ކައިވެނިތައް ރޫޅެނީ މައިން ބަފައިންގެ އުރުތެރޭގައި ތިބެގެން ކައިވެނިކޮށް ދިރިއުޅުމަކީ ފިލްމަކަށް ހަދާތީ!: ދަރުސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކައިވެނިތައް ރޫޅެނީ މައިން ބަފައިންގެ އުރުތެރޭގައި ތިބެގެން ކައިވެނިކޮށް ދިރިއުޅުމަކީ ފިލްމަކަށް ހަދާތީ!: ދަރުސް
މިހާރަކަށް އައިސް ގިނަ އަދަދެއްގެ ޒުވާނުން ކައިވެނިކުރަނީ މައިންބަފައިންގެ އުރުތެރޭގައި ތިބެގެންނެވެ. މައިން ބަފައިންގެ އެހީގައި ދިރިއުޅެމުންނެވެ. އަމިއްލައަށް އެއްވެސް ކަމެއްގެ ޒިންމާއެއް ނުނަގައެވެ. ކޮންމެ ކަމެއްގައިވެސް ބުރަވަނީ ކޮންމެވެސް އެހެން މީހަކަށެވެ.

ފިލްމެއް ބަލައިލީމާ ފެންނަ ގޮތަށް ދިރިއުޅުމުގެ ހުރިހާ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް ބަލައިގެން ކައިވެނިކުރާކަން އެއީ ވެސް ކައިވެނި ރޫޅެން ދިމާވާ ސަބަބެކެވެ. ފިލްމުގައި ފެންނާނީ މައްސަލަތައް ޖެހޭތަނާއި ކޮންމެވެސް ގޮތަކުން މައްސަލަތައް ހައްލުވެ އަލުން އުފަލުގައި އުޅޭތަނެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވާ ހަޤީޤީ މައްސަލަތަކަކީ އެހައި ފަސޭހައިން ހައްލުކުރެވޭ މައްސަލަތަކެއް ނޫނެވެ.

ކައިވެނި ކުރުމަށް ވިސްނާމީހާ ފުރަތަމަ އަމިއްލަ ނަފުސާކުރަންޖެހޭ ސުވާލަކީ ތިމާ އެކަމަށް ތައްޔާރުތޯއެވެ؟ ދެމަފިރިން އެކުގައި ނިދަން ތައްޔާރުވުމަކުން އެއީ ކައިވެންޏަށް ތައްޔާރުވެވުނީއެއް ނޫނެވެ. ކައިވެންޏަށް ތައްޔާރުވުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ތިމާއަކީ ފުދުންތެރިއަކަށްވުމެވެ. އެއަށްފަހު އަނބިމީހާގެ ހުރިހާ ޒިންމާތަކެއް އުފުލުމުގެ ޤާބިލުކަން ތިމާއަށް ލިބުމެވެ.

(ދިރިއުޅެން ކުރަން ޖެހޭ ޚަރަދުގެ އެއްބައި އަނބިން ލައްވައި ކުރުވަންޖެހޭނަމަ އަނބިމީހާއަށް އަމުރުކުރުމަށް ތިބާއަށް އޮތީ ކޮން ބާރެއް ހެއްޔެވެ؟ ފިރިމީހާއަށް ބާރުތައް ލިބެނީ ޝަރުޠުތަކަކާއިއެކުގައެވެ. އެ ޝަރުޠުތައް ފުރިހަމަ ނުކުރެވޭނަމަ ޢާއިލާގައި ހުންގާނެއް ނުހުންނާނެއެވެ.

ހުންގާނު ހުރިނަމަ ކެޕްޓަނެއް ނުހުންނާނެއެވެ. އަމުރުކުރާނީ ކާކުކަން އޮންނާނީ އޮޅިފައެވެ. އެހިސާބުން އުފެދޭނީ މައްސަލަތަކެވެ.)
މިއަދުގެ 16 އަހަރުގެ ޒުވާނުންނާއިމެދު ދެކެވެނީ ކުޑަކުދިންގެ ގޮތުގައެވެ. އެކުދިންގެ ހުރިހާ ކަމެއް ކޮށްދޭނީ މައިންބަފައިންނެވެ. ނަމަވެސް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޒަމާނުގައި އެކަން އޮތީ އެހެނެއް ނޫނެވެ. އިސްލާމް ދީން ކުރިއެރުވުމަށް އަޅަންޖެހުނު ފިޔަވަޅުތައް ރޭއްވެވުމުގައި 16 އަހަރުގެ ޒުވާނުން އިސް ދައުރެއް އަދާކުރިއެވެ. ޤައުމުތަކުގެ އިސްވެރިންގެ ގޮތުގައި އެފަދަ ޒުވާނުން ފޮނުއްވެވިއެވެ.

މިއަދުވެސް 16 އަހަރެވެ. އެއިރުވެސް 16 އަހަރެވެ. އެންމެ ދުވަހެއްވެސް ތަފާތެއް ނުވެއެވެ. ހަމައެކަނި ތަފާތަކީ ޒިންމާ ނެގުމުގެ ތަފާތެވެ. އަމިއްލަ ޒިންމާތައް އަމިއްލައަށް ނަގަން ކެރުމުގައި ހުރި ތަފާތެވެ.

އެހެންކަމުން ކައިވެނިތައް ނުރޫޅައި ރަނގަޅު ގޮތުގައި ދެމެހެއްޓޭނީ މިއަދުގެ ޒުވާނުންނަކީ ވެސް ޒިންމާތައް ނަގަން އެނގޭ އެކަމުގެ ޤާބިލުކަން ތިމާގެ ކިބައިގައި ހުރި ބައަކަށް ވެގެންނެވެ. ތިމާގެ ކިބައިގައި ހިވާގިކަން ހުރެގެންނެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން