ދީނީ ޢިލްމުވެރިންނަށް ފަރުދީ ހައިސިއްޔަތުން ފަތުވާ ނެރުއްވޭނެ- ޤާނޫނު އެކަން މަނައެއް ނުކުރޭ: ފަތުވާ މަޖިލިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދީނީ ޢިލްމުވެރިންނަށް ފަރުދީ ހައިސިއްޔަތުން ފަތުވާ ނެރުއްވޭނެ- ޤާނޫނު އެކަން މަނައެއް ނުކުރޭ: ފަތުވާ މަޖިލިސް

ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނަށް، ދީނީ ކަންކަން ދިރާސާ ކުރެއްވެވުމަށްފަހު ފަތުވާ ނެރުއްވޭނެ ކަަމށާއި އެކަން ޤާނޫނުގައި މަނާކޮށްފައި ނުވާކަމަށް ދީނީ ފަތުވާދޭ މަޖިލީހުގެ ރައީސް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ދީނީ ފަތުވާ ނެރުމަކީ ހުރިހާ ޤައުމުތަކެއްގައިވެސް ދީނީ އިލްމުވެރިންނަށް ހުއްދަ އަދި އެކަމަކީ ދީނީ އިލްމުވެރިން ކުރައްވަމުން ގެންދަވާ އަދި ނުހުއްޓުވޭނެ ކަމެއް ކަމަށެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ފަތުވާ މަޖިލީހުގެ ބޭނުމަކީ ޤައުމަށް މުހިންމުވާ ކަންކަމުގައި އެ މަޖިލީހަށް ފެންނަ ފަތުވާތައް ނެރުން ކަމަށެވެ.

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ދީނީ ކަންކަމުގައި ފަތުވާދޭ މަޖިލީހެއް ކޮންމެ އިސްލާމީ ޤައުމެއްގައިވެސް އޮންނަ ކަމަށެވެ. އަދި މުސްލިމުން ގިނަ ނަމަ އިސްލާމީ ނޫން ޤައުމުތަކުގައިވެސް އެފަދަ މަޖިލިސްތައް އޮންނަ ކަމަށެވެ. "ތައިލަންޑުގައިވެސް ފަތުވާދޭ މަޖިލީހެއް އޮވޭ. މުފްތީ އަކާ ނައިބަކުވެސް ހުރޭ. އެނޫންވެސް އެފަދަ ބައެއް ޤައުމުތައް އެބަހުރި."

ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ދީނީ ކަންކަމުގައި ފަތުވާ ދޭނެ މަޖިލީހެއް ރާއްޖޭގައި އުފެދިގެން މިދިއައީ ރާއްޖެ އިސްލާމްވީތާ 890 އަަހަރު ފަހުން ކަމަށާއި އަދި މިއީ ސަރުކާރުގެ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.
މިއަދު އޮންލައިން