އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ވެޓްފޯޑްެެއާ ދެކޮޅަށް ކުޅުނު މެޗުން 1-3 ގެ ނަތީޖާއިން މޮޅުވެ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، މެންޗެސްޓާ ސިޓީއިން ލީގު ތާވަލުގެ އެއްވަނަ ދަމަހައްޓައިފިއެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ފެށުން އެ ޓީމުން ރަނގަޅުކުރިއެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗުގެ 13 ވަނަ މިނެޓުގައި ވެޓްފޯޑްގެ ކްރިސްޓިއިން ކަބަސެލޭގެ އަތުން ބައިކޮޅަށް ލަނޑެއް ވަދެގެން ސިޓީއަށް މެޗުގެ ލީޑު ފުޅާކޮށްލެވުނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ސިޓީ ލީޑުގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީއިން ތަނަވަސްކުރަމުން ދިޔައިރު، މެޗުގެ 63 ވަނަ މިނެޓުގައި ސިޓީގެ ޓޮޕް ސްޓައިކަރު ސާޖިއޯ އަގުއޭރޯ ސިޓީއަށް އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގައި ފެނިގެންދިޔަ ވެޓްފޯޑްގެ ހަމައެކަނި ލަނޑު، އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 82 ވަނަ މިނެޓުގައި އަންޑްެރޭ ގްރޭއެވެ.
ރޭގެ މެޗުން މޮޅުވެގެން، ލީގުު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ކުޅުނު ކުޅުނު 22 މެޗުން 62 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 22 މެޗުން 47 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 21 މެޗު ކުޅެގެން ލިބިފައިވަނީ 45 ޕޮއިންޓްއެވެ. ހަތަރުވަނައިގައި ލިޕަވޫލް އޮތީ ކުޅުނު 22 މެޗުން 44 ޕޮއިންޓް ލިބިގެންނެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ތިންވަނައިގައި އޮތް ޗެލްސީ ނުކުންނާނީ ވާދަވެރި އާސެނަލްއާ ދެކޮޅަށެވެ. އާސެނަލް އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. މި މެޗަކީ ދެ ޓީމަށް ވެސް ވަރަަށް މުހިންމު މެޗެކެވެ. މި މެޗުން ޗެލްސީ މޮޅުވެއްޖެނަމަ، ލީގުގެ ދެވަނައަށް ޖެހިލާނެއެވެ. އާސެނަލް މޮޅުވެއްޖެނަމަ، ލީގު ތާވަލުގެ ފަސްވަނައަށް ޖެހިލާނެއެވެ.