އެއް ބައަކު ތަރާވީސް ނަމާދަށާއި ދަމުނަމާދަށް ދާއިރު އަނެއް ބައަކު ތަފާތު މިޔުޒިކް ޝޯތަކަށް ދާނެއެވެ. އެނޫން މަސްތަކުގައިވެސް އެއްބައަކު މިޔުޒިކް ޝޯތަކަށް ޣަރަޤުވެ ރޭގަނޑުގެ ނިދީން މަޙްރޫމްވެގެން ތިބޭއިރު އަނެއް ބައަކު ފަތިސް ނަމާދަށާއި ދަމު ނަމާދަށް ހޭލުމަށްޓަކައި އަވަހަށް ނިދާނެއެވެ. އެއީ އެކަންކަން ދުނިޔެ ނިމެންދެންވެސް ހިނގާނެ ގޮތެވެ. އެކަމަށްޓަކައި ޙައިރާންވުމެއް ނެތެވެ. އެއީ ހުރިހާ ޤައުމުތަކެއްގައިވެސް އެކަންކަން ހިނގަމުންދާނެ ގޮތެވެ.

ޝައިޚް މުފްތީގެ ބަސްފުޅުތަކުގެ ވީޑިއޯ: ނިކަން ދޮގުކޮށްބަލަ!

މިއަދު އޮންލައިން