މިއީ ސަޙީޙް ބުޚާރީގައި ހިމެނިގެންވާ ޙަދީޘެކެވެ.
"ތިން ފިރިހެނުން އެކުލެވިގެންވި ޖަމާއަތެކެވެ. އޭގެ ތެރެއިން އެކަކަށް ވަރަށް ރީތި އިސްތަށިގަނޑެއް ލިބިގެންވެއެވެ. ދެން ހުރި މީހާއަށް ރީތި ހަންގަނޑެއް ލިބިފައިވާއިރު، އަނެއް މީހާގެ ދެ ލޯ ވަރަށް ރީއްޗެވެ.
މީގެ އިތުރުން މިތިން މީހުންނަކީ ވެސް އަތްމަތި ތަނަވަސް ތިން މީހުންނެވެ.
އެތިން މީހުންނަށް ވެސް މިނިޢުމަތްތައް ދެއްވެވީ މާތް ﷲ ސުބްޙާނަހޫ ވަޠައާލާ އެވެ. އެއީ އެބައިމީހުން އިމްތިހާނު ކުރެއްވުމަށެވެ. އެއީ އެއިމްތިހާނުގެ ނަތީޖާ އެކަލާނގެއަށް އެނގިވަޑައި ނުގަންނަވާތީއެއް ނޫނެވެ.
އެއްދުވަހު މާތް ރަސްކަލާނގެ އޭގެން ކޮންމެ މީހެއްގެ ކިބައިން އެނިޢުމަތްތައް އަނބުރާ ގެންދެވިއެވެ.
ރީތި އިސްތަށިގަނޑު ލިބިފައިވާ މީހާ ތަލަވިއެވެ. ހަންގަނޑު ރީތި މީހާގެ ހަންގަނޑު ކުރަކިވިއެވެ. އަދި ރީތި ދެ ލޯ ލިބިފައިވާ މީހާ ކަނުމީހެއް ކަމުގައިވިއެވެ. އަދި އެތިން މީހުންގެ ތަނަވަސްކަން ވެސް އަނބުރާ ގެންދެވިއެވެ.
އެމީހުންގެ ހާލަތު ފެނިފައި ބައެއް މީހުން ބުންޏެވެ. 'އެމީހުންނަށް އެފަދަ ހާލެއް ޖެހި، މާތް ﷲ ދެއްވެވި ނިޢުމަތުން އެމަޙުރޫމުވީ، އެމީހުން ވަރަށް ގޯސްކޮށް އުޅުމުންކަން ޔަގީނެވެ.'
މާތް ﷲ ގެ އަމުރުފުޅަށް އެއްދުވަހު މަލާއިކަތް ބޭކަލަކު އޭގެ ތެރެއިން ހަންގަނޑު ކުރަކި ވެފައިވާ މީހާ ގާތަށް ފައިބާ ވަޑައިގަތެވެ. އަދި އެމީހާ ގާތު އެއްސެވިއެވެ.
'ފަހެ، ތިޔަ މީހާގެ ރީތި ހަންގަނޑާއި ތަނަވަސްކަން މާތް ﷲ އަނބުރާ ދެއްވަވައިފިނަމަ، ތިޔަ މީހާ މާތް ﷲ މަތިން ހަނދުމަފުޅު ނުނައްތަވާނަންތޯއެވެ؟ އަދި ތިޔަ މީހާގެ މުދަލުން ފަޤީރުންނާއި މިސްކީނުންނަށް ޞަދަގާތް ކުރައްވާނަންތޯއެވެ؟' ޖަވާބުގައި އެމީހާ ބުންޏެވެ. 'އާނ އެކެވެ.'
އެހިނދު އޭނާގެ ރީތި ހަންގަނޑު އަނބުރާ އޭނާއަށް ދެއްވަވާތޯ މަލާއިކަތާ މާތް ﷲ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ. އެމީހާގެ ތަނަވަސްކަން އަނބުރާ ލިބުމަށް ވިޔަފާރިއެއް ފައްޓަން، އޭނާ ބޭނުންވީ ކަންބަޅިއެއް ހޯދާށެވެ. ކަންބަޅީގެ ވިޔަފާރި ކުރެއްވުމަށެވެ. މަލާއިކަތާ އެކަމަށް ވެސް ދުޢާ ދެންނެވިއެވެ.
ދެން މަލާއިކަތް ބޭކަލު ވަޑައިގެންނެވީ ތަލަވެފައިހުރި މީހާ ކައިރިއަށެވެ. އަދި ފުރަތަމަ މީހާއާއި ކުރެއްވެވި ސުވާލު އޭނާއާއި ވެސް ކުރެއްވެވިއެވެ. ޖަވާބުގައި އާނ އެކޭ ބުނުމުން، އޭނާގެ ރީތި އިސްތަށިގަނޑު އަނބުރާ ދެއްވެވުމަށް މާތް ﷲ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ. އޭނާ ބޭނުންވީ ބަކަރި ހުއި ހެއްޕުމުގެ ވިޔަފާރި ކުރާށެވެ. އެހެންކަމުން މާތް ﷲ އަށް ދުޢާ ދަންނަވާ، އޭނާއަށް އެކަން ވެސް ކޮށްދެއްވެވިއެވެ.
އެއަށްފަހު މަލާއިކަތާ ވަޑައިގެންނެވީ ލޯކަނު މީހާ ކައިރިއަށެވެ. އަދި އެމީހާއާއި ވެސް ހަމަ އެސުވާލުތައް ކުރެއްވުމުން، ޖަވާބުގައި އޭނާވެސް ބުނީ އާނ އެކޭ އެވެ. ވިޔަފާރިއެއް ފައްޓަން އޭނާ ހޯދަން ބޭނުންވީ ޖަމަލެކެވެ. އެހެންކަމުން މަލާއިކަތާ އެ ދެކަމަށް ވެސް މާތް ﷲ ޙަޟްރަތަށް ދުޢާ ދަންނަވާ، އޭނާއަށް އެ ދެ ނިޢުމަތް ވެސް އަނބުރާ ހޯއްދަވާ ދެއްވެވިއެވެ.
އޭގެ ވަރަށް ގިނަ އަހަރުތަކެއް ފަހުން، ފަޤީރެއްގެ ސިފަ ޖެހިގެން މަލާއިކަތާ އަލުން ބިމަށް ފައިބާވަޑައި ގެންނެވިއެވެ.
އެންމެ ފުރަތަމަ ވަޑައިގެންނެވީ ހަންގަނޑު ރީތި މީހާގާތަށެވެ. އަދި ދެންނެވިއެވެ. 'އަހަންނާއި އަހަރެންގެ އާއިލާއަކީ ވަރަށް ފަގީރު ބަޔަކީމުއެވެ. މާތް ﷲ ތިޔަމީހާގެ އަތްމަތި ވަރަށް ތަނަވަސް ކޮށްދެއްވާފައިވާތަން އެބަ ފެނެއެވެ. އަހަންނަށް އެހީތެރިވެދެއްވާ ސަދަޤާތެއް ކޮށްދެއްވަފާނަންތޯ އެވެ؟ ހަމަ ޔަގީނުންވެސް ތިޔަ ތަނަވަސްކަމުން ބައެއް އުނި ވެދާނެހެން ހީފުޅެއް ނުވެއެވެ.'
އެމީހާ ބުންޏެވެ. 'މިތަނުން ދުރަށް ދާށެވެ. އަހަރެން އަތަކު ކަލެއަށް ދޭނެ އެއްޗެއް ނެތެވެ. ކަލެއަށް ސަމާލުކަން ދިނުމަށްވުރެ އަހަރެންގެ ވިޔަފާރި އަހަންނަށް މާމުހިންމެވެ.'
މަލާއިކަތާ ދެނއްނެވިއެވެ. 'އެކަމަކު ތިމަނާއަށް މިހާރު ޖެހިފައި މިވާ ޙާލު އެއްވެސް އިރަކު ތިޔަ މީހާއަށް ނުޖެހޭތޯއެވެ؟'
'އަހަންނަކަށް ދުވަހަކުވެސް ތިފަދަ ހާލެއް ޖެހުނު ދުވަހެއް ހަނދާނެއް ނެތެވެ. ފަހަރެއްގައި ކޮންމެވެސް ދުވަހަކު އަހަރެން ބަލިވި ކަމަށް ވެދާނެއެވެ. އެކަމަކު ކޮންމެ އިންސާނަކީ ވެސް އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ވަރަކަށް ބަލިވާނެ މީހެއް ނޫން ހެއްޔެވެ.' ކިބުރުވެރިކަމާއިއެކު އެމީހާ ބުންޏެވެ.
'ތިޔަމީހާ އެއްވެސް އިރަކު ފަގީރަކު ކަމުގައި ނުވޭ ހެއްޔެވެ؟' މަލާއިކަތާ އެއްސެވިއެވެ.
'ފަގީރެކޭ؟ މިތަނަވަސް ކަމަކީ އަހުރެންނަށް އަހުރެންގެ ކާބަފައިންގެ ފަރާތުން ވާރުތަވެގެން ލިބުނު ތަނަވަސް ކަމެކެވެ.' މާތް ﷲ ދެއްވެވި ނިޢުމަތްތައް އެމީހާ ހަނދާން ނައްތާލެއްވުމުން، މަލާއިކަތާ އެކަލާނގެ ޙަޟްރަތައް ދުޢާ ދެއްނެވިއެވެ.
'ޔާ ﷲ އޭނާ ކުރިން ހުރި ފަދައިން އަލުން ހައްދަވާދޭވެ' އެވެ. ކުރިން އެއީ އިމްތިހާނެކެވެ. ނަމަވެސް ފަހުން އެފަދައިން އެމީހާއަށްވީ އަޒާބެއްގެ ގޮތުންނެވެ.
ދެން މަލާއިކަތާ ވަޑައިގެންނެވީ ރީތި އިސްތަށިގަނޑު ލިބުނު މީހާ ގާތަށެވެ. އެމީހާވެސް ކަންތައް ކުރީ ހަންގަނޑު ރީތިމީހާ ވެސް ކަންތައް ކުރެއްވި ފަދައިންނެވެ. ނިޢުމާތް ދެއްވަވާ، އަތްމަތި ތަނަވަސް ކޮށްދެއްވެވީ މާތް ﷲ ކަން އެމީހާ ވެސް ހުރީ ހަނދުމަ ނެތިފައެވެ. އެހެންކަމުން އެމީހާއަށް ދެއްވެވި ނިޢުމަތްތައް ވެސް އަނބުރާ ގެންދަވަން މަލާއިގަތާ ދުޢާ ދެންނެވިއެވެ.
ދެން މަލާއިކަތާ ވަޑައިގެންނެވީ ލޯ ކަނުވި މީހާ ގާތަށެވެ. އެހީއެއް ވެދިނުމަށް އެދިލެއްވުމުން އެމީހާ ބުންޏެވެ. 'އާނ އެކެވެ. އަހުރެން އެހީތެރިވާނަމެވެ. އަހަރެންގެ މުދަލުން ބޭނުން ވަރަކަށް ގެންދަވާށެވެ. ކިތަންމެ ގިނައިން ނެންގެވިޔަސް، މަދުން ނެންގެވިޔަސް ނުވަތަ މުދަލުން އެއްބައި ގެންދެވިޔަސް އެންމެ ރަނގަޅެވެ. ބޭނުން ގޮތެއް ހައްދަވާށެވެ. އެއީ މިހުރިހާ މުދަލަކާއި ތަނަވަސްކަން އަހަންނަށް ދެއްވެވީ މާތް ﷲ އެވެ. މިއީ އަހަރެންގެ މޮޅުކަމުން ލިބުނު ތަނަވަސް ކަމެއް ނޫނެވެ.'
އެހިނދު މަލާއިކަތާ ދެންނެވިއެވެ.
'ތިމަން ކަލޭގެފާނީ މީގެ އަހަރުތަކެއް ކުރިން ވެސް ތިޔަމީހާއާއި ބައްދަލު ކުރެއްވެވި މަލާއިކަތާއެވެ. މާތް ﷲ ތިޔަމީހާގެ ސިއްޙަތާއި މުދަލުގައި ބަރަކާތްލައްވަވާފާނދޭވެ.'
އެމީހާއަށް ދެދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ވެސް ލިބިލެއްވީއެވެ.'