ޗެލްސީއާއި އާސެނަލްގެ ފުރަތަމަ ލެގުގެ ކުރިމަތިލުން އެއްވަރުވެއްޖެ
ކަރަބައޯ އިންގްލިޝް ފުޓްބޯލް ލީގު ކަޕްގެ ސެމީ ފައިނަލްގައި ޗެލްސީއާއި އާސެނަލްގެ ފުރަތަމަ ލެގުގެ ކުރިމަތިލުން، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގައި ޗެލްސީގެ ފަރާތުން އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގައި ފެނިގެންދިޔަ ގިނަ ހަމަލާތައް އުފައްދާފައިވަނީ ޗެލްސީގެ ފަރާތުންނެވެ. އަދި ޗެލްސީއިން ފޮނުވައިލި ހަމަލާތައް ދިފާއުކުރުމުގައި އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާގެ ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެއެވެ.
އިނގިރޭސި އެފްއޭ ކަޕްގައި ދެވަނަ ޑިވަޝަންގައި ކުޅޭ ނޮޓިންހަމް ފޮރެސްޓް އަތުން އާސެނަލް ބަލިވެ އެ މުބާރާތުން ކާޓާފައިވާއިރު، އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލް އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެހެންވުމާއެކު، ތަށްޓަކާއެކު ސީޒަން ނިންމާލުމަށްޓަކައި އާސެނަލްއަށް މި މުބާރާތް ކާމިޔާބުކުރުން ވަރަށް މުހިންމެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގައި މި ދެ ޓީމުގެ ދެވަނަ ލެގުގެ ކުރިމަތިލުން އޮންނާނީ މި މަހު 25 ގައި އާސެނަލް ދަނޑުގައެވެ. ސެމީ ފައިނަލްގައި މެންޗެސްޓާ ސިޓީއާއި ބްރިސްޓޮލް ސިޓީގެ ދެވަނަ ލެގުގެ ކުރިމަތިލުން އޮންނާނީ މި މަހު 24 ގައި ބްރިސްޓޮލްގެ ދަނޑުގައެވެ. ސިޓީއާއި ބްރިސްޓޮލްގެ ފުރަތަމަ ލެގުގެ ކުރިމަތިލުން ނިމުނީ 1-2 ގެ ނަތީޖާއިން ސިޓީ މޮޅުވެގެންނެވެ.