ފަހަތުން އަރާ ރިއާލް ސޮސައިޑޭޑް ބަލިކޮށް ބާސާ އަދިވެސް އެއްވަނައިގައި

ކިޔުމަށް ހޭދަވާނީ 1މ 20ސ
ފަހަތުން އަރާ ރިއާލް ސޮސައިޑޭޑް ބަލިކޮށް ބާސާ އަދިވެސް އެއްވަނައިގައި


ސްޕެނިޝް ލަލިގާގައި ރޭ، 2-4 ގެ ނަތީޖާއިން ފަހަތުން އަރާ ރިއާލް ސޮސައިޑޭޑް ބަލިކޮށް، ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ.

ރިއާލް ސޮސައިޑޭޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލީޑު އެ ޓީމަށް ނަގައިދިނީ މެޗުގެ މެޗުގެ 11 ވަނަ މިނެޓުގައި ވިލިއަން ހޯސޭއެވެ. އެއަށްފަހު، މެޗުގެ 34 ވަނަ މިނެޓުގައި ރިއާލް ސޮސައިޑޭޑްގެ ޖުއާންމީ ލަނޑެއް ޖަހައި ލީޑު ފުޅާކުރި ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ބާސާގެ ޕައުލީނިއޯ ލަނޑެއް ޖަހައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމަށް ހިތްހަމަޖެހުން ގެނެސްދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ރިއާލް ސޮސައިޑޭޑް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބާސާއިން ނަތީޖާ އަނބުރާލުމަށްޓަކައި މަސައްކަތްކުރަމުން ދިޔައެވެ. އެގޮތުން، މެޗުގެ 50 ވަނަ މިނެޓުގައާއި 71 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުތަކުން ބާސާއަށް ލީޑު ނަގައިދިނެވެ. މެޗުގައި ފެނިގެންދިޔަ ބާސާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 85 ވަނަ މިނެޓުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު، ބާސާއިން ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިގެން އޮތީ ކުޅުނު 19 މެޗުން 51 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 19 މެޗުން 42 ޕޮއިންޓް ލިބިގެން ތާވަލުގެ ދެވަނައިގައި އެތްމެޓިކޯ މެޑްރިޑް އޮތް އިރު، ތިންވަނައިގައި ވެލެންސިއާ އޮތީ ކުޅުނު 19 މެޗުން 40 ޕޮއިންޓް ލިބިގެންނެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ 32 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއެކު، ޔޫރަޕްގެ ގަދަ ފަސް ލީގުގައި އަދި އެއްވެސް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ބާސާއެވެ.

މިއަދު އޮންލައިން