ދަރިންގެ އަޑުއަހާބައަކަށް މައިން ބަފައިން ވުމަށް އައްޝައިޚް މުޙައްމަދު އަނީލް ގޮވާލައްވައިފިއެވެ.
ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ މައިން ބަފައިންނަކީ ދަރިންނަށް ކުރިމަތިވާ، ދަރިންގެ ލޯތަކަށް ފެންނަ ކަންކަމުގެ ވާހަކަ ދަރިން ކިޔައިދިނުމުން އަޑުއަހަން ކެރޭ އެކަމުގެ ޤާބިލުކަން ލިބިފައިވާ ބައަކަށް ނުވާނަމަ ކުދިންނަށް މަގު އޮޅުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
ޝައިޚް އަނީލް ވިދާޅުވީ ދަރިންގެ ވާހަކަ މައިންބަފައިން އަޑު ނުއެހުމުން ކުދިން ގޮސް އެވާހަކަތައް ކިޔައިދެނީ ރައްޓެހިންނަށް ކަމަށާއި އެޙާލަތުގައި ކުއްޖާއަށް ލިބެނީ ކުއްޖާއަށް މަގުއޮޅިގެންދާފަދަ މައުލޫމާތު ކަމަށެވެ. ކުއްޖާގެ ޝައުޤުވެރިކަން ބަދަލުވެގެންދަނީ ރަނގަޅު ނޫން ކަންކަމަށް ކަމަށެވެ.
"ގެރިބަކަރި ގެންގުޅޭ މީހާ އެތަކެތީގެ ބެލެނިވެރިކަމުގެ ޒިންމާ ރަނގަޅު ގޮތުގައި ނުނެގީމާ ބެލެނިވެރިކަމާ ހަވާލުވަނީ ސިންގާ. ސިންގާ ބެލެނިވެރިކަމާ ހަވާލުވީމާ ވާނެގޮތަކީ ދެން ފެންނަން އޮންނާނީ އެތަކެތީގެ ކަށިކޮޅުކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ. މިއަދު އަޅުގަނޑުމެންގެ ދަރިންނަށް ވަމުން މިދަނީ އެ ގޮތް."
އަނީލް ވިދާޅުވީ ދަރިންެގެ ޒިންމާ މައިންބަފައިން ނުނެގުމުން ދަރިން އިސްލާމް ދީނާއި ދުރަށް ގެންދާނެ ބައަކު އެބައުޅޭ ކަމަށެވެ.
މަސްތުވާތަކެއްޗާއި ފާހިޝް އަމަލުތަކާއި އެނޫންވެސް ކަންކަމުގެ ތެރެއަށް ދަރިން ވައްދާނެ ބައަކު މުޖުތަމައުގައި އެބަތިބި ކަމަށެވެ.
ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ ބައެއް މައިން ބަފައިން ބިޒީވެގެންގޮސް އަބަދު ތިބެނީ ފޯނުގައި ކަމަށެވެ. ދަރިންގެ އަޑު އަހައިލާނެ ވަގުތުކޮޅެއްވެސް ނުއޮންނަ ކަމަށެވެ. އެގޮތަށް ތިއްބައި ދަރިއަކު ގޮސް އަގު ބޮޑު އެއްޗެއް ބޭނުން ވެގެން ބުނި ނަމަވެސް އެބުނި އެއްޗެއް އަޑު ވެސް ނުއަހައި އާނއެކޭ ހޯދައި ދޭނަމޭ ބުނެވުނުކަން އެނގެނީވެސް މާފަހުން ކަމަށެވެ.
ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ ކުޑައިރު ދަރިންނާއި ގުޅުން ކަނޑާލައި ދުރުކުރުމަށްފަހު އަހަރުތަކެއް ފާއިތުވެ ދަރިންނަށް މަގުގެއްލިގެން ދިއުމުން ކައިރިވާން އުޅެން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. ފަހުން އޯގާތެރިވާން އުޅުނު ނަމަވެސް އެކަން ދަރިންނަށް ބަލައިނުގަނެވޭނެ ކަމަށެވެ.
ޝައިޚް މުޙައްމަދު އަނީލް މިފަދަ ބެލެނިވެރިންގެ ދަރިން ސިފަކުރެއްވެވީ މައިން ބަފައިން ދިރިތިއްބައި ޔަތީމްވެފައިވާ ކުދިންގެ ގޮތުގައެވެ.
ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރާނެ ގޮތްތައް ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ވަރަށް ރަނގަޅަށް އެނގެން އެބައޮތް ކަމަށެވެ. މައިން ބަފައިން ވާންވީ އެކަންކަން އުނގެނި އަމަލުކުރާ ބައަކަށް ކަމަށެވެ. އެއިރުން މުޖުތަމައުގައި މިހާރު ހުރި ގިނަ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.