އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީއާއި އާސެނަލްގެ ކުރިމަތިލުން ނިމުނީ 2-2 ގެ ނަތީޖާއިން ހަމަހަމަވެގެންނެވެ.
އާސެނަލްގެ އެމިރޭޓްސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފު ފަށައިގެން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލީޑު ނެގީ އާސެނަލްއެވެ. މި ލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައި ޖެކް ވިލްޝެއާއެވެ.
އެހެން ނަމަވެސް ލީޑުގައި އާސެނަލްއަށް މާ ގިނައިރުތަކެއް ނުވިއެވެ. އާސެނަލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެ ޓީމުގެ ޑިފެންޑަރު ހެކްޓާ ބެލާރިން ޗެލްސީގެ އެޑެން ހަޒާޑަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީ ޗެލްސީއަށް ޕެނަލްޓީއެއް ދިނެވެ. މެޗުގެ 67 ވަނަ މިނެޓުގައި މި ޕެނަލްޓީ ކުރިއަށް ފޮނުވާލައި ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވެސް ހަޒާޑެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީގެ މާކޯސް އެލޯންސޯ މެންޑޯޒާ ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް ޗެލްސީއަށް މެޗުގެ ލީޑު ހޯދައިދިނެވެ. ޗެލްސީ ލީޑުގައި އޮވެގެން މެޗު ނިމެން ދަނިކޮށް، މެޗުގެ ނަތީޖާ އަލުން ހަމަހަމަކުރީ އާސެނަލްގެ ހެކްޓާ ބެލާރިންއެވެ.
މި ދެ ޓީމުގެ ކުރިމަތިލުން އެއްވަރުވުމާ ގުޅިގެން ޗެލްސީއަށް ލީގު ތާވަލުގެ ދެވަނައަށް ޖެހިލުމުގެ ފުރުސަތު ގެއްލުނީއެވެ. ޗެލްސީ އޮތީ ލީގު ތާވަލުގެ ތިންވަނައިގައި ކުޅުނު 22 މެޗުން 46 ޕޮއިންޓް ލިބިގެންނެވެ. ލީގު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 22 މެޗުން 47 ޕޮއިންޓް ލިބިގެން މެންޗެސްޓާ ޔުނައިޓެޑްއެވެ. ތާވަލުގެ ކުރީގައި އޮތީ ކުޅުނު 22 މެޗުން 62 ޕޮއިންޓް ލިބިގެން މެންޗެސްޓާ ސިޓީއެވެ.