އިނގިރޭސި ޕްރެމިއާ ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ބްރެޒިލް ސްޓައިކަރު ގެބްރިއަލް ޖީސަސްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެއްޖެއެވެ.
އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ޖީސަސްއަށް އަނިޔާވެފައިވަނީ އެ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ. މި އަނިޔާއާ ބެހޭގޮތުން މެންޗެސްޓާ ސިޓީއިން ތަފުސީލްދެމުން އެ ޓީމުގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ޖީސަސްއަށް އަނިޔާވެފައިވަނީ އޭނާގެ ކަކުލުގެ ލިގަމެންޓަށް ކަމަށާއި އޭނާގެ އިތުރު ޓެސްޓްތަކެއް ހަދަންޖެހިފައިވާކަމަށެވެ.
ޖީސަސްގެ ކަކުލުގެ ލިގަމެންޓްއަށް ލިބުނު އަނިޔާއާ ގުޅިގެން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އޭނާ ދެމަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށެވެ.
ޖީސަސްގެ އިތުރުން ސިޓީގެ މުހިންމު މިޑްފިލްޑަރު ކެވިންޑެ ބުރާއިން ވެސް ހުރީ އަނިޔާގައެވެ.