ރަސޫލާ (ﷺ) އެންމެ ފުރަތަމަ ފެނިވަޑައިގަތީ ވެސް ހަށިކޮޅުގަ އަތްޕުޅު ލެއްވީ ވެސް ބަރަކާ (رضي الله عنه)

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ރަސޫލާ (ﷺ) އެންމެ ފުރަތަމަ ފެނިވަޑައިގަތީ ވެސް ހަށިކޮޅުގަ އަތްޕުޅު ލެއްވީ ވެސް ބަރަކާ (رضي الله عنه)
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދުނިޔެއަށް އުފަންވެވަޑައިގަތުމުން ފުރަތަމަ ފެނިވަޑައިގަތީވެސް އަދި އިތުރު މާތް ނަބިއްޔާގެ ހަށިކޮޅުގައި ފުރަތަމަ އަތްޕުޅު ލެއްވެވީވެސް ބަރަކާ އެވެ. ނަމަވެސް އެކަމަނާގެ ވާހަކަފުޅުތައް އިސްލާމީ ސިޔަރަތުގައި ލިޔެވިފައިވަނީ ވަރަށް މަދުންނެވެ.

ބަރަކާއަކީ އިތިއޯޕިއާ އިން މައްކާއަށް ގެނެސް ވިއްކައިލެވުނު އަޅު އަންހެން ކުއްޖެކެވެ. އެއިރު އުމުރުފުޅަކީ ،9 10 އަހަރެވެ. އަޅުއްގެ ގޮތުގައި ބައްލަވައިގަތީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ބައްޕާފުޅު ޢަބްދުﷲގެފާނެވެ.

ޢަބްދުﷲގެފާނަކީ އޯގާތެރިކަމާއި ދީލަތިކަމުގެ ނަމޫނާ ބޭފުޅެކެވެ. ޢަބްދުﷲގެފާނު ބަރަކާ ގެންގުޅުއްވެވީ އަމިއްލަ ދަރިކަނބަލެއް ފަދައިންނެވެ.

ފަހުން އެކަމަނާ މިނިވަން ކުރެއްވެވިއެވެ. ނަމަވެސް މިނިވަންވެވަޑައިގެން ވަޑައިގަންނަވަން ބޭނުންފުޅު ނުވީއެވެ. ބޭނުންފުޅުވީ އެބޭފުޅުންނާއިއެކު ހުންނެވުމަށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އާލާސްވެ އިންނަވަނިކޮށް އާމިނަތުގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަމަނާގެ ބަނޑުފުޅުން ނުކުތް ބާރުގަދަ އަލިކަމެއް މައްކާއިން އިރާޤާއި ހަމައަށް ފޯރާފައިވާތީއެވެ.

އެހުވަފެންފުޅު ފެނިވަޑައިގަތުމުން އެންމެ ފުރަތަމަ ވިދާޅުވީ ވެސް ބަރަކާގެ އަރިއަހުގައެވެ. އަޑުފުޅު އިވިވަޑައިގަތުމާއިއެކު ވިދާޅުވީ އުފާފުޅު ކުރެއްވުމަށެވެ. އެއީ އުޑުގެ ކަލާނގެގެ ފަރާތުން ފެނިވަޑައިގެންނެވި ކަންތައްތަކަކަށް ނޫނީ ނުވާނެ ކަމަށެވެ. ކަމަނާގެ ބަނޑުފުޅުގައި ވަނީ ބަރަކާތްތެރި ދަރިކަލެއް ކަމަށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އާމިނަތުގެފާނު އާލާސްވެ އިންނަވަނިކޮށް ޢަބްދުﷲގެފާނު ސީރިޔާއަށް ދަތުރުފުޅެއް ކުރެއްވެވިއެވެ. އަދި އެ ދަތުރުފުޅުން އެނބުރިވަޑައިގެންނެވި މަގުމަތީގައި ޢަބްދުﷲގެފާނު އަވަހާރަވިއެވެ.

އެކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އާމިނަތުގެފާނަށް ވަރަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވެވަޑައިގެންނެވިއެވެ. ހިތްޕުޅަށް އިންތިހާއަށް ދަތިފުޅުވިއެވެ. މާޔޫސްކަމުގެ ތެރެއިން އިންސާނަކަށް ލިބޭނެ ހުރިހައި ކަންކަމާއި ދަތިތައް އެކަމަނާއަށް ކުރިމަތިވެވަޑައިގެންނެވިއެވެ.

ބެލެވޭ ގޮތުން އެއިރު އާމިނަތގެފާނުގެ އުމުރުފުޅަކަށް ވާނީ 30 ވަރަކަށް އަހަރެވެ. ބަރަކާގެ އުމުރުފުޅަކަށްވާނީ އެންމެ 14 ވަރަކަށް އަހަރެވެ. އުމުރުފުޅުގެ ގޮތުން އެ ބޮޑު ތަފާތު ހުރުމާއިއެކުވެސް އާމިނަތުގެފާނަށް ލިބިވަޑައިގެންނެވި މާޔޫސްކަމުން ސަލާމަތްވެވަޑައިގަތުމަށް އެންމެ ބޮޑު ހިތްވަރުފުޅެއް ދެއްވެވީ ބަރަކާއެވެ. އެ ހާލަތުގައި އާމިނަތުގެފާނަށް ބޭނުންފުޅުވެވަޑައިގެންނެވި ހުރިހާ ތެރަޕީއެއް ދެއްވެވީ ބަރަކާ އެވެ.

ޢަބްދުﷲގެފާނުގެ މަހާނަފުޅު އަރިއަހަށް އާމިނަތުގެފާނު ކުރެއްވެވި ދަތުރުފުޅުގައި ބަރަކާ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ދަތުރުފުޅުގައި އާމިނަތުގެފާނަށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވިއެވެ. އެ އާލާސްކަންފުޅުގައި އާމިނަތުގެފާނަށް ހުރިހާ ޚިދުމަތްތަކެއް ކޮށްދެއްވެވީ ބަރަކާއެވެ.

އާމިނަތުގެފާނު، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ރައްކައުވެވަޑައިގެންނެވި ވަގުތު އެކަމަނާގެ ޚިދުމަތުގައި ހުންނެވީ ވެސް ބަރަކާއެވެ. ރައްކައުވެވަޑައިގަތުމުން ސާފުކޮށްލެއްވެވުމަށްފަހު ގެންދަވައި ކިރުފޮދު ހިއްޕެވުމަށް އާމިނަތުގެފާނު އަރިއަހުގައި ބޭއްވެވީވެސް ބަރަކާއެވެ.

އުފަންެވެވަޑައިގަތުމުން ބަރަކާ ވިދާޅުވިއެވެ. "ކަމަނާއަށް ލިބިވަޑައިގެންނެވީ ހާދަ ލޯބިލޯބި ބޭފުޅެކެވެ. މޫނުފުޅުވެސް ހަނދަށްވުރެ މާ އަލިގަދައެވެ. ކަމަނާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު ސީދާވެއްޖެ ނޫންތޯއެވެ."

ބަރަކާއަށް ފަހުން އުންމު އައިމަން ވެސް ކިޔުނެވެ.

(ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން)

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން