ބައެއް މީހުން ބަލިވުމުން މާތް ﷲ އާއި ގާތްވެއެވެ. ގަދަވުމުން ދުރުވެއެވެ. އެހެންވެ ޤިޔާމަތް ދުވަހުން "އަހަރެމެން ބަލިންގަދަ ނުކުރެއްވެވިނަމައޭ" މާތް ﷲ އަށް ދަންނަވާނެ ބައަކު އުޅޭނެއެވެ.
ޞިއްހަތާއިމެދު ވިސްނައިލަބަލާށެވެ. އެއް ބައްޔެއްގައި މީހަކަށް ޕެރަސެޓަމޯލް ގުޅައަކުން ޝިފާ ލިބިދާނެއެވެ. ހަމަ އެބަލީގައި އެހެން މީހަކު ބޭހަށް ނުގުޑައި ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެއެވެ
.
މާތް ﷲ އެންގެވި ގޮތުގައި އުޅެމުންދަނިކޮށް ދުނިޔޭގައި ގިނަ ޓެސްޓްތައް ކުރިމަތިކުރައްވަވަނީ މާތް ﷲ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އަހަރެމެންނަށް އޮތީ މާތް ﷲ ގެ ޓެސްޓްތަކުން ފާސްވުމަށް މަސައްކަތްކުރުމެވެ.
އެކަންކަން ރަނގަޅަށް އެނގޭއިރުވެސް މާތް ﷲ އަށްވުރެ އިސްކަން ތިއަ ދެނީ ދުނިޔޭގެ އެދުންތަކަށެވެ. އެނބުރި ދާންޖެހޭނީ ކައްވަޅަށް ކަމާއި ބަދަލުވެގެންދާނީ ވެއްޔަށް ކަމާއި ތާޅަފިލި ފުމެލެވުމާއިއެކު ތެދުވެ ޖަވާބުދާރީވާންޖެހޭނެ ކަމާއިމެދު ވިސްނާލަމު ހެއްޔެވެ؟
މާތް ﷲ އަހަރެމެން އެންމެން ދުނިޔެއަށް ފޮނުއްވެވީ ކީއްކުރަންކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހަމައެކަނި މާތް ﷲ އަށް އަޅުކަންކުރުމަށެވެ. މާތް ﷲ އެންގެވި ގޮތުގައި އުޅުމަށެވެ.
މިކަންކަން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެނގިތިބެމެ މާތް ﷲ ގެ އެންގެވުންތަކާއިމެދު ޣާފިލުވެ އަޅައި ނުލައި ދޫކޮށްލަމުއެވެ. ތަނަވަސްކަމާއި އެނޫންވެސް ކަންކަން އަތުޖެހުނުހައި ގޮތަކަށް އެބަހޯދަމުއެވެ. ބާރުތައް ގަދަބާރުން ދަމައިގަންނަމުއެވެ.
ގަދަކަމުން ކަންތައްތަކެއް ލިބިގަތް ނަމަވެސް ތިމާއަށް ލިބެނީ މާތް ﷲ މިންވަރުފުޅު ކުރެއްެވެވި ވަރެކެވެ. ދަރިން ލިބި ދަރިންގެ ފައިދާއެއް ނުލިބި އުޅެނިކޮށް މަރުވަނީ ކިތައް މީހުންހެއްޔެވެ؟ މުދައުތައް އެއްކޮށް ބޮޑު މަހުޖަނަކަށްވާތަނުން އެއިން އެއްވެސް ފައިދާއެއް ނުކުރަނީސް ދުނިޔެ ދޫކުރަންޖެހެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޖާނާއި މާލު ޤްރްބާންކޮށްގެން ރީތި އަންބެއް ހޯދާތަނުން އަނބިމީހާގެ ކިބައިން އެއްވެސް އުފަލެއް އަރާމެއް ނުލިބި މަރުވަނީ ކިތައް މީހުން ހެއްޔެވެ؟
މިހުރިހާ ކަންކަމެއް މާތް ﷲ މިންވަރުފުޅު ކުރައްވަވަނީ އަހަރެމެން އިމްތިހާނު ކުރެއްވެވުމަށެވެ.
މާތްﷲ އަހަރެމެން އިމްތިހާން ކުރެއްވެވުމުގަ ފެއިލްވި ނަމަވެސް އޮތީ ކިހައި ބޮޑު ނިއުމަތެއް ހެއްޔެވެ؟ އެނބުރި ތައުބާވުމުން އެބަ ފާސްކޮށްދެއްވަވައެވެ. މިއީ އެހެން ކޮން އިމްތިހާނެއްގައި ކުރާ ކަމެއް ހެވެ؟
ގުޅުންހުރި އޯޑިއޯ: