މީލާދީ އާ އަހަރަކީ ކްރިސްޓިއަނުންގެ ޢީދެއް- ފާހަގަކުރަން ހެޔޮނުވާނެ: ޝައިޚް ޖައުފަރް ފާއިޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
މީލާދީ އާ އަހަރަކީ ކްރިސްޓިއަނުންގެ ޢީދެއް- ފާހަގަކުރަން ހެޔޮނުވާނެ: ޝައިޚް ޖައުފަރް ފާއިޒު
މިލާދީ އައު އަހަރަކީ ކްރިސްޓިއަނުން ފާހަގަކުރާ އެމީހުންގެ ޢީދެކެވެ. އެމީހުން ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް އެކަންޏެއް ނޫނެވެ. އެހެން ބައެއް ދުވަސްތައްވެސް ދަނީ ފާހަގަކުރަމުންނެވެ. ކްރިސްޓިއަން ދީނުގެ އެކި ޖަމާއަތްތަކުން ފާހަގަކުރަނީ އެކި ދުވަހެވެ.

އިސްލާމް ދީނަށް ބެލި ނަމަވެސް ކަންކަން ހިނގަމުން އަންނަނީ ހަމަ މިއުޞޫލުންނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޢީދު މީލާދު ފާހަގަކުރަނީ ހަމައެކަނި ރަބީޢުލްއައްވަލުމަހުގެ 12 ދުވަހު އެކަންޏެއް ނޫނެވެ. ރަބީޢުލްއައްވަލް މަހަށް ހަނދުބެލީންސުރެ 12 ވަނަ ދުވަހާއި ހަމައަށް އެކި ދުވަސްތައް ފާހަގަކުރެއެވެ. މިހެން މިދިމާވަނީ އެދުވަސް ކަނޑައެޅި ބަޔާންވެގެން އެނގެން ނެތުމުންނެވެ.

އެހެން ދީންތަކުގައި ފާހަގަކުރާ އެއްވެސް ޢީދެއް ފާހަގަކުރުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ. އިސްލާމް ދީނުގައި ކޮންމެ ކަމެއްވެސް އައިސްފައިވަނީ އެހެން ދީންތަކާއި ތަފާތުކޮށެވެ. ޔަހޫދީން އެންމެ ބޮޑަށް އިސްލާމް ދީން ދެކެ ރުޅި އައި އެއް ސަބަބަކީވެސް އެއީއެވެ. ހަމަ ކޮންމެ ކަމެއް އެމީހުންގެ ދީނާއި ތަފާތުވުމުންނެވެ.

ޤިބުލަވެސް ތަފާތުވީއެވެ. އާޝޫރާ ދުވަހުގެ ރޯދަ ދެދުވަހު ހިފަން އެންގެވީއެވެ. ޢީދުތައް ތަފާތު ކުރެއްވެވީއެވެ. މިހެން ގޮސް ކޮންމެ ކަމެއްގައިވެސް އެހެން ދީންތަކާއި އިސްލާމް ދީނާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ.

"ހެޕީ ނިވްއިޔަރ" ވެސް ކިޔުމެއް ނެތެވެ. އެއީ ވެސް އެމީހުންނާއިއެކު އެކަމުގައި ބައިވެރިވުމުގެ އަމަލެކެވެ.

އެއްވެސް އައު އަހަރެއް ފާހަގަކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. ހިޖުރީ އައު އަހަރުވެސް މެއެވެ. އެއްވެސް ޞަހާބީއަކު އަދި ތާބިޢީއަކު ހިޖުރީ އައު އަހަރު ފާހަގަކުރައްވަވާފައެއް ނުވެއެވެ.

ކީރިތި ޤްރްއާނުގައި މާތް ﷲ އަންގަވާފައިވަނީ މުޝްރިކުންގެ ޢީދުތަކާއި އިޙްތިފާލްތަކުގައިވެސް ބައިވެރިނުވުމަށެވެ.

ރާއްޖެއަށް ބަލައިފިނަމަ މީލާދީ އަހަރު ފާހަގަކުރަން ފެށުނީ ވެސް އިނގިރޭސި ތައުލީމް ދޭން ފެށުމުންނެވެ. އެއިގެ ކުރިން މީލާދީ ތާރީޚަކީ ދިވެހިން ދަންނަވެސް އެއްޗެއް ނޫނެވެ. ރާއްޖޭގައި ކުރީ ޒަމާނުގައި ލިޔެވިފައި ހުރި ފޮތްތަކުގައި މުސްލިމުންނާއި ގުޅުންހުރި ދުވަސްތަކުގެ ވާހަކަތައް އެބަހުއްޓެވެ.

މުސްލިމުންނަށް އޮތީ އެހެން ދީންތަކާއި ހުރިހާ ގޮތަކުން ތަފާތުވުމެވެ. އެއްވެސް ކަމެއްގައި އެއްގޮތް ނުވުމެވެ.

އިސްލާމް ދީނަކީ ތިމާއަށާއި ﷲ އަށް ބައި އެޅޭނެ ދީނެއް ނޫނެވެ. އެއް ދުވަސް ތިމާއަށް، އަނެއް ދުވަސް ތިމާއަށް ބަހައިލެވެން އޮތް ދީނެއް ނޫނެވެ. އޮތީ ހުރިހާ ވަގުތުތަކެއްވެސް މާތް ﷲ އަށެވެ. މާތްﷲ އެންގެވި ގޮތުގައި އަމަލުކުރުމެވެ.

ބައި އެޅުމަކީ ޝިރުކުކުރުމެވެ. އަޅުގަނޑުމެންނަށް އޮތީ ޝިރުކަކަށް ވެދާނެ ކަމަށް ބެލެވޭ ކޮންމެ ކަމަކާއިވެސް ދުރުވުމެވެ.

ރާއްޖޭގައި ކްރިސްޓިއަނަކު މަރުވުމުން ދިވެހިން ޞަލީބް ހިފައިގެން ގޮސް އެމީހާ ވަޅުލާފައިވެސް އެބަހުއްޓެވެ. އެއީ ވަރަށް ކުރިއެވެ. މިފަދަ ކަންކަމަކީ އެމީހުންނާއި ބައިވެރިވުމެވެ. އެމީހުންނާއި އެއްވެސް ކަމެއްގައި ބައިވެރިވެ އެފަދަ އަމަލެއް ކުރުމެއް ނެތެވެ.

-- އައްޝައިޚް ޖައުފަރު ފާއިޒް- މިއަދުނޫހަށް

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން