ވިޔަރެއާލް އަތުން ބަލިވެ ރިއާލް އިތުރު ހާސްކަމަކަށް

ކިޔުމަށް ހޭދަވާނީ 2މ 10ސ
ވިޔަރެއާލް އަތުން ބަލިވެ ރިއާލް އިތުރު ހާސްކަމަކަށް


ސްޕެނިޝް ލަލިގާގައި ވިޔަރެއާލް އަތުން ބަލިވެ، ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑްއަށް އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރިއާލްގެ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މި މެޗުން ރިއާލް ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ރިއާލްއިން ތަނަވަސް ކުރިއެވެ. އެ ގޮތުން ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ގެރެތް ބޭލްގެ އިތުރުން ވާތު ބެކް މާސެލޯއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް، ގިނަ ފުރުސަތުތައް ރިއާލްއިން ބޭކާރުކޮށްލާފައިވާއިރު، ބައެއް ހަމަލާތައް ވަނީ ވިޔަރެއާލްގެ ގޯލްކީޕަރު ސާޖިއޯ އަސެންސޯ މަތަކޮށްފައެވެ.
ދެވަނަ ހާފުގައި ވެސް ރިއާލްގެ ފަރާތުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސް ކުރަމުން ދިޔަ ނަމަވެސް، ވިޔާރެއާލުން ވެސް ކުޅުން ރަނގަޅުކޮށް ކައުންޓާ އެޓޭކްތަކުގައި ދިޔައީ ރިއާލްގެ ޑިފެންސް ލައިނަށް ޕްރެސާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ލިބުނު ކައުންޓާ އެޓޭކެއްގެ ބޭނުން ހިފައި ވިޔަރެއާލުން މެޗުގެ ލީޑު ނެގީއެވެ. މެޗުގައި ފެނިގެންދިޔަ މި ހަމައެކަނި ލަނޑު ވިޔާރެއާލަށް ކާމިޔާބުކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި ޕަބްލޯ ފޯނަލްސްއެވެ.

ރޭގެ މެޗުން ރިއާލް ބަލިވިއިރު، ވާދަވެރި އެތްލެޓިކޯ މެޑްރިޑް ވަނީ ލީގުގައި ރޭ އެ ޓީމު ކުޅުނު މެޗުން މޮޅުވެފައެވެ. އެއިބާއާ ދެކޮޅަށް އެތްލެޓިކޯއިން ކުރިހޯދީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެތްލެޓިކޯއަށް ކާމިޔާބުކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި ކެވިން ގަމެއިރޯއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއާއެކު ރިއާލަށް ލީގު ނެގުމުގެ އުއްމީދު މުޅިންހެން ގެއްލިފައިވާއިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލިދާނެކަމުގެ ބިރާ ވެސް ރިއާލަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި ލީގުގެ ގަދަ ހަތަރަކުން ރިއާލް ޖާގަ ހޯދަންޖެހެއެވެ.

ރޭ ރިއާލް ބަލުކުރި ވިޔާރެއާލް ލީގު ތާވަލުގެ ފަސްވަނައިގައި ކުޅުނު 19 މެޗުން 31 ޕޮއިންޓް ލިބިގެން އޮތް އިރު، ހަތަރުވަނައިގައި ރިއާލަށް ލިބިފައިވަނީ ކުޅުނު 18 މެޗުން 32 ޕޮއިންޓްއެވެ. ތާވަލުގެ ތިންވަނައިގައި ކުޅުނު 19 މެޗުން 40 ޕޮއިންޓް ލިބިގެން ވެލެންސިއާ އޮތްއިރު، އެތްލެޓިކޯ އޮތީ ކުޅުނު 19 މެޗުން 42 ޕޮއިންޓް ލިބިގެން ދެވަނައިގައެވެ. ލީގު ތާވަލުގެ އެންމެ ކުރި ލިބެނީ ކުޅުނު 18 މެޗުން 48 ޕޮއިންޓާއެކު ބާސެލޯނާއަށެވެ.

ލީގުގައި ރިއާލުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ރިއާލްގެ ކޯޗު ޒައިނުއްދީން ޒިދާނަށް އިތުރު ޕްރެސާތަކެއް ކުރިމަތިލާން ޖެހޭނެކަމަށް ބެލެވެއެވެ. އޭނާގެ މަޤާމުގައި ދެމިހުރިދާނެކަމުގެ ޔަޤީންކަން އޭނާއަށް ގެއްލެމުންދާކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.


މިއަދު އޮންލައިން