ދީނީ ފަތުވާ ދިނުމާބެހޭ މަހާސިންތާގަ ދީނީ އިލްމުވެރިންނަށް ފުރުޞަތު ދޭނެ-
ރާއްޖޭގައި މިއަހަރުގެ މާރިޗް މަހު ދީނީ ފަތުވާ ދިނުމާއިބެހޭ ގޮތުން ބައިނަލްއަޤްވާމީ މަހާސިންތާއެއް ބާއްވަން ހަަމަޖެހިފައިވާ ކަމަށާއި އެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ދީނީ ފަތުވާދޭ މަޖިލީހުގެ މެންބަރުންގެ އިތުރުން ޜާއްޖޭގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށް ލިބިވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފިއެވެ.
ފަތުވާ މަޖިލީހުގެ ރައީސް އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު މިއަދު ވިދާޅުވީ އިސްލާމީ ޤައުމުތަކުގެ ފަތުވާދޭ މަޖިލިސްތަކުގެ މެންބަރުން މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިއްބެވި ފަތުވާ ދެއްވާ ދީނީ ޢިލްމުވެރިންނަށާއި މަޖިލީހުގެ މެންބަރުންނަށްވެސް މަހާސިންތާގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަަމަށެވެ.
ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު ވިދާޅުވީ ރާއްޖޭގައި ބާއްވާ މަހާސިންތާގެ އިތުރުން މަޖިލީހުގެ މެންބަރުން އެހެން ޤައުމުތަކަށް ޒިޔާރަތް ކުރައްވައި ފަތުވާ ނެރުމުގެ ކަންކަން ކުރަމުން ގެންދާ ގޮތުގެ މައުލޫމާތު ހޯދާނެ ކަމަށެވެ.
މަޖިލީހުގެ ނައިބް ރައީސް އައްޝައިޚް ިބްރާހީމް އަޙްމަދު ވިދާޅުވީ ފަތުވާދޭ މަޖިލީހަކީ އެއްވެސް މައްސަލައެއް ބަލއި ތަޙްޤީޤްކޮށް ފިޔަވަޅު އަޅާ މަޖިލީހެއް ނޫން ކަމަށާއި އެކަންކަން ކުރަމުން ގެންދާނީ އެކަންކަން ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއައްސަސާތަކުން ކަމަށެވެ.