އަޅުގަނޑުމެންނަށް މަތިވެރިކަމާއި މުއްސަނދިކަމާއި އާރާއި ބާރު ލިބުމުން އެ ނިޢުމަތްތަކަށް ބޮޑާވެ ކިބުރުވެރިވަމުންދާއިރު އެ ނިޢުމަތްތައް ތިމާއަށް ލިބުނު ގޮތާއިމެދު ވިސްނައެއް ނުލަމުއެވެ. އެ ނިޢުމަތްތައް ދެއްވެވީ މާތް ﷲ ކަމާއިމެދަކު ވިސްނައެއް ނުލަމުއެވެ.
މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި ކުރިމަތިވަނީ ތަވާޟުޢުވެރިކަން ނެތުމުންނެވެ. ތަވާޟުއުވެރިކަން އޮތް ނަމަ އެއްވެސް މީހަކާއިމެދު ހަސަދަވެރިއެއް ނުވާނެއެވެ. އެއްވެސް މީހަކަށް ދެރައެއް ނުދޭނެއެވެ. އެހެން މީހުންގެ ހައްޤުތައް ފުރިހަމައަށް އަދާކުރާނެއެވެ.
ބޮޑާވެ ކިބުރުވެރިވަނީ މުއްސަނދިކަން ބޮޑުވެގެން ހެއްޔެވެ؟ ލިބިފައިވާ ވެރިކަމެއްގެ ސަބަބުން ހެއްޔެވެ؟ ލިބިފައިވާ ޢިލްމުވެރިކަމުގެ ސަބަބުން ހެއްޔެވެ؟ މި ހުރިހާ ކަމަކީ މާތް ﷲ ގެ މިލްކެކެވެ. މާތް ﷲ ބޭނުންފުޅުވެވޮޑިގަތުމުން އިސާހިތަކު އެ ނިޢުމަތްތައް އަނބުރާ ގެންދަވާފާނެއެވެ.
ތަވާޟޫޢުވެރިވީމާ ނުނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެއެވެ. ކޮންމެ ކަމެއްވެސް ކުރާނީ އަދުލުވެރިކަމާއިއެކު ޙައްޤުގޮތުގައެވެ. "މިސިފަތައް އަޅުގަނޑުމެންގެ މެދުގައި ހުރެއްޖެނަމަ މި ޤައުމު އޮންނާނީ ކިހައި ބޮޑު ނިޢުމަތެއްގައިތޯ؟"
މާތް ﷲ ވަނީ ތަވާޟުޢުވެރިވުމަށް އަމުރުފުޅުކުރައްވައިފައެވެ. ހިތް ތިރިކޮށް މަޑުމޮޅިވުމަށްވެސް އަމުރުފުޅު ކުރައްވަވައިފައެވެ.
އެކަކު އަނެކެއްގެ މައްޗަށް ބޮޑާވެ ކިބުރުވެރިވެ އަނިޔާވެރިނުވާ ހިސާބަށް ތަޢާޟުޢުވެރިވުމަށްވެސް އަމުރުފުޅު ކުރައްވަވައިފައެވެ.
އަޅުގަނޑމެންގެ ސަލަފުއްޞާލިޙުން އަމަލުފުޅު ކުރައްވަވާފައިވަނީ ތިމާއާއި އެއް އުމުރުގެ މީހެއް ނަމަ އަޚެއްގެ ގޮތުގައި ބައްލަވައިގެންނެވެ. ތިމާގެ އަމިއްލަ ނަފުސަށް ދޭންޖެހޭ ހައްޤުތައް އޭނާއަށްވެސް ލިބެންޖެހޭނެ ކަމަށް ބައްލަވައިގެންނެވެ.
މާތް ﷲ އަށްޓަކައި ތަވާޟުޢު ވެއްޖެ މީހެއްގެ ދަރަޖަ މާތް ﷲ އުފުއްލަވައެވެ. މިދުނިޔޭގައާއި އާޚިރަތުގައިވެސްމެއެވެ. ތަވާޟުޢުވެރި ނުވެއްޖެނަމަ އަނިޔާވެރިކަން ޢާންމުވެގެންދާނެއެވެ. އަދި މީސްތަކުންނަށް ތަވާޟުޢުވެރިވެވަޑައިގަތުމަށް މާތް ﷲ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އަމުރުފުޅު ކުރައްވަވާފައިވުމުން އެކަމުގެ މުހިންމުކަން އެނގިގެންދެއެވެ.
އަޅުގަނޑުމެންނަކީ ކިބުވެރި ބައަކަށް ވެގެން ނުވާނެއެވެ. ޤިޔާމަތް ދުވަހުން ދުނިޔެމަތީގައި ގަދަފަދަކަން ދައްކައި ޖައްބާރުންގެ ގޮތުގައި އުޅުނު ކިބުރުވެރި މީހުން ކޮބައިތޯ މާތް ﷲ ސުވާލުކުރައްވަވާނެތެވެ. އެމީހުންނަށް އެދުވަހު ކުރެވޭނީ ކީއްތޯ ސުވާލުކުރައްވަވާނެއެވެ.
ކިބުރުވެރިންނަށް މާތް ﷲ ޤިޔާމަތް ދުވަހު ރަޙްމަތުގެ ބެއްލެވުމަކުން ނުބައްލަވާނެއެވެ. ކިބުރުވެރިން ވާނީ ގެއްލެނިވެގެންވާ ބައަކަށެވެ.
(އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް މަސްޖިދު މުޙައްމަދުތަކުރުފާނުލްއަޢުޒަމްގައި ދެއްވެވި ދަރުސަކުން)
ގުޅުންހުރި ވީޑިއޯ: