އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލްއާއި ވެސްޓް ބްރޯމްއާ ބައްދަލުކުރި މެޗުގައި މެޗުގެ ރެފްރީންނާ ދިމާއަށް ބަދުބަސް ބުނުމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ތިން މެޗަށް ސަސްޕެންޑްކުރަން ނިންމައިފިއެވެ.
އިނިގރޭސި ފުޓުބޯޅައިގެ މައި އިދާރާ ދަ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކުރަމުން މެޗުގެ ރެފްރީންނަށް ފާޑުކިޔައި ޗޭންޖިން ރޫމްގައި ރެފްރީންނާ ދިމާއަށް އެއްޗެހި ގޮވުމުގައި ބޭނުންކުރި ބަސްމަގަކީ އަދަބާ ޚިލާފު ބަސްމަގެއްކަމަށެެވެ. އަދި އެ ކަމުގެ ސަބަބުން އޭނާ ތިން މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 40000 ޕައުންޑްއުން ޖޫރިމަނާކުުރުމުށް ވެސް އެފްއޭ އިން ނިންމައިފައިވެއެވެ.
އެފްއޭއިން ވެންގާ ތިން މެޗަށް ސަސްޕެންޑްކުރުމުން އެފްއޭކަޕްގައި ނޮޓިންހަމް ފޮރެސްްޓްއާ ދެކޮޅަށް ކުޅޭ މެޗާއި އިނގިރޭސި ފުޓުބޯޅަ ލީގު ކަޕްގެ ސެމީގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު، އަދި ލީގުގައި ބޯންމައުތްއާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޗުން ކުޅުންތެރިންނަށް އިރުޝާދުދިނުމުގެ ފުރުސަތު ވެންގާއަށް ގެއްލޭނެއެވެ.
މިކަމާ ބެހޭ ގޮތުން ވެންގާ ބުނެފައިވަނީ އޭނާ ދެއްކީ ދައްކަންޖެހޭ ވާހަކަތަކެއް ކަމަށާއި އިނގިރޭސި ލީގު ފަދަ ބޮޑެތި ލީގުތަކުގައި ކުޅޭ މަތީ ޕްރޮފެޝަނަލް މެޗުތަކުގައި ރެފްރީންގެ ޢަމަލުތައް ވެސް ހުންނަންވާނީ އެ ލެވެލްގައި ކަމަށެވެ.
އިނގިރޭސި ލީގުގައި އާސެނަލް އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު 23 ޕޮއިންޓްގެ ބޮޑު ފަރަޤެއް އޮތްއިރު، އާސެނަލްގެ މުހިންމު ދެ މިޑްފިލްޑަރުން އަލެކްސިސް ސަންޗޭޒާއި މެސުޓް އޮޒިލް، ޓީމު ދޫކޮށްލައިގެން ދާންއުޅޭ ޚަބަރުތައް ދަނީ ފެތުރަމުންނެވެ. އެހެން ނަމަވެސް، ވެންގާ ވަނީ މި ޚަބަރުތައް ދޮގުކޮށްފައެވެ.