ރުޅިއަކީ މުޅި ހިތުގަ ދަބަރު ޖައްސުވާ އެއްޗެއް- ބިރުވެތިވޭ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ރުޅިއަކީ މުޅި ހިތުގަ ދަބަރު ޖައްސުވާ އެއްޗެއް- ބިރުވެތިވޭ: މުފްތީ މެންކް
ރުޅިއަކީ އިންސާނާގެ ހިތުގަ ދަބަރު ޖައްސުވާ އެއްޗެކެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު އެ ދަބަރުތައް އިތުރުވެގެންދެއެވެ. އެގޮތަށް ގޮސް މުޅި ހިތުގައި ދަބަރުޖަހައެވެ.

ހިތުގައި ކޮލޮސްޓްރޯލް ލެވެލް މަތިވީމާ ނޭވާލުމަށް އުނދަގޫވެއެވެ. ހިތުގައި ނުބައި އަމަލުތަކުގެ "ކޮލޮސްޓްރޯލް" އިތުރުވީމާ އެމީހެއްގެ ރޫޙާނީ ބާރުތައް ނެތިގެންދެއެވެ. ދީނާއި ދުރުހެލިވެއެވެ.

ހިތުގައި ރުޅިވެރިކަން ބޭއްވުމަކީ ހިތަށް ބުރަކަން ލިބޭ ކަމެކެވެ. އެބުރަކަން އުފުލާ މީހަކަށް ނުވާށެވެ. އުފުލަން ނުޖެހޭ ބުރައެއް ނުއުފުލާށެވެ. ރުޅި އަންނަން ޖެހޭ މީހުންނަށް މަޢާފްކުރަމުން ގެންދާށެވެ. އެއިރުން ހިތަށް ލުއިކަން ލިބޭނެއެވެ. އެއިރުން ތިބާގެ ހިތުގައި ރަނުގެ ފަށަލައެއް ލެވޭނެއެވެ. ރަނުގައި ދަބަރެއް ނުޖަހާނެއެވެ. އަބަދުވެސް އޮންނާނީ ވިދަވިދައެވެ.

މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ މީސްތަކުންނަށް މާފްކުރާ މީހާއަށް ސުވަރުގޭގައި ޚާއްޞަ ތަނެއް ނުވަތަ ދަރަޖައެއްވާ ކަމަށެވެ. މާތް ﷲ ސުވަރުގެއިން ދެއްވާ ޚާއްޞަ ތަން ތިބާ ބޭނުން ނުވަނީ ހެއްޔެވެ؟

މާތް ﷲ އަންގަވާފައިވަނީ ސުވަރުގެއިން މަތިވެރިކަން ހޯދުމުގައި ވާދަކުރުމަށެވެ. ރުޅީގެ ވަގުތު މަޑުމައިތިރިވެ މާފުކުރާ މީހުންނަށްޓަކައި ސުވަރުގެ ޚާއްޞަ ތަނެއް ނުވަތަ ދަރަޖައެއް މާތް ﷲ ލައްވަވާފައިވާކަން ޔަޤީންކަމާއިއެކު ލިބެން އޮތް އިރުގައިވެސް ބޭނުން ނުވަނީ ހެއްޔެވެ؟
"މާތް ﷲ ވަޙީ ކުރައްވަވާފައިވަނީ ތެދުވެރި އީމާންތެރިންނަކީ ރުޅީގެ ވަގުތުތަކުގައި އަވަހަށް މާފުކުރާ މީހުން ކަމަށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހުގައި ކުރަން އެންމެ ރަނގަޅު ކަމަކާއިމެދު ސުވާލުކުރި ޒުވާނަކަށް ޙަދީޘްފުޅު ކުރެއްވެވީ ރުޅި މަޑުކުރުމަށެވެ. 3 ފަހަރު ދެންނެވުމުން ވެސް ޙަދީޘްފުޅު ކުރެއްވެވީ ރުޅިމަޑުކުރުމަށެވެ. މިކަމުން އެނގެނީ އިސްލާމް ދީނުގައި ރުޅި ހުއްދަ ނޫން ކަމެވެ.

އެނގޭ ހެއްޔެވެ؟ ރުޅީގެ ވަގުތުތަކުގައި މީހުން އަމަލުކުރާ ގޮތަށް މާތް ﷲ ބައްލަވައިވޮޑިގެންވެއެވެ. ރުޅީގެ ވަގުތު މަޢާފްކުރާ މީހުންނަށް މާތް ﷲ މަޢާފް ކުރައްވަވަތެވެ. "ތިބާއަށް ނުބައި ކަމެއް ކުރި މީހަކަށް ތިބާ މަޢާފް ކުރުމުން ތިބާ މާތް ﷲ އަށް ކުރާ ކުށްތަކަށް މާތް ﷲ ޢަފޫކޮށް ދެއްވަވަނީ އެވެ. ކޮން ފަދަ ބޮޑު ދީލަތި ކަމެއްތޯއެވެ؟"

"ރުޅީގެ ވަގުތު ތިބާއަށް ކުށެއް ކޮށްފައިވީނަމަވެސް އަދި އެމީހެއްގެ މައްޗަށް ތިބާއަށް ގަދަވެގަނެވިދާނެކަން އެނގޭއިރުވެސް ތިބާ އެމީހަކަށް މަޢާފްކުރުމުން ތިބާގެ މައްޗަށް އެންމެ ފުރިހަމައަށް ބާރު ފޯރުއްވެވޭނެ މާތް ﷲ ދީލަތި ކަމާއިއެކު ތިބާއަށް މަޢާފްކުރައްވަވަނީއެވެ."

ރުޅި ގަދަވެގަންނަވަގުތު މާތް ﷲ ގެ މަތިން ހަނދުމަކުރާށެވެ. އާޚިރަތް ދުވަހުން ތިބާއަށް ލިބެންހުރި ނިއުމަތްތަކުގެ މަތިން ހަނދާންކުރާށެވެ.

ބައެއް ފަހަރު އެއްވެސް ކަމަކާއި ނުލައިވެސް ރުޅިއަންނަން ޖެހޭ ކަމެއް މެދުވެރިވެދާނެއެވެ. މީހަކު ރުޅިގަދަވެ ޒުވާބުކުރަން އުޅެފާނެއެވެ. އެވަގުތަކީ ތިބާގެ ކުޅަދާނަކަން ދައްކައިލަންޖެހޭ ވަގުތެވެ. ތިބާއަކީ ކުޅަދާނަ މީހަކު ނަމަ "ޞުލްޙަ" މާ މުހިންމު ކަމަށް ބުނާށެވެ. ހަނގުރާމަކުރަން ބޭނުން ނޫން ކަމަށް ބުނާށެވެ. މާތް ﷲ އަންގަވާފައިވަނީ ރުޅީގެ ޙާލަތުގައި އެގޮތަށް އަމަލުކުރުމަށެވެ.
މިއަދު އޮންލައިން