ބޮޑެތި ފާފަތައް ކުރަމުން ކުދި އަޅުކަން ގިނަކުރި ނަމަވެސް ފައިދާއެއް ނުކުރާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ބޮޑެތި ފާފަތައް ކުރަމުން ކުދި އަޅުކަން ގިނަކުރި ނަމަވެސް ފައިދާއެއް ނުކުރާނެ
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކުދި އަޅުކަންތައްތައް ކުރަން ވަރަށް ބޮޑަށް ސަމާލުކަން ދެއެވެ. އެކަންކަން ކުރުމުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތާއި އެއްގޮތަށް އަމަލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރެއެވެ.

މިފަދަ ކަންކަން ކުރުމަކީވެސް ހަމަ ރަނގަޅު ކަންކަމެވެ. އެހެންކަމާއިއެކުވެސް އިސްކަންދޭންޖެހޭނީ ބޮޑެތި ފާފަތައް ނުކުރުމަށާއި ފަރުޟުތައް ފުރިހަމައަށް އަދާކުރުމަށެވެ.

މިސާލަކަށް ބައެއް މީހުންގެ ކުރިމަތީގައި ރިބާ އާއި މިހުންގެ ހައްޤުތައް އަދާނުކުރުމާއި ތަކެތި ގަނެފައި އަގު ނުދިނުމާއި މީހުން ލައްވައި މަސައްކަތްކުރުވާފައި އުޖޫރަ ނުދިނުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. ޒިނޭ ކުރުމަކީ ވެސް ދާދި ކުޑަކުޑަ ކަމެކެވެ.

އެހެންނަކުން ނުވާނެއެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަރުޟުތައް އަދާކުރުމެވެ. ހަމައެއާއިއެކު ތިމާ ކައިބޮއި ހަދާތަކެއްޗަކީ ހަލާލުތަކެތި ކަމުގައި ހެދުމެވެ. މީސްތަކުންގެ ހައްޤުތައް ފުރިހަމައަށް އަދާކުރުމެވެ.

(މީހަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތުމުން އެ ހޯދަން އައުމުން އިތުރު ފުރުޞަތު ހޯދުމުގެ ބޭނުމުގައި ކޯޓަށް ދާށޭ އެބަ ބުނަމުއެވެ. އެހެން ބުނެފައި ތިބާ އިންނަނީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަވާށެވެ. މިކަންކަން ދެކޮޅު ޖެހޭ ހެއްޔެވެ؟ ފުރަތަަމަ ކުރަންޖެހޭ ކަމަކީ ކޮބައިިހެއްޔެވެ؟ ކޮންމެ ކަމެއްގައިވެސް ތަރުތީބެއް އޮވޭ ނޫން ހެއްޔެވެ؟"

ވިސްނާށެވެ. ބޮޑެތި ފާފަތައް ނުކުރާނަމަ، ފަރުޟާއި ވާޖިބު ފުރިހަމައަށް އަދާކުރާނަމަ އިންސާނުންނަށް ކުރެވޭ ކުދިކުދި ކުށްތަކަށް މާތް ﷲ އަފޫކުރައްވަވާނެތެވެ. ނަމަވެސް ބޮޑެތި ކަންކަމުގައި ފޭލްވުމުން ކުދިކުދި ކަންކަމުން ކުރާނެ ފައިދާއެއް އޮންނާނެ ކަމަކަށް ނުބުނާނަމަވެ.

ހަސަދަވެރިކަމަކީ ހާދަހައިވާ ބޮޑުވެގެންވާ ފާފައެކެވެ. ނަމަވެސް އެކަމަކަށްވެސް ބައެއް މީހުން ނުބަލައެވެ. ހަސަދަވެރިވުމެއް ނެތެވެ. އަނެކާއަށް މާތް ﷲ ދެއްވެވި ތަނަވަސްކަމާއި ރީތިކަމާއި ބާރާއިމެދު ހަސަދަވެރިވުމެއް ނެތެވެ. އެހެނީ އެނިއުމަތްތައް އޭނާއަށް ދެއްވަވަނީ މާތް ﷲ އެވެ. މާތް ﷲ މީހަކަށް ދެއްވަވާ ނިޢުމަތަކާއިމެދު ސަދަވެރިވާންވީ ކީއްވެގެން ހެއްޔެވެ؟

(އެކަމުން ތިބާއަށް އެއްވެސް ކަމެއް މަދެއް ނުވެއެވެ. އެހެން މީހަކަށް ނިޢުމަތެއް ދެއްވެވުމުން މާތް ﷲ ގެ ޚަޒާނާއަށް އެއްެވެސް ބަދަލެއް ނައުދެއެވެ. ތިބާއަށާއި ދުނިޔޭގައި ތިބި އެންމެންނަށް ހައްޤު ނިއުމަތްތައް މާތް ﷲ ގެ ޚަޒާނާގައި އެބަހުއްޓެވެ. ކިތަންމެ ގިނަ ބައަކަށް ކިތަންމެ ގިނަ ނިޢުމަތްތައް މާތް ﷲ މިންވަރުފުޅު ކުރެއްވެވި ނަމަވެސް ތިބާގެ ކޯޓާއިން ޒައްރެއްގެ މިންވަރުވެސް މަދެއް ނުވެއެވެ.)

މީހަކަށް މާތް ﷲ ދެއްވެވި ނިއުމަތަކާއި މެދު ނުވިސްނާށެވެ. ވިސްނަންވީ ތިމާއަށް އިތުރު ނިއުމަތްތައް ލިބޭނެ ގޮތަކާއިމެދުގައެވެ. މާތް ﷲ އަށް އާދޭސްކޮށް ދަންނަވަންވީ ތިމާއަށް އިތުރު ނިޢުމަތްތައް ދެއްވެވުން އެދިއެވެ.

އާޚިރަތުގައި ސަލާމަތްކަމެއް ލިބޭނީ މިކަންކަމަށް ވިސްނައިގެންނެވެ. މުންކަރާތްތަކަށް އަރައި ނުގަތުމުންނެވެ. ފަރުޟުތައް ފުރިހަމައަށް އަދާކުރުމުންނެވެ. ކުރާ ޛިކުރުތަކުގެ ހަޤީޤީ ފައިދާ ލިބޭނީ ބޮޑެތި މައްސަލަތަކުން ސަލާމަތްވެހުރި މީހަކަށެވެ. ސާފު ހިތަކާއިގެން މާތް ﷲ ގެ ޙަޟްރަތަށް ދެވުނު މީހަކަށެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން