ބައެއް މީހުން ބުނާގޮތުން މީހުން އުޅޭނެހައި ގޮތަކަށް އުޅޭއިރުވެސް މާތް ﷲ އަޒާބެއް ނުފޮނުއްވައެވެ. ކޯފާއެއް ނުފޮނުއްވަވައެވެ. އަދި އިންޒާރެއްވެސް ނުމެ ދެއްވަވައެވެ.
އެފަދަ ވިސްނުން އެ އަންނަނީ ދުނިޔޭގައި ހިނގާ ކަންކަމަށް ވިސްނައި ފިކުރު ނުކުރާތީއެވެ. މާތް ﷲ ފޮނުއްވަވާ އަޒާބާއި ކުރިމަތިކުރައްވަވާ ކަންތައްތައް ކުރިމަތިވުމުން ވެސް އެކަންކަން މެދުވެރިކުރެއްވެވީ މާތް ﷲ ކަން ޤަބޫލުކުރަން ނުއެނގޭތީއެވެ.
ދާދި ފަހުން މުޅި މިސަރަހައްދަށް މާތް ﷲ އެވަނީ ގަދަފަދަ ޠޫފާނެއް ފޮނުއްވަވައި އިންޒާރު ދެއްވަވައިފައެވެ. އެ ޠޫފާން އަރައިގެން އަންނައިރު އެއީ މާތްﷲ ފޮނުއްވެވި ކޯފާއެއް ކަމަކަށް އެ ޠޫފާނެއް ނުބުނެއެވެ. އެހެންވެ އެއީ މާތް ﷲ ފޮނުއްވެވި އިންޒާރެއްކަން އެނގެން އުނދަގޫވެގެން އުޅެނީއެވެ.
އެފަދަ ހާލަތެއް މެދުވެރިވުމުން އެއީ މާތް ﷲ ގެ އިންޒާރެއްކަން ޤަބޫލުކުރަން އެނގޭ މީހުންނަށް ކޮންމެ ދުވަހަކުވެސް ދަނީ ތަފާތު ކަންކަން ފެންނަމުންނެވެ. ދުނިޔޭގެ ކަންކޮޅުތަކުން އިންޒާރުތައް ނުފެންނަ ދުވަހެއް ނުދެއެވެ. އެކަން ޤަބޫލުކުރެވޭނީ މާތް ﷲ އަށް ފުރިހަމައަށް އީމާންވާ އިޚްލާޞްތެރިންނަށެވެ. އީމާންކަމުގެ އަހުލުވެރިންނަށެވެ. ހުޅުވިފައިވާ ސާފު ހިތްތަކަށެވެ. ފާފަތަކުން މުޅި ހިތް ފުރި ހިތުގައި ސިއްކަ ޖެހުމުން މިފަދަ އެއްވެސް ކަމެއް އެނގޭ ކަމަކަށް ނުވާނެއެވެ. ނުވެސް އެނގޭނެމެއެވެ.