ޒުވާން އިނގިރޭސި މިޑްފިލްޑަރު ބާކްލޭ ޗެލްސީއަށް
މިދިޔަ ތޭރަ އަހަރު އެވަޓަންއަށް ކުޅުނު ޒުވާން އިނގިރޭސި މިޑްފިލްޑަރު ރޮސް ބާކްލޭ، އިނގިރޭސި ޕްރެމިއާ ލީގުގެ ފަހުގެ ޗެމްޕިއަން ޗެލްސީއަށް ބަދަލުވެއްޖެއެވެ.
އުމުރުން 24 އަހަރުގެ ބާކްލޭ، ޗެލްސީއިން ގަތީ 15 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ބާކްލޭ ގަތުމަށްފަހު، ޗެލްސީއިން އޭނާއާއެކު އެއްބަސްވެފައިވަނީ 5 އަހަރާއި 6 މަހުގެ މުއްދަތަކަށެވެ.
"ބާކްލޭއަކީ ޒަމާނީ ފުޓުބޯޅައަށް ފުރިހަމަ ކުޅުންތެރިޔެއް.. އަދި އޭނައަކީ ވަރަށް ޒުވާން ކުޅުންތެރިޔެއް.. ވަގުތާއެކު އޭނާގެ ހުނަރު ކުރިއަރާނެ.. ބާކްލޭއަކީ ޗެލްސީއިން ކާމިޔާބު ހޯދުމަށް މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިޔެއް.." ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންފާ ބާޒާރުގައި ވެސް ބާކްލޭ ގަތުމަށް ޗެލްސީއިން 30 މިލިއަން ޕައުންޑްގެ ފީއެއް ހުށައެޅިއެވެ. ޗެލްސީގެ މި ހުށައެޅުމަށް އެ ފަހަރު ނޫނެކޭ ބުނީ ބާކްލޭއެވެ. އެހެން ނަމަވެސް، ބާކްލޭ ވަނީ އަންނަ ޖޫން މަހުގެ ނިޔަލަށް އެވަޓަންއާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ވެސް ދެކޮޅު ހަދާފައެވެ.
އުމުރުން 11 އަހަރުގައި އެވަޓަންގެ އެކަޑަމީއާ ގުޅުނު ބާކްލީ ވަނީ އެ ޓީމަށް 179 މެޗު ކުޅެދީ 27 ލަނޑު ކާމިޔާބުކޮށްފައެވެ. އިނގިރޭސި ޤައުމީ ޓީމުގެ ސްކޮޑުން ވެސް ޖާގަ ހޯދަމުން އަންނަ ބާކްލޭ، މިހާތަނަށް އިނގިރޭސި ޓީމަށް 22 މެޗު ކުޅުނެވެ.
ޗެލްސީގެ ޖާޒީގައި ބާކްލޭ ކުޅެން ނިންމާފައިވަނީ ޖާޒީ ނަމްބަރު 8 އަށެވެ.