މުޅި އިންސާނިްޔަތުގައިވެސް މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅެމުން ދިއުމުގެ މައްސަލައެވެ. ޚާއްޞަކޮށް އިސްލާމީ އުންމަތުގައެވެ.
މިކަމުގައި ވަކި ޖިންސެއް ރަނގަޅުކޮށްފައި އަނެއް ޖިންސް ނުބައިކުރުމެއް ނެތެވެ. އެއް ބައަކު ކުށްވެރިކޮށްފައި އަނެއް ބައަކު ކުށްވެރި ނުކުރުމެއްވެސް ނެތެވެ.
ނިކަން ވިސްނާލަބަލާށެވެ. ހިޖާބަ އަޅައިގެން ތިބޭ އަންހެނުން ހިލޭ ފިރިހެނުންނާއިއެކު މުޢާމަލާތު އެބަކުރެއެވެ. ޢާއިލީ މައްސަލަތައް އެބަކިޔައިދެއެވެ. ހިލޭ ފިރިހެނުންނަށެވެ. ވަކި ހިސާބަކުން އެންމެ އިތުބާރު ހިފޭމީހަކަށް ހިލޭ ފިރިހެނާ ބަދަލުވެގެން އެބަދެއެވެ. ދެން ކަންކަން ވާނީ ކިހިނެއްހެއްޔެވެ؟
މިއީ އެއްފަޅިއެވެ. ފިރިހެނުން އެމީހުންގެ މަސައްކަތުގެ މާހައުލުން އެބަ ގުޅުންތައް އުފައްދައެވެ. އެފަދަ ގުޅުންތައް ބަދަހިވެ ކުރިއަރައި ދިއުމުން އަމިއްލަ އަނބިމީހާ ދެކެ ފޫހިވާން ފަށައެވެ. މުޢާމަލާތުކުރުން މަދުވެގެންދެއެވެ. އެކަނިވެރިކޮށްލައެވެ. ދެން ވާނީ ކިހިނަކުން ހެއްޔެވެ؟
ފިރިހެނުން ނަމަވެސް އަންހެނުން ނަމަވެސް ހިލޭ މީހުންނާއިއެކު ހޭދަކުރާ ވަގުތުތައް އަމިއްލަ އާއިލާ އާއިއެކު ހޭދަކުރާނެ ނަމައެވެ. އަނބިދަރިން ނުވަތަ ފިރިންނާއިއެކު ހޭދަކުރާނެ ނަމައެވެ.
އެކަކުވެސް އެކަނި ގިނައިރު އިންނަން ފޫހިވާނެއެވެ. އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސްމެއެވެ. އެއީ އެކަންވާނެ ގޮތެވެ. އެކަމަށް ދޭންޖެހޭ ސަމާލުކަމާއިމެދު ވިސްނާނަމަ ޢާއިލާތައް ރޫޅުން މަދުވެގެންދާނެއެވެ.
އެންމެންވެސް ކަންބޮޑުވުން ފައުޅުކުރަނީ ހުރިހައި ކަންކަން ބޮއްސުންލައިގެންދިއުމުންނެވެ. ކުރިއާލައި މިކަންކަމަށް ދޭންޖެހޭ ސަމާލުކަމެއް ނުދެއެވެ. ވާނެ ގޮތްތައް ވެ ނިމުމުން ދެން ކަންކަން ރަނގަޅުކުރަން އުޅުނު ނަމަވެސް އެކަންކަން ގިނަ ފަހަރަށް އޮންނަނީ ހައްލުނުކުރެވިފައެވެ.
މަސައްކަތުން ނިމިގެން ގެއަށްދާއިރު އަނބިމީހާ އަވަދި ނެތި އުޅޭތީ ވާންވީ ފޫއްސެއް ނޫނެވެ. އޭނާއަށް ނުކުރެވިހުރި ކަންކަމުގައި ތިމާވެސް ބައިވެރިވަންވީއެވެ. ދެމަފިރިން އެކުގައި މަސައްކަތްތައް ކޮށް ނިންމާލަންވީއެވެ. އެއިރުން އެކުގައި ރޭގަނޑު ބޭރަށް ގޮސްލުމުގެ ފުރުޞަތު އަވަހަށް ލިބޭނެއެވެ. ގޭގައި އެކުގައި ތިބެ އުފާކޮށްލުމުގެ ފުރުޞަތުވެސްމެއެވެ.
ގުޅުންހުރި ވީޑިއޯ: