ބާސެލޯނާ އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ގޯލްކީޕަރު ވިކްޓަ ވަލްޑެސް، ފުޓުބޯޅަ ކެރިއަރުން ރިޓަޔާވެ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.
ވަލްޑެސް ކުޅުން ހުއްޓާލާފައިވާކަން އަންގާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ޚަބަރު ލިބިފައިވާ ގޮތުން ވަލްޑެސް ވަނީ އޭނާގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ޑިލިޓްކޮށްފައެވެ. ފުޓުބޯޅަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ވަލްޑެސް ކުޅުން ހުއްޓާލަން ނިންމީ މުޅިން ފުޓުބޯޅަ ކެރިއަރުން ދުރުވެ ޢާއިލީ ކަންތަކަށްދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށެވެ.
ސްޕެއިންއަށް އުފަން ވަލްޑެސްގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވަނީ ސްޕެއިންގެ ބާސެލޯނާގައެވެ. ބާސެލޯނާއާއެކު ވަލްޑެސް ވަނީ ސްޕެނިޝް ލަލިގާ ހަ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު، އަދި ސްޕެނިޝް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
ވަލްޑެސް އޭނާގެ ޤައުމީ ޓީމު ސްޕެއިންއާއެކު ވަނީ2010 ވަނަ އަހަރުގެ ވޯލްޑްކަޕް، 2008 އަދި 2012 އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް، މި ތިން މުބާރާތުގައި ވަލްޑެސް އިނީ ސްޕެއިން ޓީމުގެ ބެންޗުގައެވެ. މި ކާމިޔާބީތައް ސްޕެއިން ހޯދިއިރު، އެ ޓީމު ގޯލު ބަލަހައްޓައިފައިވަނީ ރިއާލް މެޑްރިޑްގެ ކުރީގެ ކީޕަރު އަދި ޕޯޓޯގެ މިހާރުގެ ކީޕަރު އީކާ ކެލިޔަސްއެވެ.
ބާސެލޯނާއިން މެންޗެސްޓާ ޔުނައިޓެޑްއަށް ވަލްޑެސް ބަދަލުވީ 2014 ވަނަ އަހަރުއެވެ. ޔުނައިޓެޑްގައި އުޅުނު ދުވަސްވަރު، އެއިރު ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި ލުއިސް ވެންހާލްއާ ޖެހުނު މައްސަލައަކާ ގުޅިގެން ޔުނައިޓެޑް ދޫކޮށް ވަލްޑެސް ދިޔައެވެ. އެއަށްފަހުގައި ވަލްޑެސް ބަދަލުވީ މިޑްލްސްބްރޯއަށެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކުރަން ދެން ވަލްޑެސް ހުރީ މިޑްލްސްބްރޯގައެވެ.
އުމުރުން 34 އަހަރުވެފައިވާ ވަލްޑެސް އޭނާގެ ކެރިއަރުގައި އެންމެ މުހިންމު ރެކޯޑަކީ މިހާތަނަށް އެއްވެސް ކުޅުންތެރިޔަކު އޭނާގެ ކޮޅަަށް ހެޓްރިކެއް ފުރިހަމަކޮށްފައި ނުވާކަމެވެ.