މުޖާހަރާ ކުރުމަކީ އެމީހަކުކުރާ ފާފަތައް އަމިއްލައަށް ހާމަކުރުމެވެ. މާތްﷲ މިދުނިޔެމަތީގައި އެކަން ސިއްރުކޮށްދެއްވަވާފައިވާއިރުވެސް މެއެވެ.
ރޭގަނޑު ބޮޑެތި ފާފަތައް ކޮށްފައި ނިދީން ހޭލެވުމުން ފޮޓޯތަކާއިއެކު އެކަންކަން އެބަ ހާމަކުރެއެވެ. މިސާލަކަށް ނައިޓް ކްލަބަކަށް (އެތަނުން އުފާ ހޯދަން) ދިއުމަކީ ކަނޑައެޅިގެން ހަރާމްކަމެކެވެ.
މިޔުޒިކް މުސްލިމުންނަށް ހުއްދައެއް ނޫނެވެ. ނަމަވެސް ބައެއް މީހުން މިޔުޒިކް އަޑުއަހަމުން ތިމަންނަ މިވެނި މީހެއްގެ މިވެނި ރާގެއް އަޑުއަހަނީ ކަމަށް އެބަބުނެއެވެ.
ރޭގަނޑު މިފަދަ ދުނިޔަވީ އުފާތައް ކުރުމަށްފަހު ނިދީން ހޭލެވުމާއިއެކު ނުވަތަ އެކަންކަން ކުރަމުންވެސް ސޯޝަލް މީޑިއާގައި ފޮޓޯއާއިއެކު އެކަންކުރިކަން އެބަ ހާމަކުރަމުއެވެ. އެއިރުން އެކުރެވެނީ ކީއްހެއްޔެވެ؟ އެކުރެވޭ ކަމަކީ މާތް ﷲ އަށް ގޮންޖެހުން ނޫން ހެއްޔެވެ؟ މާތް ﷲ އެކަންކަން ޙަރާމް ކުރައްވަވާފައިވީނަމަވެސް ތިމަންނަ ކޮށްފީމޭ ބުނެ އެކަން މުޅި ދުނިޔެއަށް އިއުލާނުކުރަނީ ނޫންހެއްޔެވެ؟
އެއިރުން އެކުރެވެނީ ކީއްހެއްޔެވެ؟ އެކުރެވޭ ކަމަކީ މާތް ﷲ އަށްވުރެ ތިމާގެ ބާރު ގަދަ ކަމަށް ދައުވާ ކުރެވެނީ ނޫންހެއްޔެވެ؟ އެއިރުން މިވަނީ ކިހިނެއްހެއްޔެވެ؟ ކުރެވުނު ފާފަ އެތައް ގުނައަކަށް ބޮޑުވެ ބިޔަވެގެންދަނީއެވެ.
ކުށެއް ކުރެވިދާނެއެވެ. އެކުށް ކުރިކަން އެހެން މީހަކަށް ނުއަންގާށެވެ. މާތް ﷲ ގެ ޙަޟްރަތުން މާފަށް އެދި ތައުބާވާށެވެ. ކުށެއް ކުރެވުމަކީ އުފާކޮށް ދުނިޔެއަށް އިޝްތިހާރުކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ހިތާމަކޮށް ކަރުނައަޅަންޖެހޭ ކަމެކެވެ.
އަހަރެމެން ފާޚާނާގައި ފޮޓޯއެއް ނުނަގަމުއެވެ. އެއީ ހަޑިކަމަކަށްވާތީއެވެ. މާތް ﷲ ނަހީކުރައްވަވާފައިވާ ކަމެއް ކުރުމުގެ ހުތުރުކަން މާބޮޑެވެ. އެކަން ކުރަމުން ފޮޓޯ ނަގަންވީ ކީއްކުރަން ހެއްޔެވެ؟ ޒަމާނަށް އައި ބަދަލުތަކާއިއެކު ރީތި ކަންކަން ހަޑިވީއެވެ. ހަޑިކަންކަން ރީތިވީއެވެ.
ގުޅުންހުރި ވީޑިއޯ: