އެންމެ ފަހުން ފިލިޕޭ ކުޓީނިއޯ ބާސާއަށް
ލިވަޕޫލަށް ކުޅެމުން އައި ބްރެޒިލްގެ ހުނަރުވެރި މިޑްފިލްޑަރު ފިލިޕޭ ކުޓީނިއޯ، 142 މިލިއަން ޕައުންޑްގެ ފީއަކަށް ސްޕެއިންގެ ބާސެލޯނާއަށް ވިއްކާލުމަށް ލިވަޕޫލްއާއި ބާސެލޯނާއާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މި އެއްބަސްވުމާއެކު ކުޓީނިއޯ ވެގެން ގޮސްފައިވަނީ ބާސާގެ ތާރީޚުގައި އެންމެ ބޮޑު އަގުގައި ގެންނަ ކުޅުންތެރިޔާއަށެވެ. އަދި އޭނާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. މިހާތަނަށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި 198 މިލިއަން ޕައުންޑަށް ބާސާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާއެވެ.
މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ވެސް ބާސާއިން ކުޓީނިއޯ ގަތުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި ކުޓީނިއޯ ވެސް އޭނާ ބާސާއަށް ވިއްކާލުމަށް އެދިފައިވެއެވެ. އެހެން ނަމަވެސް، ލިވަޕޫލްއިން ދިޔައީ ބާސާގެ ހުށައެޅުންތަކަށް ނޫނެކޭ ބުނަމުންނެވެ.
ކުޓީނިއޯ، ލިވަޕޫލް ދޫކޮށްލާ ބާސާއަށް ގުޅުމާ ގުޅިގެން ލިވަޕޫލްގެ ކޯޗު ޔަގާން ކްލޮޕް ބުނީ ކުޓީނިއޯ މަޑުކުރުވަން ލިވަޕޫލުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރިކަމަށާއި އެހެން ނަމަވެސް ބާސާގެ ޖާޒީގައި ކުޅުމަކީ ކުޓީނިއޯގެ ހުވަފެނެއްކަމަށާއި އޭނާގެ ވިސްނުން ބަދަލުކުރުމަށް ލިވަޕޫލަށް ކުރެވޭނެ އިތުރުކަމެއް ނެތްކަމަށެވެ.
ބާސާއަކީ ކުޓީނިއޯ ކުޑައިރުއްސުރެން އޭނާގެ ފޭވަރިޓް ޓީމެވެ. އަދި ބާސާގެ ޖާޒީގައި ކުޅުމަކީ އަބަދުވެސް ކުޓީނިއޯ ދެކެމުން އައި ހުވަފެނެކެވެ. ޚަބަރުތައް ލިބިފައިވާ ގޮތުން، މިރޭ ސްޕެނިޝް ލީގުގައި ލެވަންޓަންއާ ދެކޮޅަށް ބާސާ ކުޅޭ މެޗުގައި ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި އާންމުންނަށް ކުޓީނިއޯ ދައްކާލާނެއެވެ. އެހެން ނަމަވެސް ބާސާގެ ސްކޮޑާ އޭނާ ގުޅޭނީ ދެން ހުރި މެޗުތަކުގައި ކަމަށްވެއެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްގެ ޖާޒީގައި ކުޓީނިއޯ ކުޅެފައިވާތީ މި ސީޒަންގައި ޗެމްޕިއަންސް ލީގު މެޗުތަކުގައި ކުޓީނިއޯއަށް ބާސާގެ ޖާޒީގައި ނުކުޅެވޭނެއެވެ. އެހެން ނަމަވެސް، ބާސާ ކުޅޭ އެހެން ހުރިހާ މުބާރާތެއްގެ މެޗުތަކުގައި ކުޓީނިއޯއަށް ކުޅެވޭނެއެވެ.
ބްރެޒިލްގެ މި ހުނަރުވެރި މިޑްފިލްޑަރު އޭނާގެ ސީނިއާ ކެރިއަރު ފެށީ އިޓަލީގެ އިންޓަ މިލާނުންނެވެ. އިންޓަ މިލާނުން ލިވަޕޫލްއަށް އޭނާ ބަދަލުވީ 8.5 މިލިއަން ޕައުންޑްގެ ފީއެއްގައި 2013 ވަނަ އަހަރުގައެވެ. އެއަށްފަހުގައި މިދިޔަ ފަސް އަހަރު ތެރޭގައި ކުޓީނިއޯ ވަނީ ލިވަޕޫލްއަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބުކޮށްފައެވެ.