ދީނީ ފަތުވާ ނެރެ ތަންފީޒުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދީނީ ފަތުވާ ނެރެ ތަންފީޒުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އިސްލާމް ދީނުގެ ކަންތައްތަކާއިބެހޭގޮތުން ދީނީ ފަތުވާތައް ނެރުމާއި މިހާރު ނެރެފައިވާ ފަތުވާތައް ޢާންމުންނާއި ހަމައަށް ނެރެ ތަންފީޒުކުރުމުގެ ޕްރޮގްރާމެއް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަހަރު ކުރިއަށް ގެންދާނެ ކަމަށް އެ މަޖިލީހުން ބުނެފިއެވެ.

މިއަދު ހެނދުނު އެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބް ރައީސް އައްޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ ފަތުވާ ނެރުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށާއި ބުރަކަމަކީ ޢާންމުންނާއި ހަމައަށް އެކަންކަން ނެރެ ތަންފީޒުކުރުން ކަމަށެވެ.

ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ މިހާރުވެސް ނެރެފައިވާ ފަތުވާތައް އެބަހުރި ކަމަށާއި އެ ފަތުވާތައް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިއަހަރު ތަފާތު މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ މިހައިތަނަށް ނެރެފައިވާ ފަތުވާތައް އެއް ފޮތެއްގައި ހިމަނައި އެފޮތް ނެރުމުގެ މަސައްކަތްތަކާއި ރާއްޖެއަށް ކޮންމެހެން ބޭނުންވާ ފަތުވާތައް ނެރުމަށްވެސް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ ދީނީ ކަމަކާއި ގުޅިގެން ކަމެއް އޮޅުންފިލުވަން ބޭނުންނަމަ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 8:30 އިންް 10:30 އަށް އެ މަޖިލީހުގެ މޯބައިލް ނަމްބަރު 7958613 އަދި ލައިން ނަމްބަރު 3029300 އަށް ގުޅުމުން ޖަވާބު ލިބޭނެ ކަމަށެވެ.

ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ ކުރެވޭ ސުވާލުތަކަށް ދޭ ޖަވާބަކީ ނެރެވޭ ފަތުވާއެއް ނޫން ކަމަށާއި ފަތުވާތައް ނެރެވޭނީ މަޖިލީހުގެ 5 މެންބަރުންގެ މަޝްވަރާކުރައްވައިގެން ވީވަރަކުން ޚިޔާލު އެއްގޮތް ކުރައްވައިގެން ކަމަށެވެ.
މިއަދު އޮންލައިން