ހަތަރު މަހަށްފަހު ޑެމްބެލޭ ކުޅެން އެރުމަށް ތައްޔާރުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަތަރު މަހަށްފަހު ޑެމްބެލޭ ކުޅެން އެރުމަށް ތައްޔާރުވެއްޖެ
އަނިޔާގެ ސަބަބަން މިދިޔަ ހަތަރު މަސް ދުވަސްވަންދެން ކުޅުމާ ދުރުގައި ހުރި ޒުވާން ހުނަރުވެރި ކުޅުންތެރިޔާ އޮސްމާނޭ ޑެމްބެލޭ ކުޅެން އެރުމަށް ތައްޔާރުވެއްޖެއެވެ.

ބާސެލޯނާގެ ރަސްމީ ވެބްސައިޓްގައި އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކްލަބްގެ މެޑިކަލް ސާވިސް ޓީމުން ޑެމްބެލޭއަށް ކުޅުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެހެންވުމުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކޮޕާޑެލްރޭ މުބާރާތުގައި ސެލްޓާވީގޯއާ ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗުގައި ޑެމްބެލޭ ފެނިގެންދާނެކަމަށް ބެލެވެއެވެ.

އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން މި ސީޒަނަށް ނުކުތްއިރު، އަދި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބާސެލޯނާ ބަލިވެފައި ނެތުމުން ޑެމްބެލޭގެ އެނބުރި އައުން ބާސެލޯނާ އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ.

ޑެމްބެލޭގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ މި ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ގެތާފޭއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރޭގައެވެ. އޭގެ ކުރިން ޑެމްބެލޭ ވަނީ ބާސެލޯނާއަށް ދެ މެޗު ކުޅެދީފައެވެ.

މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ބޮރޫޝިއާ ޑޮޓްމަންޑްއުން ބާސެލޯނާއަށް ބަދަލުވި ޑެމްބެލޭއަކީ ބާސެލޯނާގެ ތާރީޚުގައި އެންމެ ބޮޑު އަގުގައި ގަތް ކުޅުންތެރިޔާއެވެ. އަދި މި ވަގުތު ދުނިޔޭގައި ހުރި ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ބާސެލޯނާއިން ޑެމްބެލޭ ގެނެސްފައިވަނީ 110 މިލިއަން ޔޫރޯއަށެވެ.

މި ވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔަކީ މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި 222 މިލިއަން ޔޫރޯއަށް ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާއެވެ.
މިއަދު އޮންލައިން