ކްރިސްޓަލް ޕެލެސްއިން ސިޓީ ހިފަހައްޓައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ކްރިސްޓަލް ޕެލެސްއިން ސިޓީ ހިފަހައްޓައިފި
އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީ މޮޅުވިޔަ ނުދީ ކްރިސްޓަލް ޕެލެސްއިން ހިފަހައްޓައި، ސިޓީއިން ދަމަހައްޓަމުންދިޔަ ޖެހިޖެހިގެން ލީގު މެޗުތައް މޮޅުވުމުގެ ސިލްސިލާއަށް ނިމުމެއް އަތުވެއްޖެއެެވެ.

ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ރޭ ކުޅުނު މި ލީގު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ ސިޓީއިންނެވެ. އެހެން ނަމަވެސް ސިޓީއިން ފޮނުވާލި ގިނަ ހަމަލާތައް ގޯލާ ސީދާކޮށްލެވޭ ގޮތެއް ނުވިއެވެ. އަދި ގޯލާ ސީދާވި ސިޓީގެ ހަތަރު ހަމަލާއެއް ވަނީ ކްރިސްޓަލް ޕެލެސްގެ ގޯލްކީޕަރު މަތަކޮށްެފައެވެ.

މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގެ ކުރިން ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން 18 މެޗުން މޮޅުވެފައެވެ. ރޭގެ މެޗުން އެއްވަރުވި ނަމަވެސް ލީގުގައި މިހާތަނަށް ސިޓީ އެއްވެސް މެޗަކުން ބަލިވެފައި ނުވެއެވެ.

ލީގުގައި ރޭ އާސެނަލްއާއި ވެސްޓް ބްރޯމް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގައި އާސެނަލްއަށް ލަނޑެއް ކާމިޔާބުކުރެވުނީ ވެސްޓް ބްރޯމްގެ ޖޭމްސް މެކްކްލީންގެ އަތުން ބައި ކޮޅަށް ވަދެގެންނެވެ. ވެސްޓް ބްރޯމްގެ ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޖޭ ރޮޑްރިގުއޭޒްއެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު 21 މެޗުން 59 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 21 މެޗުން 45 ޕޮއިންޓް ލިބިގެން ދެވަނައިގައި ޗެލްސީ އޮތްއިރު، ޔުނައިޓެޑް އޮތީ ކުޅުނު 21 މެޗުން 44 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ. ކުޅުނު 21 މެޗުން 41 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައި އޮތީ ލިވަޕޫލްއެވެ. އާސެނަލް އޮތީ ކުޅުނު 21 މެޗުން 38 ޕޮއިންޓް ލިބިގެން ފަސްވަނައިގައެވެ.
މިއަދު އޮންލައިން