ޤަބުރުސްތާނު ފެނިވަޑައިގަތުމުން ތުނބުޅިފުޅުން ކަރުނަ އޮހޮރެންދެން ޢުޘްމާންގެފާނު ކީރިތި ކުރެއްވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޤަބުރުސްތާނު ފެނިވަޑައިގަތުމުން ތުނބުޅިފުޅުން ކަރުނަ އޮހޮރެންދެން ޢުޘްމާންގެފާނު ކީރިތި ކުރެއްވީ ކީއްވެ؟
މުސްލިމުންގެ 3 ވަނަ ޚަލީފާ ޢުޘްމާން ބިން ޢައްފާނަށް ގަބުރުސްތާނެއް ފެނިވަޑައިގެންފިނަމަ ކީރިތި ކުރައްވަވައެވެ. ކިހައި ވަރަކަށްތޯއެވެ؟ ކަރުނަފޮދުން ތުނބުޅިފުޅު ފޯވެ ކަރުނަތައް އޮހެންދެންނެވެ.

މީހަކު ދެންނެވިއެވެ. ޤިޔާމަތް ދުވަހާއި ސުވަރުގެ އާއި ނަރަކައިގެ ވާހަކަތައް އިވިވަޑައިގަތުމުން ކަލޭގެފާނު ތިއަ ވަރަކަށް ކީރިތި ނުކުރައްވަމުއެވެ. ވީއިރު ޤަބުރުސްތާނެއް ފެނުވަޑައިގަންނަވާ ކޮންމެ ފަަހަރަކު ތިއަ ވަރަށް ކީރިތި ކުރައްވަވަނީ ކީއްވެގެންތޯއެވެ.؟

ޖަވާބުގައި ވިދާޅުވިއެވެ. "ކައްވަޅަކީ ޢާޚިރަތުގެ ފުރަތަމަ ދަރަޖައެވެ. ކައްވަޅު އަމާން ވެއްޖެ މީހަކަށް ޤިޔާމަތް ދުވަހު ކަންކަން ލުއިފަސޭހަވެގެންދާނެއެވެ. އެނޫން މީހުންނަށް ޤިޔާމަތް ދުވަހުން ކަންތައްތައް ވާނީ ބޮޑު މުޞީބާތަކަށެވެ. އެމީހެއްގެ އާޚިރު މަންޒިލަކީ ނަރަކެއެވެ." ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ މިފަދަ ބަސްފުޅުތައް ހިތްޕުޅަށް އެރުމުން ކީރިތި ކުރެއްވެވެނީއެވެ.

އެއީ ޢުޘްންގެފާނެވެ. އެތައް ގޮތަކުން ސުވަރުގެ ކަށަވަރުކުރައްވައިގެން ހުންނެވި މުސްލިމުންގެ 3 ވަނަ ޚަލީފާއެވެ.

މަދީނާގެ މިސްކިތްކޮޅު ބޮޑުކުރެއްވުމަށްޓަކައި ބިން ބޮޑުކުރައްވަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބޭނުންފުޅުވެވަޑައިގަތް ހިނދު ވިދާޅުވިއެވެ. "އިންވެގެން އޮތް ބިން ނުވަތަ ގޯތި މާތް ﷲ އަށްޓަކައި ގަނެދެއްވާނީ ކޮން ބޭކަލެއްތޯއެވެ؟ އެބޭކަލަކަށް މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ދެއްވަވާނެތެވެ."

ބުނެވޭގޮތުން ޖުމުލަ ރަނގަޅަށް ފުރިހަމަ ނުކުރެއްވެވެނީސް އެމީހަކީ ތިމަންނާ ކަމަށް ވިދާޅުވެ އެމަތިވެރި ނިޢުމަތްވެސް ހޯއްދެވީ ޢުޘްމާންގެފާނެވެ. މިފަދަ އެތައް ކަމަކެވެ.

މިފަދަ ހުރިހައި ކަންކަމާއިއެކުވެސް ކައްވަޅު ދެކެ އެވަރަށް ޢުޘްމާންގެފާނު ބިރުފުޅުގެންވަޑައިގަންނަވައެވެ.

އަޅުގަނޑުމެންނަށް މިއަދު ކެނޑިނޭޅި ޤަބުރުސްތާނުތައް އެބަ ފެނެއެވެ. ހިތަށް އެއްވެސް އެއްޗެއް އަރާހެއްޔެވެ؟ ބިރުގަނޭހެއްޔެވެ؟ ކަންބޮޑުވޭ ހެއްޔެވެ؟ ނިކަން ސާފުބަހުން ބުނެބަލާށެވެ.

މުސްލިމުން އެކަންޏެއް ނޫނެވެ. އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުން ވެސް މަރުވާނެކަން ޤަބޫލުކުރެއެވެ. އެކަން ޤަބޫލުނުކުރާ ހަމައެކަކުވެސް ނުހުންނާނެއެވެ! ވީއިރު މަރާއިމެދު ތިބާ ވިސްނަނީ ކިހިނަކުން ހެއްޔެވެ؟ ކައްވަޅުގެ ބިރުވެރިކަން ނިކަން ހިތަށް ގެނެސްބަލާށެވެ. ގިނަގިނައިންނެވެ. އެއިރުން ތިބާގެ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުންނެވެ.
މިއަދު އޮންލައިން