ފާފަކުރުން ހުއްޓާލުމަށް 4 ކަމެއް ކުރަންޖެހޭ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ފާފަކުރުން ހުއްޓާލުމަށް 4 ކަމެއް ކުރަންޖެހޭ: މުފްތީ މެންކް
ކޮންމެ މީހަކީވެސް ފާފައެއް ކުރެވިދާނެ މީހެކެވެ. މުހިންމީ ފާފަކުރުން ހުއްޓައިލުމެވެ. އެކުގައި އެކަމުން ދުރުވެ މަނާވެގަތުމެވެ. އެގޮތުން ބަލާއިރު ފާފަކުރުން ހުއްޓައިލުމަށް 4 ކަމެއް ކުރަންޖެހޭނެއެވެ.

ފުރަތަމަ ކަމަކީ ކުރެވުނު ފާފައިގެ ޒިންމާ އަމިއްލައަށް ނެގުމެވެ. ފާފަ ކުރެވުނީ ކޮންމެވެސް އެކުވެރިއެއްގެ ސަބަބުން ކަމަށްވެސްވެދާނެއެވެ. ނަމަވެސް އެއީ މާތް ﷲ ގެ ޙަޟްރަތުގައި ދެއްކޭނެ އުޒުރެއް ނޫނެވެ. ފާފަކުރީ ތިމާ ކަމަށްވާނަމަ އެކަމުގެ ޒިންމާ ނަގަން އެމީހަކަށް ކެރެން ޖެހޭނެއެވެ.

ދެވަނަ ކަމަކީ ކުރެވުނު ފާފަ އާއިމެދު ދެރަވެ ހިތާމަކުރާ މީހަކަށްވުމެވެ. ތިމަންނައަށް ކުށެއް ކުރެވިއްޖެއެވެ. މައާފްކުރާށެވެ. ދުލުން ބުނެލުމަކުން ނުފުދެއެވެ. ތިމާއަކީ ހިތުގެ އަޑިން އެކަމަށް ހިތާމަކުރާ މީހަކަށްވާން ޖެހޭނެއެވެ. ކުރެވުނު ކަމަކާއިމެދު ހިތާމަކުރާ މީހާ އެކަން ތަކުރާރެއް ނުކުރާނެއެވެ. އަބަދުވެސް ހުންނާނީ އެފަދަ ކަމެއް ދެން ތަކުރާރުވިއަ ނުދިނުމުގެ އަޒުމުގައެވެ. އެކަމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ.

ތިންވަނަ ކަމަކީ މާތް ﷲ ގެ ހަޟްރަތުން މާފަށް އެދި އާދޭސް ދެންނެވުމެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. ހަތަރުވަނަ ކަމަކީ އެފަދަ ކުށެއް ތަކުރާރުނުކުރާނެ ކަމަށް މާތް ﷲ ގެ ޙަޟްރަތުގައި ވައުދުވެ އެ ވައުދު ދެމެހެއްޓުންމަތީގައި ދެމިހުރުމެވެ.

މާތް ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ދީލަތިވަންތަ އިލާހްއެވެ. އެތައް ފަހަރަކު ކުށްތައް ކުރުމުން ވެސް ޢަފޫ ކުރައްވަވާ އިލާހްއެވެ. އަހަރެމެންނަކީ މާޔޫސްވާންޖެހޭ ބައެއް ނޫނެވެ. ނަމަވެސް އެއިގެ މާނައަކީ ފާފަތައް އަބަދުކުރަމުން އަބަދު މާފަށް އެދުންމަތީގައި ދެމިހުރުމެއް ނޫނެވެ.

މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރި މީހަކީ ފާފަ ކުރެވުމުން އެކަމުގެ ކުށް އިޙްސާސްކޮށް ތައުބާވެ އިތުރަށް ފާފަނުކޮށް ހައްޤު މަގުގައި ދެމިހުންނަ މީހާއެވެ. އެހެންކަމުން މި 4 ސަބަބުގައި ހިފަހައްޓައިފިނަމަ ތިބާއަކީ ފާފަކުރުމުން ސަލާމަތްވެގެން ހުރެވޭ މީހަކަށްވެދާނެއެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން