ކިޔުންތެރިންގެ ކޮމެންޓް: ދީނީ އިލްމުވެރިއަކަށް ނުބައި ފަތުވާއެއް ދޭން މަޖުބޫރު ހާލަތެއް އޮވެގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ކިޔުންތެރިންގެ ކޮމެންޓް: ދީނީ އިލްމުވެރިއަކަށް ނުބައި ފަތުވާއެއް ދޭން މަޖުބޫރު ހާލަތެއް އޮވެގެން ނުވާނެ!
މިއަދުނޫހުގެ ކިޔުންތެރިއަކު ކޮމެންޓް ކުރައްވައި ވިދާޅުވީ "ދީނުގައި ހުއްދަ ނޫން ކަމެއް އެއްވެސް އިލްމުވެރިއަކަށް ހުއްދަކަމަށް ބުނެވިދާނެ އެއްވެސް މަޖުބޫރީ ހާލަތެއް އަތުވެދާނެ ކަމަކަށް އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ" ކަމަށެވެ.

ހަޤީޤަތަކީ އެއީ އެވެ. އެކަން ވާންޖެހޭނީ އެގޮތަށެވެ. ކޮންމެ ޒިންމާއަކާއިއެކު މަސްއޫލިއްޔަތު އިތުރުވާފަދައިން މުޖުތަމައުތަކުގައި ދީނީ ޢިލްމުވެރިންގެ މަސްއޫލިއްޔަތު އެހެން މީހުންނަށްވުރެ މާބޮޑެވެ. މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީ ވުމުގައިވެސް އެކަން އޮންނާނީ ހަމައެގޮތަށްކަން އޮތީ އެނގޭށެވެ. އެންމެ ދަރަޖަ އުފުލިގެންވާ އިންސާނުންގެ ތެރޭގައި އިލްމުވެރިން މާތް ﷲ ވަނީ ލައްވަވައިފައެވެ. އަދި އެންެމެ ފުރަތަމަ ނަރަކައަށް އެއްލައިލެވޭނެ 3 މީހުންގެ ތެރޭގައިވެސް އިލްމުވެރިން ހިމެނޭކަން އެނގެން އޮތުމުން އިލްމުވެރިންގެ މަސްއޫލިއްޔަތު ވަރަށް ރަނގަޅަސާފުވެގެންދެއެވެ.

މިއަހަރުގެ އައު އަހަރު ފާހަގަކުރުމަކީ "ބަރާބަރު" ކަމެއް ކަމަށާއި އެކަމުން އިސްލާމް ދީނަށް ދިރުން ލިބޭނެ ކަމަށް ފަތުވާދެއްވި އިލްމުވެރިޔާ އެ ފަތުވާ ދެއްވީ އިސްދަށަށް ޖައްސަވައިގެން އިންނަވައެވެ. ވަރަށް ކުރުކުރުކޮށެވެ. އަޅުއްވައިލެއްވީ ސުރުޚީއެވެ. ތަފްޞީލާއި ހެކީގެ ގޮތުގައި ދެއްކެވީ ބާޠިލު ދޮގު ވާހަކަފުޅުތަކެވެ.

ހެކި ދައްކަވަން ވިދާޅުވެ ދެއްކެވި ވާހަކަފުޅުން ހަމަހަމަވެގެން ދިއައީ ދިވެހި ސިފައިން މިހާރަކަށް އައިސް އެމީހުންގެ އަސްކަރީ އުކުޅުތަކާއި ހުނަރު ދައްކަން ބާއްވާ "ޑިސްޕްލޭ" ނުވަތަ "ޑްރިލް" ތަކާއި އިބިލީހުގެ ދުންމާރިތައް ފުމެމުން ބާއްވާ ނާޗަރަންގީ ޝޯތަކެވެ. ސިފައިން އެމީހުންގެ ފުލް ޔުނިފޯމުގައި ނުކުމެ ހިންގާ ހަރަކާތަކާއި ދެ ޖިންސުން މަސްހުނިވެގެން ލާނެ ހެދުމެއް ލައިގެން ތިބެ ކުރަމުން މިގެންދާ މަޖާތަކެވެ.

މިދެބާވަތް އެއްގޮތް ކުރުމަކީ ބުއްދި ސަލާމަތުން ހުރި ހަމަ އެކަކުވެސް ކުރާނެ ކަމެއް ނޫނެވެ. މިފަދަ ދެކޮޅު ނުޖެހޭ ފަތުވާތައް ނެރުމުން އެންމެ ބޮޑު ހިތްވަރެއް ލިބެނީ އިންސާނުންގެ ތެރޭގައި ތިބި އިބިލީހުގެ އެޖެންޓުންނަށެވެ. "މިވެނި އިލްމުވެރިއަކުވެސް މިއޮތީ މިކަން ހުއްދަ ކުރައްވާފައި ނޫންހޭ" ބުނެ މީސްތަކުންގެ ސިކުނޑިއަށް ''ޗިޕް'' ޖަހަން މަގުފަހިވާތީއެވެ.

އިސްލާމް ދީނާއި ސަރުކާރުގެ ސިޔާސަތު ތަފާތުވާ ކަންކަމުގައި ސަރުކާރު ބޭނުންވާ ގޮތަށް ދީނީ މައުލޫމާތު ނުދެއްވަން ވެގެން ރާއްޖޭގެ ބޮޑެތި ދީނީ އިލްމުވެރިން މަޤާމުން އިސްތިއުފާ ދެއްވުމަކީ ކުރައްވާފައިވާ ކަންކަމެވެ. އެންމެފަހުން އެފަދަ ކަމެއްގައި އިސްތިއުފާ ދެއްވީ "އަބަދުވެސް ބަންދުގައި ބަހައްޓާ" މަޝްހޫރު ދީނީ ޢިލްމުވެރިޔާ ބީ.އޭ ނަސީމްއެވެ. ދާދިފަހުންނެވެ. އިސްތިއުފާ ދެއްވުމަކުން ރިޒްޤް ބަންދެއްވެސް ނުވެއެވެ. ނުވެސް ވާނެއެވެ. އިން ޝާ ﷲ!

ދީނީ އިލްމުވެރިން އެބޭކަލުންގެ ވާޖިބު އަދާކުރެއްވުމުގައި މާތް ﷲ އެންގެވި ގޮތަށް އަދާނުކުރައްވާނަމަ މުޖުތަމައުގައި އަބަދުވެސް އިތުރުވާނީ މައްސަލަތަކެވެ. ފިތުނައެވެ. ކުރިމަތިލާންޖެހޭނީ ބޮޑެތި ޖަރީމާތަކާއިއެވެ. ޤައުމަށް ކުރިމަތިވާނީ ބިރުވެރިކަމާއި ނާމާންކަމެވެ. އެފަދަ ހާލަތެއް ކުރިމަތިވުމުން އެކަމެއް ކުރި ބައަކު ކިތަންމެ ވަރަކަށް ކުށްވެރިކުރި ނަމަވެސް އަދި ކިތަންމެ ބޮޑު އަދަބެއް ފަހުން ދިންނަމަވެސް އެކަމަކުން ލިބޭނެ ބޮޑު ގެއްލުން އޮންނާނީ ލިބިނިމިފައެވެ. އެހެންކަމުން ކުރިއާލައި މިކަންކަން ޙައްލުކުރުން ބުއްދިވެރިކަމަށް ޤަބޫލުކުރަންޖެހެއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގައި މިއަދު އުފެދިފައިވާ މައްސަލަތައް އުފެދެން މެދުވެރިވި ސަބަބުތަކަށް ފުންކޮށް ވިސްނައިލުމުން މިކަންކަން އެނގިގެންދެއެވެ.
މިއަދު އޮންލައިން