ފަސޭހަކަމާއެކު ސްޓޯކް ސިޓީ ބަލިކޮށް ޗެލްސީ ދެވަނައަށް

ކިޔުމަށް ހޭދަވާނީ 1މ 50ސ
ފަސޭހަކަމާއެކު ސްޓޯކް ސިޓީ ބަލިކޮށް ޗެލްސީ ދެވަނައަށް
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު، ފަސޭހަކަމާއެކު 0-5 ގެ ބޮޑު ތަފާތަކުން މޮޅުވެގެން ޗެލްސީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ މެޗުގެ 3 ވަނަ މިިނެޓުގައި އެންޓޯނިއޯ ރުޑިގާއެވެ. އޭގެ 6 މިނެޓު ފަހުން ޗެލްސީގެ ޑެނީ ޑްރިންކް ވޯޓާ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދިނެވެ. ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި ޕެޑްރޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-3 ގެ ނަތީޖާއިން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޗެލްސީއިން ދިޔައީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. ޗެލްސީގެ ހަތަރުވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވިލިއަންސްއެވެ. މެޗުގައި ފެނިގެންދިޔަ ޗެލްސީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި ޑޭވިޑް ޒައްޕަކޯސްޓާއެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ސައުތްހެމްޓަންއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ލެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު، ލިވަޕޫލްއިން ކާމިޔާބުކުރީ ފަހަތުން އަރާ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޖޭމީ ވާޑީގެ ލަނޑުން ލެސްޓާއަށް ލީޑު ނަގައިދިން ނަމަވެސް، ލިވަޕޫލްގެ މުހައްމަދު ސަލާހު ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ ލިވަޕޫލް ކޮޅަށް ބަދަލުކޮށްލިއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު ލީގު ތާވަލުގެ ދެވަަނައިގައި އޮތް ޔުނައިޓެޑް ވަނީ ތިންވަނައަށް ވެއްޓި، ޗެލްސީ ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ޗެލްސީ ދެވަނައިގައި އޮތީ ކުޅުނު 21 މެޗުން 45 ޕޮއިންޓް ލިބިގެންނެވެ.

ޔުނައިޓެޑަށް ލިބިފައިވަނީ ކުޅުނު 21 މެޗުން 44 ޕޮއިންޓްއެވެ. ލިވަޕޫލްއަށް ހަތަރުވަނަ މަޤާމު ލިބެނީ ކުޅުނު 21 މެޗުން 41 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ އެއް މެޗު މަދުން ކުޅެގެން 58 ޕޮއިންޓްއެވެ.

ޕްރެމިއާ ލީގުގައި މިރޭ ސިޓީ ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން ސިޓީއަށް ދެވަނައިގައި އޮތް ޓީމާ ދެމެދު 16 ޕޮއިންޓްގެ ލީޑެއް ނެގޭނެއެވެ.
މިއަދު އޮންލައިން