މުހައްމަދު އުސާމް
ކަރަބައޯ އިންގްލިޝް ފުޓްބޯލް ލީގު ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގު މެޗުގައި ފަހު ވަގުތު ސާޖިއޯ އަގުއޭރޯ ޖެހި ލަނޑާއެކު މެންޗެސްޓާ ސިޓީއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބްރިސްޓޮލް ސިޓީގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ބްރިސްޓޮލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލީޑު ނެގީ ވެސް ބްރިސްޓޮލްއިންނެވެ. ބްރިސްޓޮލްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބޮބީ ރެއިޑްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ލީޑުގައި ބްރިސްޓޮލް އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސިޓީއިން ދިޔައީ ކުޅުން ރަނގަޅުކޮށް ބްރިސްޓޮލް ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ސިޓީގެ މިޑްފިލްޑަރު ކެވިންޑެ ބްރާއިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މި ލަނޑަށް ފަހުގައި ވެސް ސިޓީއިން ދިޔައީ ބްރިސްޓޮލްގެ ގޯލަށް ފުލުފުލުގައި ނުރައްކާ ކުރަމުންނެެވެ. މެޗުގެ ފަހު ވަގުތާ ހަމައަށް ބްރިސްޓޮލްގެ ޑިފެންސް ލައިންއުން ދިޔައީ ސިޓީގެ ހަމަލާތައް ދިފާއު ކުރަމުންނެވެ.އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް، އަރިމަތިން ބާނާޑޯ ސިލްވާ ނަގައިދިން ބޯޅައަކުން ސިޓީގެ ޓޮޕް ސްޓައިކަރު ސާޖިއޯ އަގުއޭރޯ ގޮސް ގޯލްގެ ތެރެއަށް ފޮނުވައިލީއެވެ.
ސެމީގެ ފުރަތަމަ ލެގު ސިޓީއިން ކާމިޔާބުކުރިއިރު، ސެމީގެ ދެވަނަ ލެގު ކުޅޭނީ ބްރިސްޓޮލްގެ ދަނޑުގައި އަންނަ ހަފުތާގެ ބުދަ ދުވަހުގެ ރޭގައެވެ. މި މުބާރާތުގެ ސެމީ ފައިނަލްގައި ޗެލްސީއާއި އާސެނަލް ކުޅޭ ފުރަތަމަ ލެގުގެ މެޗު ކުޅޭނީ މިރޭ ޗެލްސީގެ ދަނޑުގައެވެ.