ބްރެޒިލްގެ ފުރަތަމަ ޑިވިޝަން ލީގުގައި ކުޅޭ އެސްޕޯޓިވާ ޕަލްމެއިރާސްއަށް ކުޅެމުން އަންނަ ކޮލޮމްބިއާގެ ސެންޓްރަލް ޑިފެންޑަރު ޔެރީ މިނާ ބާސެލޯނާއަށް ސޮއިކޮށްފިއެވެ.
ބާސެލޯނާގެ ރަސްމީ ވެބްސައިޓްގައި މިނާގެ ސޮއި ބާސާއިން ހޯދާފައިވާކަން ހާމަކުރަމުން ބުނެފައިވަނީ، ބާސާއާއެކު މިނާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށާއި އޭނާގެ ރިލީޒް ކްލޯސްއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 100 މިލިއަން ޔޫރޯކަމަށެވެ.
ބާސާއިން މިނާ ގެނެސްފައިވަނީ 11.8 މިލިއަން ޔޫރޯގެ ފީއެއްގައެވެ.
ބްރެޒިލް ލީގުގައި ޕަލްމެއިރާސްގެ ސެންޓްރަލް ޑިފެންސްގައި މިނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ކްލަބަށް މިނާ ކުޅުނު 49 މެޗުގައި 9 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ބާސާއިން ޔެރީ މިނާ ގެނެސްފައިވާއިރު، އެ ކްލަބްގެ ހުނަރުވެރި ޒުވާން ފްރާންސް ސެންޓްރަލް ޑިފެންޑަރު ސަމުއެލް އުމްޓިޓީ ހުންނެވީ އަނިޔާގައި ކުޅުމާ ދުރުގައެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން ބާސާއަށް ކުޅެމުން އަންނަ އާޖެންޓީނާ ސެންޓްރަލް ޑިފެންޑަރު ހަވިއާ މަޝެރާނޯ ބާސާ ދޫކޮށްލާފައި ދާން ވަނީ ނިންމައިފައެވެ.
މި ފެށުނު ހޫނު މޫސުމުގެ ބާޒާރުގައި ބާސެލޯނާއިން ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 149 މިލިއަން ޔޫރޯގެ ފީއެއްގައި ލިވަޕޫލުން ބްރެޒިލް މިޑްފިލްޑަރު ފިލިޕޭ ކުޓީނިއޯ ގެނެސްފައެވެ.
އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސާއިން މި ސީޒަނަށް ނުކުތްއިރު، މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބާސާ ބަލިވެފައި ނުވާއިރު، މި ފިނި މޫސުމުގެ ޓްރާންސްފާގެ ބާޒާރުގައި ގެނެސްފައިވާ ކުޓީނިއޯއާއި ޔެރީ މިނާއާއެކު ބާސާ އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.