ސިހުރު ޖެހޭތީ ކަންބޮޑުވާއިރު ގެއަށް ސިހުރަށް ނުވަދެވޭނެ ގޮތް އޮތީ ފެންނަން- ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ސިހުރު ޖެހޭތީ ކަންބޮޑުވާއިރު ގެއަށް ސިހުރަށް ނުވަދެވޭނެ ގޮތް އޮތީ ފެންނަން- ޝައިޚް މުޙައްމަދު ލަޠީފް
ސިހުރު ޖެހޭތީ ގިނަ ބައަކު ކަންބޮޑުވެގެން އުޅެއެވެ. ގެއަށް ސިހުރަށް ނުވަދެވޭނެ ގޮތް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އޮތީ ފެންނާށެވެ. އެހެންކަމާއިއެކުވެސް ސިހުރަށް ގެއަށް ނުވަދެވޭނެ ގޮތް ހަދަން މަސައްކަތް ކުރަނީ މަދުގެއެއްގައެވެ.

ގެއެއްގައި ކީރިތި ޤްރްއާން، ބަޤަރާ ސޫރަތް ކިޔަވާނަމަ އެގެއަކާއި ޝައިޠާނާ ކައިރިއެއް ނުވާނެއެވެ. ސިހުރުންވެސް އަންނަނީ ޝައިޠާނާއެވެ.

ޤްރްއާން ކިޔެވުމުން ޝައިޠަނާ އެ ގެއަކާއި ދުރަށް ދެއެވެ. ގޭގައި މާތް ﷲ ބަރަކާތް ލައްވަވައެވެ. ޝައިޠާނާގެ ކިބައިން ގޭގައި އުޅޭ މީހުން، ޤްރްއާން ކިޔަވާ މީހުން ސަލާމަތް ކުރައްވަވައެވެ.

ކީރިތި ޤްރްއާން ކިޔަވައި މާތް ﷲ އަށް ޛިކުރު ކުރީމާ ގޭގެއާއި ދުރަށް ޝައިޠާނާ ދުވަނީ މާޔޫސްވެގެންނެވެ. ބަންގީގެ އަޑު، ﷲ އަކްބަރު، ގެ އަޑު އިވުނީމާ ފޮޑިތަޅަމުން ޝައިޠާނާ ދުރަށް ދާވާހަކަ އަޅުގަނޑުމެން އަޑުއަހަމުއެވެ. ޙަދީޘްގެ ލަފުޒުގައި އޮތީ ފޮޑިތަޅަމުން ދުރަށް ދުވެދާ ކަމަށެވެ.

އިތުރު މާތް ނަބިއްޔާ ވަނީ ގެތަކަކީ ފަޅު ތަންތަނަށް، ޤަބުރުސްތާނަށް ނުހެދުމަށް އަމުރުފުޅު ކުރައްވައިފައެވެ. ޤަބުރުސްތާނަކީ ފަޅުތަންތަނެވެ. އެތަނުގައި ވަޅުލާފައިވަނީ މަރުވެފައިވާ މީހުންނެވެ. އެހެންކަމުން އެތަންތަނުގައި ޤްރްއާން ކިޔަވައެއް ނުހަދައެވެ. މާތް ﷲ އަށް ޛިކުރެއްވެސް ނުކުރެއެވެ (ަރުވެފައިވާ މީހުން އެކަންކަމެއް ނުކުރެއެވެ.)

ކަންކަން މިފަދައިން ހުރި ނަމަވެސް ގޭގޭގައި މިހާރު އަޅުކަންކުރަނީ ތަފާތު ޓީވީ ޕްރޮގްރާމްތަކަށެވެ. ފުޓްބޯޅައަށެވެ. އަބަދު ބަލަނީ މިޔުޒިކާއި ލަވައެވެ. މިފަދަ ޕްރޮގްރާމްތައް ހެދުނުން ފެށިގެން ނިދަންވުމާއި ހަމައަށް މެދު ނުކެނޑި އެބަ ބަލަމުއެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ. މާތް ﷲ ގެ މަތިން ހަނދުމަކުރުމެއް، ޛިކުރު ކުރުމެއް ނެތިއެވެ.

ލޯބިވާ ތުއްތު ދަރިންނަށް އެންމެ ޅަ އުމުރުން ފެށިގެން ޓީވީ ދައްކަމުން ދާތީ އެކުދިން ޓީވީއަށް ދެވިހިފައެވެ. އެހިސާބުން ބެލެނިވެރިންނަށް ކުރެވޭ ކަމެއް ނުއޮވެއެވެ. އަބަދު ޖެހެނީ ޓީވީ ޕްރޮގްރާމްތައް ދައްކައިދޭށެވެ.

ޓީވީތަކުން ދައްކާ ޕްރޮގްރާމްތަކުން އެތައް ކަމެއް ފެނެއެވެ. އިޝްތިހާރުތަކުން ފެންނަނީ ބަލަން ހެޔޮނުވާނެ މަންޒަރުތަކެވެ. އެކަންކަން ދަރިންނަށް ދަސްކޮށްދިނުމަށްފަހު ފަހުން އިޞްލާޙްކުރާ ވާހަކަ ދެއްކުމަކީ ދެކޮޅު ޖެހޭ ކަމަކަށް ނުވެއެވެ.

އަޅުގަނޑުމެންގެ ގެތަކުގެ ހާލަތު މިވަނީ ހިތާމަކުރަންޖެހޭ ޙާލަތަށް ގޮސްފައެވެ. ސަލާމަތުން ހުރީ މާތްﷲ ސަލާމަތް ކުރެއްވެވި މަދު ގެއެކެވެ.
}އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން)

ޝައިޚް ލަޠީފް ވަނީ ގެތަކަކީ ކީރިތި ޤްރްއާން ކިޔަވައި މާތް ﷲ އަށް ޛިކުރުކުރާ ތަންތަނަށް ހެދުމަށް ގޮވާލައްވައިފައެވެ. ބެލެނިވެރިންގެ އަމަލުތައް އިސްލާޙްކުރުމާއިއެކު ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރާ ބައަކަށްވުމަށްވެސް ގޮވާލައްވައިފައެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން