އިޓަލީ ލީގުގައި ރޭ 1-3 ގެ ނަތީޖާއިން ވެރޯނާ ބަލިކޮށް، ޔުވެންޓަސްއިން ލީގު ކާމިޔާބުކުރުމުގެ އުއްމީދު ދަމަހައްޓައިފިއެވެ.
ރަށުން ބޭރުގައި ޔުވެންޓަސްއިން ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 ގެ ނަތީޖާއިން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 6 ވަނަ މިނެޓުގައި ބްލެއިސް މަޓުއިޑީއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން، 59 ވަނަ މިނެޓުގައި ވެރޯނާގެ މާޓިން ސަސެރެސް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޔުވެންޓަސްގެ އާޖެންޓީނާ ސްޓައިކަރު ޕައުލޯ ޑައިބަލާ ލަނޑެއް ޖަހައި ޔުވެންޓަސްއަށް އަލުން މެޗުގެ ލީޑު ހޯދައިދިނެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ޑައިބަލާގެ ދެވަނަ ލަނޑުން ޔުވެންޓަސްއަށް މެޗުގެ ލީޑު ފުޅާކޮށްދިނެވެ.
އިޓަލީ ލީގުގައި ރޭ ކްރޮޓޯންއާ ދެކޮޅަށް ނުކުތް މެޗު ނަޕޯލީއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނަޕޯލީއަށް ކާމިޔާބުކޮށްދިނީ މަރެކް ހަމްސިކްއެވެ. މިއީ ނަޕޯލީއަށް ހަމްސިކް ކާމިޔާބުކޮށްދިން 117 ވަނަ ލަނޑެވެ. ހަމްސިކްއަކީ މިހާރު ނަޕޯލީގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. ކުރިން މި ރެކޯޑު އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މެރެޑޯނާގެ އަތުގައެވެ.
ރޭގެ މެޗުތަކުގެ ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ ކުޅުނު 19 މެޗުން 48 ޕޮއިންޓް ލިބިގެންނެވެ. ނަޕޯލީގެ ފަހަތުން ގަދައަށް ވިއްދާފައި އޮތް ޔުވެންޓަސްއަށް ލިބިފައިވަނީ ކުޅުނު 19 މެޗުން 47 ޕޮއިންޓްއެވެ. ކުޅުނު 19 މެޗުން 41 ޕޮއިންޓް ލިބިގެން ތިންވަނައިގައި އޮތީ އިންޓަ މިލާންއެވެ.