ޚިޔާނާތްތެރިން ވާހުށީ ނަރަކައިގެ އެންމެ އަޑީގައެވެ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޚިޔާނާތްތެރިން ވާހުށީ ނަރަކައިގެ އެންމެ އަޑީގައެވެ: ޝައިޚް އިލްޔާސް
ޚިޔާނާތްތެރިން ވާހުށީ ނަރަކައިގެ އެންމެ އަޑީގައެވެ. އެހެނީ ޚިޔާނާތްތެރިވުމަކީ މުނާފިޤުކަމުގެ ސިފައެކެވެ. މުނާފިޤުންނަށް އޮތީ ނަރަކައިގެ އެންމެ އަޑިއެވެ. އެހެންކަމުން ޚިޔާނާތްތެރިންނަށް ޤިޔާމަތް ދުވަހުން އޮތީ ނަރަކައިގެ އެންމެ އަޑިއެވެ.

ޚިޔާނާތްތެރިވުމެވެ ބުނެވުމުން ގިނަ ބައަކަށް މާނަ ކުރެވެނީ އެއީ ހަމައެކަނި ފައިސާއަށް ޚިޔާނާތްތެރިވުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު މާނައެއް ނޫނެވެ. ޚިޔާނާތަކީ އަމާނާތުގެ އިދިކޮޅެވެ. އެހެންކަމުން އަމާނާތްތެރި ނުވާނަމަ އެވެވެނީ ޚިޔާނާތްތެރިއެވެ.

ވަޒީފާ އަކީވެސް އަމާނާތެކެވެ. ވަޒީފާ އަދާކުރުމުގައި އަމާނާތްތެރި ނުވާނަމަ އެވެވެނީ ޚިޔާނާތްތެރިއެވެ. މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ނުވުމަކީވެސް ޚިޔާނާތްތެރިވުމެވެ. މާތް ﷲ މީސްތަކުންނަށް ކުރަން އަންގަވާފައިވާ ކަންކަން ނުކުރުމަކީވެސް އަދި ނުކުރަން އަންގަވާފައިވާ ކަންކަން ކުރުމަކީ ވެސް ޚިޔާނާތެކެވެ.

ތިމާ ބޭނުންކުރާ ތަކެތި އެއީ ޙަލާލު ގޮތުގައި ތިމާއަށް ލިބުނު ތަކެތިކަން ކަށަވަރުނުކޮށް ބޭނުންކޮށްގެން ނުވާނެއެވެ. ހަލާލް ނޫން ތަކެތި ބޭނުންކުރުމުން ތިމާއަށް އެކެވެނީ ހަރާމްތަކެއްޗެވެ. މިއީ ބިރުވެތިވާންޖެހޭނެ ކަންކަމެވެ.

މާތް ﷲ ވަޙީކުރައްވަވާފައިވަނީ ބައަކާއިއެކު މުޢާމަލާތެއް ކޮށްފައިވަނިކޮށްވެސް އެބައަކު ނުވަތަ މީހަކު ޚިޔާނާތްތެރިވެދާނެކަމުގެ ބިރު އޮތް ނަމަ ނުވަތަ ޚިޔާނާތްތެރިވެއްޖެ ނަމަ އެ މުޢާމަލާތެއް އުވައިލުމަށެވެ. މިއީ މާތް ﷲ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ކުރައްވަވާފައިވާ އަމުރުފުޅެކެވެ.

އެހެންކަމުން މީހަކާއި ނުވަތަ ބައަކާއި ކަމެއް ހަވާލުކުރުމުން ޚިޔާނާތްތެރިވާނަމަ އޮތީ އަވަހަށް އެކަމެއް އުވާލައި އަނބުރައި ގެނައުމެވެ.
މިއީ ކީރިތި ޤްރްއާނުގައި މާތް ﷲ ބަޔާންކުރައްވަވާފައިވާ ޙުކުމްފުޅުތަކެވެ. މިޙުކުމްފުޅުތައް ބަދަލުކުރުމުގެ ބާރު އެއްވެސް މީހަކަށް ނުވަތަ ބައަކަށް ލިބިގެނެއް ނުވެއެވެ.

(ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން)

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން