ވަރުގަދަކުރަންވީ އީމާންކަމެވެ. އިބްރާހީމްގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނު އަލިފާން ގަނޑަށް އެއްލައިލި ދުވަހަށް ވިސްނާށެވެ. ބިންމަތީގައި ހުންނެވި ހަމައެކަނި މުސްލިމަކީ އިބްރާހީމްގެފާނެވެ. އެކަލޭގެފާނަށް މަދަދެއް ދޭނެ ހަމަ އިތުރު އެކަކުވެސް ނެތެވެ. އެންމެންވެސް ބޭނުންވީ އެކަލޭގެފާނު އަންދައިލުމަށެވެ.
އެފަދަ ވަގުތުގައިވެސް އިބްރާހީމްގެފާނު ކުރެއްވެވީ ދުޢާއެވެ. ހުރިހާ ކަމެއް މާތް ﷲ އަށް ވަކީލުކުރެއްވެވީއެވެ. "ޙަސްބިﷲ- ވަނިޢުމަލްވަކީލް" މިދުޢާއެވެ. ކުރުކުރު ދުޢާއެކެވެ. ނަމަވެސް ދުޢާގެ ބާރު އެހައިމެ ވަރުގަދައެވެ. އެބޮޑު ބިޔަ އަލިފާންގަނޑު އެކަލޭގެފާނަށްޓަކައި ބަގީޗާއަކަށް މާތް ﷲ ބަދަލުކޮށްލެއްވެވީ އެ ދުޢާއިންނެވެ.
މިދުޢާ ވަރަށް ފަސޭހައިން ދުލުން ކިޔައިލެވިދާނެއެވެ. ނަމަވެސް މިދުޢާ ފުރިހަމަގޮތުގައި ކުރެވޭނީ ހިތުގައި އީމާންކަން ވަރަށް ވަރުގަދައަށް އޮވެގެންނެވެ. ތިމާގެ ހުރިހާ ކަމެއް މާތް ﷲ އަށް ވަކީލުކުރުމުގެ ބާރު ވަރަށް ފުރިހަމައަށް ލިބިގެންހުރެއެވެ.
ދަންނާށެވެ. ދުޢާ ކުރުމާއިއެކުވެސް އެކަމަކުން ސަލާމަތް ވުމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ.
މިފަދަ ބާރުގަދަ ދެވަނަ ދުޢާއަކީ ޔޫނުސްގެފާނު ކަނޑަށް އެއްލައިލެވުމުން (މަހުގެ ބަނޑުގައި އޮންނަވައިގެން) ކުރެއްވެވި ދުޢާއެވެ. "ލާއިލާހަ އިއްލާއަންތަ ސުބްހާނަކަ އިންނީ ކުންތު މިނައްޟާލިމީން" މިދުޢާއެވެ.
މި ދެ ދުޢާ ދަސްކުރާށެވެ. މި ދުޢާމަތީގައި ދެމިހުންނާށެވެ. ހުރިހާ ކަމެއް ދާނީ ފުރިހަމަވަމުންނެވެ.
ގުޅުންހުރި ވީޑިއޯ: