ސިޓީއިން ލީގުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ލިވަޕޫލްއިން ނިމުން ގެނެސްފި

ކިޔުމަށް ހޭދަވާނީ 1މ 46ސ
ސިޓީއިން ލީގުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ލިވަޕޫލްއިން ނިމުން ގެނެސްފި


މެންޗެސްޓާ ސިޓީއިން މި ސީޒަންގެ އިނގިރޭސި ޕްރެމިއާ ލީގުގައި ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށް ލިވަޕޫލްއިން ނިމުން ގެނެސްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގައި ލިވަޕޫލްއިން ސިޓީ ބަލިކުރީ 3-4 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ދިޔަ މި މެޗުގެ 9 ވަނަ މިނެޓުގައި ލިވަޕޫލްގެ އަލެކްސް އޮކްލޭޑް ޗެމްބަލެއިންގެ ލަނޑުން ލީޑު ނެގިއިރު، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ ލީރޯއީ ސާނޭ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ލިވަޕޫލްއިން ސިޓީގެ ގޯލަށް ފުލުފުލުގައި ނުރައްކާކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 59 ވަނަ މިނެޓުގައި ރޮބާޓޯ ފަމީނިއޯ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މެޗުގެ ލީޑު ލިވަޕޫލަށް ހޯދައިދިނެވެ. އޭގެ ފަހުން، މެޗުގެ 61 ވަނަ މިނެޓުގައި ލިވަޕޫލްގެ ސާޑިއޯ އިތުރު ލަނޑެއް ޖެހިއިރު، މެޗުގެ 68 ވަނަ މިނެޓުގައި މުހައްމަދު ސަލާހުގެ ލަނޑުން ލިވަޕޫލަށް ތިން ލަނޑުގެ ލީޑެއް ނަގައިދިނެވެ.

ލިވަޕޫލުން ތިން ލަނޑުގެ ލީޑެއް ނެގިއިރު، ސިޓީއިން ކުޅުން ރަނގަޅުކޮށް މެޗުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތްކުރަން ފެށިއެވެ. އެ ގޮތުން މެޗުގެ 84 ވަނަ މިނެޓުގައި ސިޓީގެ ބާނާޑޯ ސިލްވާ ލަނޑެއް ޖެހިއިރު، މެޗުގެ ފަހު މިނެޓުކޮޅުގެ ތެރޭގައި އިލްކޭ ގުންޑަގަން ލަނޑެއް ޖަހައި، ލިވަޕޫލްގެ ލީޑު ލަނޑަކަށް ތިރިކުރިއެވެ. އެހެން ނަމަވެސް މެޗު ނިމުމުގެ ކުރިން ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމައެއް ނުކުރެވުނެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް، ލީގު ތާވަލުގެ އެންމެ ކުރީގައި އޮތީ ސިޓީއެވެ. ސިޓީއަށް ލިބިފައިވަނީ ކުޅުނު 23 މެޗުން 62 ޕޮއިންޓްއެވެ. ރޭގެ މެޗުން މޮޅުވި ލިވަޕޫލް ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ލިވަޕޫލަށާއި ލީގު ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށާއި ހަތަރުވަނައިގައި އޮތް ޗެލްސީއަށް ވެސް ލިބިފައިވަނީ 47 ޕޮއިންޓެވެ. ލިވަޕޫލާއި ޗެލްސީގެ މައްޗަށް ޔުނައިޓެޑަށް ކުރި ލިބެނީ ލަނޑު ފަރަޤުން ކުރި ލިބޭތީއެވެ.

އިނގިރޭސި ލީގުގައި މިރޭ ބައްދަލުކުރާނީ ޔުނައިޓެޑާއި ސްޓޯކް ސިޓީއެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަން 1:00 ގައެވެ.

މިއަދު އޮންލައިން