މީސްތަކުންގެ ތެރެއިން ދުނިޔޭގައި ހުއްޓާ ސުވަރުގެ ލިބޭނެ ކަމުގެ ޚަބަރު މާތް ﷲ ދެއްވެވީ އެންމެ 10 ބޭކަލަކަށެވެ. އެހެންކަމުން އެ ދިހަ ބޭކަލުން ފިޔަވައި ދެން ތިއްބެވި ޞަހާބީންނަށްވެސް އެބޭކަލުންނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ.
އަޅުގަނޑުމެން އެއްވެސް މީހަކީ ދިންނަވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް މީހެއް ނޫނެވެ. ދިންނަވާނީ އެމީހަކަށް މާތް ﷲ އެ ނިއުމަތް ދެއްވެވި މީހެކެވެ. އެހެންކަމުން މީސްތަކުންނަށް އޮތީ މާތް ﷲ ގެ ޙަޟްރަތުން ދިންނެވުން އެދި ގަދައަޅައި މަސައްކަތްކުރުމެވެ.
ކިތަންމެ ވަރަކަށް މަސައްކަތް ކުރަން މަސައްކަތްކުރި ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކީ އެމީހަކަށް ކުރަންޖެހޭ ވަރަށް މަސައްކަތްކުރެވޭނެ މީހެއް ނޫނެވެ. ކޮންމެ ސިކުންތަކަށް ހެޔޮ އަމަލެއް ކުރި ނަމަވެސް މެއެވެ.
އެހެން ނަމަވެސް މާޔޫސްވުމެއް ނެތެވެ. އޮތީ އިޚްލާޞްތެރިކަމާއިއެކު ހެޔޮ އަމަލުތައް ކުރުން މަތީގައި ސާބިތުކަމާއިއެކު ދެމިތިބުމެވެ. އެހެނީ މާތް ﷲ ވަޙީ ކުރައްވަވާފައި ވަނީ މާތް ﷲ އާއި އެންމެ އަރިއަހުގައި ވާނީ އެންމެ ގިނަ ހެޔޮ އަމަލުތައް ކުރާ މީހުން ކަމެވެ.
ހެޔޮ އަމަލުތައް ގިނަކުރަން މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށެވެ. ކިތަންމެ ގިނަ ހެޔޮ އަމަލެއް ކުރި ނަމަވެސް އެކަމުން މާތް ﷲ އަށް އެއްވެސް ފައިދާއެއް ނުވެއެވެ. އެހެނީ އެކަލާނގެ ވަނީ ހުރިހައި ކަންކަމުން ފުދިވޮޑިގެންނެވެ. އިތުރަށް އެއްވެސް ކަމެއް އެކަލާނގެ ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ.
ދުނިޔޭގައި ތިބި އެންމެން ހުރިހާ ކަންކަމެއް މާތް ﷲ ފުއްދަވައި ދެއްވެވި ނަމަވެސް އެކަލާނގެއަށް އެއްވެސް ކަމެއް މަދުވެވޮޑިގެނެއް ނުވެއެވެ.
އެކަން ބަޔާން ކުރައްވަވައި އަންގަވާފައިވަނީ ދުނިޔޭގައި ތިބި އެންމެންގެ ހުރިހާ ބޭނުންތަކެއް ތިމަން ﷲ ފުއްދަވައި ދެއްވެވި ނަމަވެސް އެކަން ވާނީ ކުޑަ ރޮދިކޮޅެއް ކަނޑަށް ލާފައި ނެގުން ފަދަ ކަމަކަށް ކަމަށެވެ. ކުޑަ ރޮދި ކޮޅެއް ކަނޑަށް ލާފައި ނެގުމުން ކަނޑުން އެއްވެސް މިންވަރެއް މަދުވާނެތޯއެވެ؟ ނުވާނެއެވެ. މާތް ﷲ މިސާލު ޖައްސަވައިދެއްވަވާފައިވަނީ އެފަދައިންނެވެ.
ދިންނެވުން ލިބޭނީ މާތް ﷲ މިންވަރުފުޅު ކުރެއްވެވި މީހަކަށެވެ. އަޅުގަނޑުމެންނަށް އޮތީ އެކަމަށް އެދި ގަދައަޅައި މަސައްކަތްކުރުމެވެ.
އަޅުގަނޑުމެންނަށް އޮތީ ކުރާ ކޮންމެ ކަމެއްގައި އިޚްލާޞްތެރިވުމާއިއެކު ގަދައަޅައި ހިތްވަރުކުރުމެވެ. ދެދުނިޔޭގެ ސަލާމަތްކަން ލިބުން އޮތީ އެގޮތުގައި ސާބިތުވެ ތިބެގެންނެވެ.