"މާތް ﷲ މީހަކު ދެކެ ލޯބިވެވޮޑިގަތުމުން ޖިބްރީލްގެފާނަށް ވިދާޅުވެއެވެ. "މިވެނި މީހެއްގެ ދަރި މިވެނި މީހަކު ދެކެ ތިމަން ﷲ ލޯބިވެވޮޑިގެންވަމެވެ." ކޮންފަދަ ބޮޑު މަތިވެރިކަމެއްތޯއެވެ.!"
ތިބާއަކީ މާތް ﷲ ދެކެ ލޯބިވާ މީހެއް ކަމަށް ބުނާނަމަ އެންމެ ފުރަތަމަކަމަކަށް ކުރަން އޮތް ކަމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރިހަމައަށް ތަބަޢަވުމެވެ.
"ކަލޭގެފާނު ވިދާޅުވާށެވެ. ތިއަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިއަބައިމީހުން، ތިމަން ކަލޭގެފާނަށް ތަބަޢަވާށެވެ. އޭރުން، ﷲ، ތިއަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި ތިއަބައިމީހުންނަށްޓަކައި، ތިއަ ބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (2- 31)
އެންމެ މުހިންމީ މާތް ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންވާކަން އެނގުމެވެ. އެކަން ދެނެގަނެވިދާނެ ބައެއް ޢަލާމާތްތައް އެބަހުއްޓެވެ.
ފުރަތަމަކަމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރިހަމައަށް ތަބަޢަވުމެވެ. ބުނެދިން މީހާ އާއި ބައްޕަ އާއި އުޅެ ބޮޑުވި ސަގާފަތް މިކަމުގައި އަދާކުރާނެ ދައުރެއް ނެތެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މުސްލިމަކަށް ނަމަވެސް އަމަލުކުރަންޖެހޭނީ މިކަމުގައި އެއް ގޮތަކަށެވެ. ކޮންމެ ޤައުމަކަށް ނިޞްބަތްވީ ނަމަވެސްމެއެވެ. ކޮންމެ ނަސްލަކަށް ނިޞްބަތްވީނަމަވެސް މެއެވެ. ބަހަނާއެއް ދައްކައިގެން މިންޖެއް ނުވެވޭނެއެވެ.
މާތްﷲ މީހަކު ދެކެ ލޯބިވެވޮޑިގަތުމުން ޖިބްރީލްގެފާނަށް ވިދާޅުވެއެވެ. "ޖިބްރީލްގެފާނުއެވެ! މިވެނި މީހެއްގެ ދަރި މިވެނި މީހަކު ދެކެ ތިމަންﷲ ލޯބިވެވޮޑިގެންވަމެވެ." ކޮންފަދަ ބޮޑު މަތިވެރިކަމެއްތޯއެވެ! މާތްﷲ އެވަހީ ކުރައްވަވަނީ ތިބާގެ ނަމެވެ. މިއަށްވުރެ ބޮޑު އުފަލެއްވޭތޯއެވެ!
ޖިބްރީލްގެފާނަށް މާތްﷲ އެކަން ވަޙީކުރެއްވެވުމުން ޖިބްރީލްގެފާނު އެކަން ސުވަރުގޭގެ އަހުލުވެރިންނަށް އިޢުލާން ކުރައްވަވައެވެ. އަދި އެމީހަކަށް ލޯބިކުރުމަށް ޖިބްރީލްގެފާނު ސުވަރުގޭގެ އަހްލުވެރިންނަށް އަންގަވައެވެ.
ހަމައެއާއިއެކު މީސްތަކުންގެ ހިތްތަކުގައި އެމީހެއްގެ މައްޗަށް ލޯބި އުފެދިގެންދެއެވެ. ނަމަވެސް ކާފަރުންނާއި މުނާފިޤުންގެ ހިތްތަކުގައެއް ނޫނެވެ. މާތް ﷲ އަށް ލޯބިކުރާ ކޮންމެ މީހަކަށް އެމީހުން ނަފްރަތު ކުރާނެއެވެ. މިއީ މާތް ﷲ ތިބާދެކެ ލޯބިވެވޮޑިގެންފިކަމުގެ ދެވަނަ ޢަލާމާތެވެ.
"އުބައްޔުގެފާނަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްވެވިއެވެ. -ބައްޔިނާ- ސޫރަތް މާތް ﷲ ބާއްވަވައިލައްވައިފިއެވެ.
އަދި އުބައްޔުގެ ފާނަށް އެ ސޫރަތް ވިދާޅުވެދެއްވުމަށް މާތް ﷲ ތިމަން ރަސޫލާ (ޞޢވ) އަށް އަމުރުފުޅުކުރެއްވެވިއެވެ. އެވަގުތު ޢުބައްޔުގެފާނުގެ ވިދާޅުވިއެވެ. ރަސޫލާ (ޞޢވ) އެވެ. ހަމަ މިއަޅާގެ ނަން މާތް ﷲ ވަޙީ ކުރެއްވެވި ހެއްޔެވެ؟ އަދި އުފާފުޅުން ޝުކުރުގެ ސަޖިދައެއް ކުރެއްވެވިއެވެ."
މިއަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ މިއަށްވުރެ ބޮޑު ހަޤީޤީ އުފަލަކީ ކޮބައިހެއްޔެވެ؟ އެހެންކަމާއިއެކުވެސް ބައެއް މީހުން އުފަލުގެ ގޮތުގައި ދެކެނީ ތަނަވަސްކަން އިތުރުވުމާއި ބޭންކް އެކައުންޓުތަކުގައި ފައިސާ ގިނަވުމެވެ.
ތިންވަނަ ކަމަކީ މާތްﷲ ލޯބި ކުރައްވަވާ (ގިނަ) މީހުންނަށް މިދުނިޔޭގައި ހުރަސްތައް ކުރިމަތިކުރައްވަވައެވެ. މިސާލަކަށް ތިބާއަކީ އާމްދަނީ ހޯދަން ގަދައަޅައި 3 ހަތަރު މަސައްކަތްކުރާ މީހަކަށްވެދާނެއެވެ. ނަމަވެސް މަސް ނިމޭއިރު އަތުގައި އެންމެ ލާރިއެއް ވެސް ނުއޮވެދާނެއެވެ.
މާތް ﷲ އިމްތިޙާން ކުރައްވަވަނީ ފާފައެއްގެ ސަބަބަކުންނޫނެވެ. މާތް ﷲ އެންމެ ގިނައިން އިމްތިޙާން ކުރައްވަވަނީ ރަސޫލުބޭކަލުންނެވެ. އެންމެ ހެޔޮލަފާ މީހުންނެވެ. އެންމެ ތަޤްވާވެރިންނެވެ.
މާތް ﷲ މީހަކު ދެކެ ލޯބިވެވޮޑިގަތުމުން އެމީހެއްގެ ދުޢާ ޢިޖާބަކުރެއްވެވުން އިތުރުވުމެވެ. (ނަމަވެސް މީގެ މާނައަކީ ދުޢާ އިޖާބަ ކުރެއްވެވުން ލަސްވަނީ މީހަކު ދެކެ މާތް ﷲ ލޯބިވެވޮޑިނުގަންނަވާތީއެއް ނޫނެވެ. އެހެނީ ދުޢާ އިޖާބަ ކުރެއްވެވި ނަމަވެސް މިދުނިޔޭގައި އެކަން ނުއެނގިދާކަމެވެ. އާޚިރަތް ދުވަހަށްޓަކައި މާތް ﷲ ބަހައްޓަވާ ކަމެވެ.)
ގުޅުންހުރި ވީޑިއޯ: