ތަޤްވާވެރި ނޫން އެންމެންނަށް ވެސް އާޚިރަތުގައި އޮތީ ނަރަކައިގެ ވޭން ދެނިވި އަޒާބުކަން އެންމެންވެސް ދަނެއެވެ. ނަމަވެސް ނަރަކަވަންތަ ވެރިން، ނަރަކައިގާ އެމީހުންގެ ޙަޔާތް ވޭތު ކުރާނީ ކިހިނެއްކަން ދަންނަނީ މަދު ބައެކެވެ.
ނަރަކައިގެ އަލިފާންގަނޑުގައި އެބައިމީހުން (ނަރަކަވަންތަވެރިން) އަނދަމުން ދެއެވެ. އެބައިމީހުންނަށް ދެވިފައިވާ އަންނަނުއުނު ވެސް ހަދާފައި ހުންނަނީ އަލިފާނުގެ ބާވަތަކުންނެވެ. އަދި ވިއްސާރަ ވިލާގަނޑެއް ފަދައިން ނަރަކަވަންތަ ވެރިންގެ ބޯމައްޗަށް ނަގާ ވިލާގަނޑުން ވެހޭނީ ވާރެއެއް ނޫނެވެ. އެސިޑެވެ.
އެބައިމީހުންނަށް ކާނާ ދެވޭހިނދު، އެކާނާ ކެއުމަށްފަހު އެބައިމީހުންގެ ކަރުގައި އަޅައިގަނެ ގޮހޮރުތައް ވިރިވިރިގެން ދާނޭ ކަމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. އަދި ވަކި ވައްތަރެއްގެ ބުއިމެއް އެބައިމީހުންނަށް ދެވޭހިނދު، އެބުއިން ބުއިމަށް ތައްޓާއި މޫނު ކައިރި ކުރާ ހިނދު އެބައިމީހުންގެ މޫނު ވިރިގެން ހަންތައް އެތަށީ ތެރެއަށް އެޅޭނެއެވެ.
މީގެ އިތުރުން، ހިތައް ބަޔާން ކުރަންވެސް ނުގެނެވޭފަދަ ބިރުވެރި އަޑުތަކެއް ނަރަކައިގެ އަހުލުވެރިން ލައްވާނެއެވެ. އެތަނުގެ ހޫނުކަން އެބައިމީހުންނަށް ތަޙައްމަލު ކުރަން ދަތިވާނެއެވެ. އަދި ބުނެދޭން ނޭނގޭހާ ވަރަށް ނަރަކަ ފުން ވާނެއެވެ.
ނަރަކަވަންތަ ވެރިންގެ ގަހަނާއަކީ ހިލިހިލާއާއި ދަގަނޑެވެ. އެބައިމީހުންނަށް ނަރަކައިގާ ބޯފެނުގެ ގޮތުގައި ލިބޭނީ ކެކިކެކި ހުރި ހޫނު ފެނެވެ.
ބައެއް މީހުންނަށް ހީވާ ގޮތުގައި ނަރަކައިގާ ކޮންމެހެން ކެއިންބުއިމުގެ ބޭނުމެއް ނުޖެހޭނެއެވެ. ނަމަވެސް ނަރަކަވަންތަވެރިން ކާނީ، އެބައިމީހުން ކާން ބޭނުން ވުމުންނޭ ހީކުރުމަކީ ގޯހެކެވެ. ނަރަކަވަންތަވެރިންނަށް މާބޮޑަށް ބަނޑުހައި ހޫނުކަމުގެ އިޙުސާސް ކުރެވޭނެއެވެ. އޭގެ ކުރިން ދުވަހަކުވެސް އިޙުސާސް ކުރެވިފައި ނުވާ ފަދައިންނެވެ. އަދި މީގެ ކުރިން ދުވަހަކުވެސް ފެން ނުބޮވާވަރަށް ކަރުވެސް ހިއްކާނެއެވެ.
ނަމަވެސް ބަނޑުހައިވުމުން، ނަރަކަވަންތަވެރިންނަށް ކާން ލިބެނީ ޒައްޤޫމް އެވެ. ޒައްޤޫމަކީ ކޮންއެއްޗެއް ހެއްޔެވެ؟
ނަރަކައިގާ އިންދާފައިވާ ގަހެއް ވެއެވެ. އެގަހުގެ މޫތައް އުފެދިފައިވަނީ ނަރަކައިގެ އެންމެ އަޑީގައެވެ. އަދި އެގަސް ބޮޑުވަމުން އަންނަނީ ނަރަކަވަންތަވެރިންގެ އަނދަމުންދާ ހަށިތަކާއި ލެއާއި އަލިފާނާއި އެކުއެވެ. އެގަހުގައި އަޅާ މޭވާއަކީ "ޒައްޤޫމް" އެވެ.
ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. "ޒައްޤޫމްގެ ކުޑަ ތިއްކެއްނަމަވެސް މިދުނިޔެއަށް ވެއްޓިއްޖެނަމަ، މުޅި މިދުނިޔެ އެއްކޮށް ފަނާވެ ދާ ހުއްޓެވެ."
މާތް ﷲ އަށް ތަޤްވާވެރި ނުވާ އަޙުލުވެރިންނަށް ހުރި ކާނާއަކީ މިއީއެވެ. އެ "ކާނާ" ނުކައި ސަލާމަތެއް ނުވެވޭނެއެވެ. ބަނޑުހައި ވެގެން ކާއެއްޗަކަށް ބުނުމުން ޒައްޤޫމް ދެވޭނެއެވެ. އަދި ބަނޑު ފުރެންދެން އެކެއުން މަޖުބޫރުވާނެއެވެ.
ކެތް ނުވާވަރަށް ކަރު ހިއްކުމުން، ނަރަކަވަންތަވެރިން ފެނަށް އެދޭނެއެވެ. އަދި އެވަގުތު އެބައިމީހުންނަށް ކެކިކެކި ހުރި ހޫނުފެން ދޭނެއެވެ. އެފެނުގެ ސަބަބުން އެބައިމީހުންގެ މޫނުތައް ކެކެން ފަށައެވެ. އަދި ހަންގަނޑު ވިރެންވެސް ފަށައެވެ.
ފަހެ، ނަރަކަވަންތަވެރިންނަށް އެއްވެސް އަރާމެއް ލިބުމެއް ނުވެއެވެ.
ގުޅުންހުރި ވީޑިއޯ: