ހުއްދަ ނޫން ކަންކަމުން ހޯދާ އެއްވެސް އުފަލެއްގައި ހަޤީޤީ އެއްވެސް އުފާވެރިކަމެއް ނުވެއެވެ. އެކަންކަމަކީ ސީދާ ޝައިޠާނާގެ ކިބައިން އަންނަ ކަންކަން ކަމުގައިވާތީއެވެ. އެއާއި ޚިލާފަށް މާތް ﷲ ހުއްދަ ކުރެއްވި ކޮންމެ ކަމެއް ކުރުމުން ތިބާއަށް ހިތްހަމަޖެހުން ލިބޭނެއެވެ. އެ ލިބޭ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެގެންވެއެވެ.
ކަންކަމާއި ގުޅިގެން އުފާކުރަންޖެހޭނެ މިންގަނޑުތައް އިސްލާމް ދީނުގައި ވަނީ ބަޔާންވެގެންނެވެ. އުފާ ހޯދޭނެ ގޮތްތައްވެސް އިސްލާމް ދީނުގައި ވަނީ ބަޔާންވެގެންނެވެ. އެއިގެ ބޭރުން ހޯދާ ކޮންމެ އުފަލަކާއި ގުޅިގެން ކުރިމަތިލާންޖެހޭނީ ހިތާމައާއި ހިތްހަމަނުޖެހުމެވެ. އެއީ ނަރަކައަށް ދިއުމަށް މަގުފަހިވެގެންދާ ކަމަކަށްވާތީއެވެ.
މިސާލަކަށް ފާހިޝް އަމަލުތައް ކުރުމަށް ބަލާށެވެ. އެވަގުތު ފޮނި އުފާތަކެއް އިޙްސާސް ކުރެވެއެވެ. ނަމަވެސް އެއީ ހަމަ ދާދި ކުޑަ އިރުކޮޅެއްގެ ވަގުތީ ކަމެކެވެ. ފަހަތުގައި ވަނީ ފާފަވެރިވުމެވެ. ނަރަކައިގެ ގަދަފަދަ އަޒާބެވެ.
މިކަންކަން މިގޮތަށް ކުރާމީހުންނަށް އެމީހުންނަށް ކުރެވުނު ކުށްތަކާއި އުޅެވުނު ގޮތް ވަޒަން ކުރެވެނީ މަރުގެ ތަންމައްޗަށް އަރައި އޮށޯންނަން ޖެހުމުންނެވެ. ހަތަރު އުދަރެސް ފެނުޖެހުމުންނެވެ.
މިސާލަކަށް ބައަކު ފިހާރައަކަށް ވަދެފާނެއެވެ. ސޭލުގައި ވަރަށް ހެޔޮ އަގުގައި ބަނގުރާ ވިއްކަން ހުރެދާނެއެވެެ. ކާމިޔާބު ލިބުނު މީހަކީ "ޔާ ﷲ މިއަޅާ މިހުރީ ބަނގުރަލާއި ދުރުހެލިވެގެން" ކަމަށް ބުނުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއެވެ.
"ޔާﷲ! ތިއައީ ޢަފޫކުރައްވަވާ އިލާހްއެވެ. މިއަޅާ މި ސޭލަށްފަހު ބަނގުރާ ބުއިން ހުއްޓައިލާނެމޭ" ބުނާ މީހާ އެވަނީ ގެއްލެނިވެގެންނެވެ. ސޭލަކީ ނިމޭނެ އެއްޗެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ބޮޑު ސޭލެއް ކުރިއަށް ދާނެއެވެ.
ތިމާއަށް ހަޔާތް ވޭތިކުރެވުނު ގޮތާއިމެދު އެވަގުތު ސުވާލުތައް ކުރެވޭނެއެވެ. ހަޔާތް ވޭތި ކުރީ އިބިލީހުގެ ފަހަތުން ކަމަށްވާނަމަ އެކަން އެނގި ޤަބޫލުކުރެވޭނެއެވެ. މުންކަރާތްތަކަށް އަރައިގަނެވުނު ކަމާއި އަމަލުކުރެވުނީ އިބިލީހުގެ އެންގުންތަކަށްކަން ޤަބޫލުކުރެވޭނެއެވެ.
ސްކޫލް ދުވަސްވަރަށް ވިސްނައިލާށެވެ. ބައިވަރު ޤަވާއިދުތަކަކަށް އަމަލުކުރަން ޖެހެއެވެ. ނަމަވެސް އެ ޤަވާއިދުތަކަށް އަމަލުކުރާ ދަރިންވަރުންނަށް ރަނގަޅު ނަތީޖާ ހޯދެއެވެ. ރަނގަޅު މުސްތަޤްބަލެއް ލިބެނީ އެދަރިވަރުންނަށެވެ. ޤަވާއިދުތަކަށް އަމަލުނުކުރެވިގެން ފެއިލްވާ ދަރިވަރުންނަކަށް ނޫނެވެ.
މުސްލިމުންނަށް ވެސް އޮތީ ހަމައެގޮތެވެ. އިސްލާމް ދީނުގައި ބައިވަރު ޤަވާއިދުތަކެއް އެބަހުއްތެވެ. އަމަލުކުރަންޖެހޭ އުޞޫލުތަކެއް އެބަހުއްޓެވެ. އެ އުޞޫލުތަކަށް އަމަލުކުރުމުން، މާތްﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ހަޔާތް ވޭތިކުރުމުން ދެން އޮތީ އުފާވެރިކަމެވެ.
ދުނިޔޭގައި ލިބެން ހުރި އުފާތަކަށް ވިސްނާށެވެ. ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެއީ މާތް ﷲ ހުއްދަކުރައްވަވާފައިވާ ކަމެއް ކަމާއިމެދު ވިސްނައިލާށެވެ. ކިތަންމެ ބޮޑު އުފަލެއް ލިބެން އޮތް ނަމަވެސް އެއީ މާތް ﷲ ނަހީކުރައްވަވާފައިވާ ކަމެއް ކަމަށްވާނަމަ އެކަމަކުން ދުރުހެލިވާށެވެ.
ކުރާ ކޮންމެ ހެޔޮ އަމަލަކީ އާޚިރަތް ދުވަހަށް ޖަމާކުރެވޭ އަގު ބޮޑު ހެޔޮކަމެކެވެ. މާތް ﷲ ޙަރާމް ކުރެއްވެވި ކަމެއް ނުކޮށް ދޫކޮށްލުމަކީ ވެސް އާޚިރަތް ދުވަހަށްޓަކައި ޖަމާ ކުރެވޭ އަގު ބޮޑު ހެޔޮކަމެކެވެ.
ހަޤީޤީ ހިތްހަމަޖެހުމެއް ލިބި ފަޚުރުވެރި ވެވޭނެ މީހަކީ ޢާޚިރަތް ދުވަހުން ދިންނެވުން ލިބިއްޖެ މީހަކެވެ. މިދުނިޔޭގައި ލިބޭ ނިޢުމަތްތަކަކީ ހަމަ ދުނިޔެއަށް އެކަނި ލިބޭ ކަންކަމެވެ. އެހެންވީމާ ދުނިޔަވީ މަޤްޞަދުތައް ހާޞިލުކުރަން މަސައްކަތްކުރާއިރުވެސް އާޚިރަތް ދުވަހަށް ތައްޔާރުވުމާއިއެކު ކޮންމެ ކަމެއްވެސް ކުރާށެވެ. ދެދުނިޔެ ވެސް އެއިރުން ކާމިޔާބުކުރެވޭނެއެވެ.
ގުޅުންހުރި ވީޑިއޯ: