ފިލްމް ބެލުމަކީ ތިމާ ކުރާ ހުރިހާ ހެޔޮ އަމަލުތަކެއް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. ނަމަވެސް އެކަމަށް ސަމާލުކަންދޭ މީހުން މިއަދު ވަރަށް މަދުވެއްޖެއެވެ. އެއީ އެވަރުގެ ނުބައި އަމަލެއްކަން އެނގިފައި ނެތް ކަމަށް ބުނުމަކުން މާތް ﷲ ގެ ޙަޟްރަތުގައި ސަލާމަތްކަމެއް ނެތެވެ.
ތިބާ ބަލަނީ ފިލްމެކެވެ. ފެންނަނީ މުސްލިމުން ބެލުން ހުއްދަ ނޫން މަންޒަރުތަކެވެ. ފިލްމެއް ބަލައި ނިމޭއިރު އެފަދަ ކިތަން މަންޒަރު ތިބާއަށް ފެންނަކަން އިހްސާސްކުރެވޭ ހެއްޔެވެ؟ނުއެނގި ބަލައިލެވޭ ފުރަތަމަ ފަހަރަށް މާތް ﷲ ޢަފޫ ކުރައްވަވައެވެ. ނަމަވެސް ހަމަ އެންމެ ފަހަރަކުއެވެ. އިތުރަށް ބަލާ ބެލުންތަކަށް މާތް ﷲ އަޒާބު ދެއްވަވާނެތެވެ.
(ވީއިރު ފިލްމެއް ބަލައި ނިމޭއިރު ކިތަށްފަހަރު ބެލިފައިވާނެ ހެއްޔެވެ؟ ކިތަށް ފާފަކުރެވޭނެ ހެއްޔެވެ؟ ކޮންމެ ފާފައަކާއި ގުޅިގެން ކޮށްފައި ހުންނަ ހެޔޮ އަމަލުތައް އުނިވެގެންދާނެއެވެ.)
އެކަމުގައި ހުރި ނުބައިކަމުގެ ބޮޑުކަމަށް ނިކަން ވިސްނައިބަލާށެވެ. މާތް ﷲ އަންގަވާފައިވަނީ ބެލުންތައް ތިރިކުރުމަށެވެ. (ބެލުން ހުއްދަ ނޫން ތަންތަން ނުބެލުމަށެވެ.) ވިދިގެން އަންގަވާފައިވަނީ އަމިއްލަ ގުނަވަންތައް (ޖިންސީ ގުނަވަން) ސަލާމަތްކުރުމަށެވެ. ދެކަމުގެ އަމުރުފުޅު އައިސްފައި މިވަނީ އެކުއެކުގައެވެ.
ފާހިޝް އަމަލުތައް ފެށިގެން އަންނަނީ ބެލުމުންނެވެ. ބެލުމަށްފަހު ހިނިތުންވެލައެވެ. އެއަށްފަހު ބަސްތައް ބަދަލުކުރެވެއެވެ. އެއަށްފަހު ޖިންސީ ގުނަވަނާއި ހަމައަށް ކަންކަން ފޯރައެވެ.
މުންކަރާތްތައް ލޮލުން ކުރެއެވެ. އެއީ ބެލުން ހުއްދަ ނޫންތަންތަނަށް ބެލުމެވެ. ދުލުން ކުރެއެވެ. އެއީ ދައްކަން ނުޖެހޭ ވާހަކަތައް ދެއްކުމެވެ.
މުސްލިމުން މިއަދު މިފަދަ ކަންކަން ދެކެނީ ވަރަށް އާދައިގެ ކުޑަކުޑަ ކަންކަމުގެ ގޮތުގައެވެ. ބުނަނީ އެއީ ރަޙްމަތްތެރިއެއް ކަމަށެވެ. މިފަދަ އެއްވެސް ކަމަކަށް އިސްލާމް ދީނުގައި ރަޙްމަތްތެރިކަމެއް ނެތެވެ.
ސިނަމާއަށް ވަނުމަށް ކިޔޫގައި ތިބޭ ހިސާބުން މައްސަލަތައް ފެށިގެންދެއެވެ. ބެލުންތައް ސީދާކުރެވިގެންދެއެވެ. ޖަޒްބާތުތައް ކެކި އުތުރި އަރަން ފަށައެވެ. ޖަނަވާރު ވިއްކާ ބާޒާރެއްގައި ކަންކަން މެދުވެރިވާ ފަދައިންނެވެ.
(އަޅުގަނޑުމެން ބަލަނީ ސީރީޒްކަމަށްވެދާނެއެވެ. އެމީހުން ހެދުން އަޅައިގެން ތިބެނީ މުސްލިމުން ބަލަން އެކަށީގެންވާ ގޮތަށް ހެއްޔެވެ؟ މިފަދަ ކަންކަމަށް ވިސްނަނީ ކިތައް މީހުން ހެއްޔެވެ؟ އެމިހާ ކޮށްފައި ހުންނަ ހެޔޮ އަމަލުކޮޅު ގެއްލިގެން އެދަނީ އެމީހާއަށް އެނގުމަކާއިވެސް ނުލައެވެ.)
ގުޅުންހުރި ވީޑިއޯ: