މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ މުހިންމު ދެ ސްޓައިކަރުންކަމަށްވާ، ބެލްޖިއަމްެ ސްޓައިކަރު ރޮމޭލޫ ލުކާކޫއާއި ސްވެޑެން ސްޓައިކަރު ޒްލަޓާން އިބްރާހިމޮވިޗް ވެސް އަނިޔާގައި ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ސައިތްހެމްޓަންއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި، މެޗުގެ 8 ވަނަ މިނެޓުގައި ސައުތްހެމްޓަންގެ ކުޅުންތެރިޔަކާއެކު ބޯޅައިން ބޮލުން ޖަހަން އުޅެނިކޮށް، އޭނާގެ ބޮލަށް އަނިޔާވީއެވެ.
ޔުނައިޓެޑްެގެ މެޑިކަލް ސްޓާފުން ދަނޑުމައްޗަށް އަރައި، ހަ މިނެޓު ވަންދެން ދަނޑުމަތީގައި ލުކާކޫއަށް ފަރުވާދިނެވެ. އެއަށްފަހުގައި، މެޗުގެ 14 ވަނަ މިނެޓުގައި، ލުކާކޫގެ ބަދަލުގައި މާކޯސް ރެޝްފޯޑް ކުޅެން އެރުވިއެވެ.
ލުކާކޫގެ ބޮލަށް އަނިޔާ ލިބިފައިވާއިރު، ޔުނައިޓެޑްގެ ދެވަނަ ޓޮޕް ސްޓައިކަރު އިބްރާހިމޮވިޗް ވެސް ހުރީ އަނިޔާގައެވެ. އިބްރާހިމޮވިޗަށް އަނިޔާވެފައިވަނީ ކުރިން ވެސް އަނިޔާވި ކަކުލަށެވެ.
ރޭގެ މެޗަށްފަހު ބޭއްވި ޕްރެސް ކޮންފެރެންސްގައި ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯ ބުނީ އިބްރާހިމޮވިޗް އަނިޔާއިން ސަލާމަތްވާން އަދި މަހެއްހާ ދުވަސް ނަގާނެކަމަށާއި ލުކާކޫއާ މެދު އަދި ވަކި އެއްޗެކޭ ބުނަން އޭނާއަށް ނޭނގޭނެކަމަށެވެ.
ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ޔުނައިޓެޑް މިހާރު ލީގު ތާވަލުގައި އޮތީ ތިންވަނައިގައެވެ. އަދި އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 17 ޕޮއިންޓްގެ ފަރަޤެއް އެބަ އޮތެވެ.