ސެލްޓާ ވިގޯ އަތުން ވެސް މޮޅުނުވެވި ރިއާލްގެ އުއްމީދުތައް ފަނޑުވުމަކަށް
ސްޕެނިޝް ލީގުގައި ރޭ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑްއާއި ސެލްޓާ ވިގޯ ބައްދަލުކުރި މެޗު، 2-2 ގެ ނަތީޖާއިން އެއްވަރުވުމުން ލީގު ނެގުމަށް ރިއާލުން ކުރަމުން އައި އުއްމީދު ގާތްގަނޑަކަށް ފަނޑުވެއްޖެއެވެ.
ސެލްޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓުގައި ސެލްޓާގެ ޑެނިއެލް ވާސްގެ ލަނޑުން ލީޑު ނެގި ނަމަވެސް، އޭގެ 3 މިނެޓު ފަހުން ރިއާލްގެ ގެރެތް ބޭލްގެ ލަނޑުން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. އޭގެ 2 މިނެޓު ފަހުން، މެޗުގެ 38 މިނެޓުގައި ބޭލް އޭނާގެ ދެވަނަ ލަނޑު ޖަހައި މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ރިއާލްއަށް ނަގައިދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ރިއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސެލްޓާއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ރިއާލްގެ ޑިފެންސަށް ޕްރެސާކުރަން ފަށައިފައެވެ. އެ ގޮތުން، މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްލަން ސެލްޓާއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އެހެން ނަމަވެސް، ސެލްޓާގެ އިއާގޯ އަސްޕާސް ފޮނުވާލި ޕެނަލްޓީ، ރިއާލްގެ ކީޕަރު ނާވަސް މަތަކުރިއެވެ. ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، މެޗުގެ 82 ވަނަ މިނެޓުގައި ސެލްޓާގެ މެކްސްމިލިއާނޯ ގޮމޭޒް ގޮންޒާލޭޒް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ.
ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭއާ ދެކޮޅަށް ބާސެލޯނާ ބައްދަލުކުރި މެޗު ނިމުނީ ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއިން ބާސެލޯނާ މޮޅުވެގެންނެވެ. ބާސާގެ ފުރަތަމަ ލަނޑު، މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކޮށްދިންއިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 38 މިނެޓުގައި ޓޮޕް ސްޓައިކަރު ލުއިސް ސުއަރޭޒްއެވެ. މެޗުގައި ފެނިގެންދިޔަ ބާސާގެ ފަހު ލަނޑު މެޗު ނިމެން ދަނިކޮށް ކާމިޔާބުކޮށްދިނީ ޕައުލީނިއޯއެވެ.
ރޭގެ މެޗުތަކުގެ ނަތީޖާއާއެކު ބާސާއާއި ރިއާލްއާ ދެމެދުވާ ފަރަޤު ވަނީ 16 ޕޮއިންޓްއަށް ބޮޑުވެފައެވެ. ލީގު ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ ކުޅުނު 18 މެޗުން 48 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 18 މެޗުން 39 ޕޮއިންޓް ލިބިގެން ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތްއިރު، ތިންވަނައިގައި ވެލެންސިއާ އޮތީ ކުޅުނު 18 މެޗުން 37 ޕޮއިންޓް ލިބިގެންނެވެ. ފަހުގެ ޗެމްޕިއަން ރިއާލްއަށް ލިބިފައިވަނީ ކުޅުނު 17 މެޗުން 32 ޕޮއިންޓްއެވެ.
ލީގުގައި ރިއާލް ދެން ބައްދަލުކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ، ވިޔާރިއާލްއާއެވެ. އަންނަ ހޯމަ ދުވަހުގެ ރޭ ބާސާ ނުކުންނާނީ ރިއާލް ސޮސައިޑެޑްއާ ދެކޮޅަށެވެ.