މާތް ﷲ ތިބާ ދެކެ ލޯބިފުޅުވެވޮޑިގަންނަވާ- ތިބާ މާތް ﷲ ދެކެ ލޯބިވާކަން ސާބިތުކޮށްދެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
މާތް ﷲ ތިބާ ދެކެ ލޯބިފުޅުވެވޮޑިގަންނަވާ- ތިބާ މާތް ﷲ ދެކެ ލޯބިވާކަން ސާބިތުކޮށްދެވިދާނެތަ؟
އުރެދެމުންދާއިރުވެސް މާތް ﷲ ގެންދަވަނީ ތިބާ ދެކެ ލޯބިފުޅުވެވޮޑިގަންނަވާކަން ސާބިތުކޮށްދެއްވަވަމުންނެވެ.

މާތް ﷲ އަށް އިމާން ނުވާއިރުވެސް، ފާފަތަކަށް އަރައިގަންނަމުންދާއިރުވެސް ތިބާއަށް ރިޒްޤް ދެއްވަވައެވެ. ބޭނުންތައް ފުއްދަވައި ދެއްވަވައެވެ.
ނިއުމަތްތަކުން މަޙްޜޫމެއް ނުކުރައްވަވައެވެ. އެއީ ތިބާ ހެއްދެވީ މާތް ﷲ ކަމަށްވާތީއެވެ. ތިބާ ދެކެ ލޯބިފުޅުވެވޮޑިގަންނަވާތީއެވެ.

ކަންކަން މިފަދައިން ފެންނަން ހުރި ނަމަވެސް އަދި ތިބާއަށް މިކަންކަން ރަނގަޅަށް އެނގޭއިރުވެސް ތިބާ މާތް ﷲ އަށް ލޯބިކުރަމުހެއްޔެވެ؟ އެކަން ސާބިތުކޮށްދެވިދާނެ ހެއްޔެވެ؟

ވިސްނައިލަބަލާށެވެ. އަމީރުލް މުއުމިނީންގެ މަޤާމުގައި އަބޫބަކުރުގެފާނު ހުންނެވިއިރު ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު ލޯފަން އަންހެނެއްގެ ގެއަށް ވަޑައިގެން އެގޭގެ މަސައްކަތްތައް ކޮށްދެއްވަވައެވެ. އެއީ ކާކުކަންވެސް އެކަނބުލޭގެއަކަށް ނުއަންގަވައެވެ.

އަބޫބަކުރުގެފާނު މިކަންކަން ކުރެއްވެވީ ކީއްވެގެންހެއްޔެވެ؟ އެއީ ތަނަވަސްކަން ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އަމީރުލްމުއުމިނީންއެވެ. އެއީ އެންމެ މަތީ މަޤާމްގައެވެ.

ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމާއިއެކު އިސްލާމް ދީން ފައުޅުކުރެއްވެވިއެވެ. އެއްވެސް ވަރަކަށް ބިރުފުޅުގެން ވަޑައެއް ނުގަންނަވައެވެ. ޖެހިލުންވެވަޑައެއް ނުގަންނަވައެވެ.

ޢުޘްމާން ބިން ޢައްފާން މާތް ﷲ ގެ މެގުގައި އިމެއް ނެތި ހޭދަކުރެއްވެވިއެވެ. ޢަލީގެފާނު އިޝާ ނަމާދުން ފަތިސް ނަމާދަށް ސަޖިދައިގައި އޮންނެވިއެވެ.

މިބޭބޭކަލުން މިކަންކަން މިކުރެއްވެވީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲ އަށް ލޯބިފުޅުން ފިޔަވައި އެއްވެސް ސަބަބެއް ނެތެވެ. ދީނީ އިލްމްވެރިން ވިދާޅުވަނީ މުސްލިމެއްގެ ލޮލުން މާތް ﷲ އަށް ލޯބިން ފައިބާ ކަރުނަ ތިއްކެއްގެ އަގު މައްކާގެ ޙަރަމްފުޅަށްވުރެ މާތް ﷲ ގެ ޙަޟްރަތުގައި މާމަތިވެރި ކަމަށެވެ.

މާތް ރަސޫލާ މުހައްމަދު (ޞޢވ) ދަންވަރުން ފެށިގެން ފަތިސްވަންދެން ދެއަތްޕުޅު އުފުއްލަވައި ވިދާޅުވީ "ޔާ ﷲ- ތިމަންކަލޭގެފާނުގެ އުންމަތް" އެވެ. އިތުރަށް އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެވުނެވެ. ފަތިސްވުމާއި ގާތްވެފައިވަނިކޮށް ޖިބްރީލްގެފާނު ވަޑައިގެން ވިދާޅުވިއެވެ.

"މާތް ﷲ ކަލޭގެފާނުގެ އުންމަތާއިމެދު މާޔޫސްވެވަޑައިގަތުމަކަށް ނުޖައްސަވާނެ" ކަމަށް ކަލޭގެފާނަށް ދަންނަވަން މާތް ﷲ އެންގެވިއެވެ.

ސުވާލު އުފެދެނީ މިހިސާބުންނެވެ. އަހަރެމެން މަސައްކަތް މިކުރަނީ އަހަރެމެންނާއިމެދު މާތް ރަސޫލާ (ޞޢވ) މާޔޫސް ވެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާނެ ގޮތަށް ހެއްޔެވެ؟

"އޭ ތިމަން ﷲ ގެ އަޅާއެވެ. މިއަދު ތިމަން ﷲ ކަލޭދެކެ ލޯބިވެވޮޑިގަތުމަށްޓަކައި ތިމަން ﷲ ދެކެ ލޯބިވާކަން ދައްކައިދިނުމަށް ކަލޭ ކުރީ ކޮންކަމެއް ހެއްޔެވެ؟"

މާތް ﷲ ގެ މިސުވާލުފުޅަށް ޖަވާބުދެވޭނެ މީހަކަށް ވުމަށް ތައްޔާރުވާށެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާށެވެ. ތިބާއަށް ހަމަ ހަޤީޤަތުގައިވެސް މާތް ﷲ ދެކެ ލޯބިވެވޭތޯ އަމިއްލަ ނަފުސާއި ގިނަގިނައިން ސުވާލުކުރާށެވެ.

މާތް ﷲ ދެކެ ލޯބިވާކަމަށް ދުލުން ބުނުމަކުން ނުފުދޭނެއެވެ. އެކަން ދައްކަންޖެހޭނީ އަމަލުތަކުންނެވެ. އަމަލުތައް މާތް ﷲ އެންގެވި މަގުގައި ބަހައްޓައިގެންނެވެ. މިކަމަށް ސަމާލުވާށެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން