ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)، އެ މާތް ނަބިއްޔާ ޢާއިޝަތު (ރޢ) އަށް އެއްވެސް މިޔުޒިކެއް ދައްކަވާފައެއް ނުވެއެވެ. ކުޅެފައިވަނީ ހެވިކަމުގެ ކުލިވަރެކެވެ. ހަނގުރާމައިގެ އުކުޅުތައް ދައްކައިލުމެކެވެ.
މިފަދަ ވާހަކަތައް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ މިސްކިތްކޮޅާއި ގުޅުވައިގެން ދައްކައިގެންވެސް ނުވާނެއެވެ. އިތުރު މާތް ނަބިއްޔާގެ މިސްކިތްކޮޅަށް ދުވަހަކުވެސް ކުޅިވަރު ސާމާނާއި މިޔުޒިކް ކުޅޭ ތަކެތި ފަދަ އެއްޗެއް ވައްދާފައެއް ވެސް ނުވެއެވެ.
ޢީދަކާއި ގުޅިގެން މިސްކިތްކޮޅުގައި އެޒަމާނުގައި ބޭނުންކުރާ ހަނގުރާމައިގެ އާލާތް ބޭނުންކުރުމުގެ އުކުޅު ދައްކައިލުމުގެ ހަރަކާތެއް ހިންގިއެވެ.
އެކަން ކުރީ އަލަށް އިސްލާމް ދީނަށް ވަން ޤަބިލާއެއްގެ ބައަކު އެބައިމީހުންގެ ޤާބިލުކަން ދައްކައިލުމުގެ ގޮތުންނެވެ. އެއީ އެފަދަ ކަންކަމަށް އަރައި ތިބި ބައަކަށްވާތީ ޚާއްޞަ ކަމެއްގެ ގޮތުންނެވެ.
އެމީހުން އެކަންކުރި ވަގުތު ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ)ގެ އަރިއަހުގައި ހުންނަވައިގެން ޢާއިޝަތު (ރޢ) އެހަރަކާތްތައް ބައްލަވައިލެއްވެވިއެވެ. އެކަމަނާ ފޫހިފުޅުވަންދެން ބެއްލެވުމުގެ ފުރުޞަތު ދެއްވެވިއެވެ. އެއީ އެކަމުގައި ކުޅިވަރުގެ އަދި މިޔުޒިކްގެ އެއްވެސް ކަމެއް ހިމެނިފައި ނެތުމުންނެވެ.
މިޔުޒިކް ކުޅޭ ތަކެއްޗަކީ ޝައިޠާނާގެ ދުންމާރިއެވެ. އެފަދަ އެއްޗެއް މިސްކިތްކޮޅަށް ވެއްދުމުގެ ހުއްދަ ދެއްވަވާނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ.
އެހެންކަމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އަރިއަހުގައި ހުންނަވައިގެން ޢާއިޝަތު (ރޢ) ކުޅިވަރު ނުވަތަ މިޔުޒިކް ބެއްލެވި ކަމަށް ދީނީ ޢިލްމުވެރިއަކު ވިދާޅުވާނަމަ އެކަން އެ ކުރައްވަވަނީ މަޤާމުގެ ގޮތުން ނުވަތަ އެހެންވެސް ގޮތަކުން ވަރަށް ބޮޑު މަޖުބޫރު ކަމެއް އޮވެގެންނެވެ.
މަޖުބޫރީ ހާލަތްތަކުގައި ދީނީ އިލްމުވެރިން އެފަދަ ބަސްފުޅުތައް ވިދާޅުވެފައި އެބަހުއްޓެވެ. މިސުރުގެ މުފްތީއަކުވެސް މަޖުބޫރީ ހާލަތުގައި އެފަދަ ބައެއް ވާހަކަފުޅުތައް ވިދާޅުވިއެވެ. ނަމަވެސް އެއީ އެބޭފުޅުންގެ ހިތްޕުޅުން ނުވަތަ ހިތްޕުޅުގެ އަޑިން އެކަންކަން ޤަބޫލުފުލު ކުރައްވަވާތީއެއް ނޫނެވެ.
އަޅުގަނޑު އުފަން އައްޑު އަތޮޅަށް ބެލި ނަމަވެސް މީގެ 50 އަަހަރު ކުރިއަށް ބަލައިފިނަމަ މިޔުޒިކް ކުޅެ ނަށައި ހެދުމަކީ ރައްޔިތުން ދަންނަވެސް ކަމެއް ނޫނެވެ. އެހެންވީމާ މިޔުޒިކާއި ނެށުމަކީ ރާއްޖޭގެ ޘަޤާފީ ކަމެއް ކަމަށް ބެލެވޭކަށް ނެތެވެ.
ޝައްކު އުފެދޭ ކަންކަމުގައިވެސް އޮތީ ދުރުހެލިވުމެވެ. ކައިރިވެސް ނުވުމެވެ. ކައިރިވެސް ނުވީމާ ހުރެވޭނީ ރަނގަޅު އިމުގެ ތެރޭގައެވެ. ސަލާމަތްކަން އޮތީ ކައިރިވެސް ނުވުމުންނެވެ.
މުސްލިމުން މިހާރު މިތިބީ ވަރަށް ނިކަމެތިވެފައެވެ. އެހެންކަމުން ހުއްދަ ނޫން ކަމެއްގެ ފަތުވާ ވެސް ހުއްދަ ކަމަށް ދެވޭތަން އެބަ އާދެއެވެ. އެގޮތަށް އެކަންކަން އެވަނީ ބޮޑެތި މަޖުބޫރުތައް މެދުވެރިވެގެންނެވެ.
ދީނުގެ ކަންކަން ދެނެވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ބޮޑު މަޖުބޫރު ކަމެއް އޮވެގެން ނޫނީ މިިޔުޒިކް ހުއްދައެއް ނުކުރައްވަވާނެއެވެ. މަޝްހޫރު އެއްވެސް ދީނީ ޢިލްމުވެރިއަކު މިޔުޒިކް ހުއްދަކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކައުތެރިކަން އޮތީ މިޔުޒިކާއި ދުރުހެލިވެގެންނެވެ.
- އައްޝައިޚް ޖަޢްފަރު ފާއިޒް- މިއަދުނޫހަށް
ގުޅުންހުރި އޯޑިއޯ: